ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން ގަލްފުގެ ގައުމުތަކުންނާއި ޖޯޑަން އިން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު ރާއްޖެއިން ކޯ-ސްޕޮންސާ ކޮށްފިއެވެ.

އެ ގަރާރަކީ ބަހުރައިން، ކުވައިތު، ގަތަރު، ސައޫދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، އަދި ޖޯޑަން އިން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރެކެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ގަރާރުގައި ހޮރްމޫޒު ކަނޑުއޮޅި އާއި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި މިނިވަންކަމާ އެކު އުޅަނދު ފަހަރު ދަތުރުފަތުރު ކުރުމުގެ ހައްގުތަކާއި ބައިނަލްއަގުވާމީ ވިޔަފާރި އާއި މުދާ އުފުލާ ނިޒާމުތައް ހިމާޔަތްކުރުމާ ގުޅޭގޮތުން ހުށަހަޅާ ފައިވާ ގަރާރެކެވެ.

އެ ގަރާރު ރާއްޖެ އިން ކޯ ސްޕޮންސާ ކުރަން ނިންމި ނިންމުމުގެ ސަބަބުން، ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ ހިމެނޭހެން ކަނޑުގެ ގާނޫނުތަކާ ގުޅޭގޮތުން ރާއްޖެއިން ގަބޫލުކުރާ އުސޫލުތަކާއި މިނިވަންކަމާ އެކު އުޅަނދުފަހަރު ދަތުރުފަތުރު ކުރުމުގެ ހައްގު ދެމެހެއްޓުމާއި އަދި ކަނޑުގެ ގާނޫނުގެ ދަށުން ރާއްޖެ ފަދަ، އާޗިޕެލަޖިކް ގައުމުތަކަށް ލިބިގެންވާ ހާއްސަ ހައްގުތަކާއި އިހުތިސޯސްތަކަށް އެއްވެސް އުނި ކަމެއް ނާންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ ނިންމުން ނިންމާފައިވަނީ މި ގަރާރުގެ ސަބަބުން ރާއްޖޭގެ ގައުމީ މަސްލަަތަށް ނުވަތަ ކަނޑުގެ ސަރަހައްދީ އިހުތިސާސަށް ނުވަތަ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ޖަޒީރާ ގައުމުތަކަށް ލިބިގެންވާ ހައްގުތަކަށް އަސަރުކޮށްފާނެ ފަދަ އެއްވެސް މާނަ ކުރުމަކަށް އަމަލު ކުރަން ރާއްޖެ އިން އިސްތިސްނާވާ ގޮތުގެ މަތިން ކަމަށެވެ.

ގަލްފުގެ މަސްރަހު އިތުރަށް ގޯސްވިޔަނުދީ, ބައިނަލްއަގުވާމީ ވިޔަފާރި އާއި މުދާ އުފުލާ ނިޒާމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން ކުރިމަތިވަމުންދާ އަދި ކުރިމަތިވެދާނެ ދަތިތައް ކުޑަކުރުމަށް އިސްކަން ދިނުމަށް ރާއްޖެ އިން ދަނީ ބާރުއަޅަމުން ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.