ރާއްޖެއަށް ބޭނުންވަނީ އިދިކޮޅު ޒިންމާދާރު ސިޔާސީ ފަރާތްތަކެއް ކަމަށާއި، ބަތް ކައްކާކުޅި ކުޅޭ ބަޔަކު މި ގައުމަށް ބޭނުންނުވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީން މިރޭ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އިބްރާހިމް މުހައްމަދު ސޯލިހް އަދި އަބްދުﷲ ޔާމީނަކީ ސިޔާސީ ގޮތުން ފެއިލްވެފައިވާ ބޭފުޅުން ކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ ޕޮލިސީތަކަށް އަދި މި ސަރުކާރުން ކުރާ މަސައްކަތްތަކައް އިދިކޮޅު ފަރާތްތަކަށް ޖަވާބެ ނުދެވޭ ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދެމުންދާ ގޮތާއި ބެހޭގޮތުން އަދި ނަތީޖާ ނެރެދެމުންދާ ގޮތާއި ބެހޭގޮތުން މިއަށްވުރެ ރަނގަޅަށް ކަންކަން ކޮށްދޭނެކަމަށް ބުނެވޭނެ އިދިކޮޅު ލީޑަރެއް ނެތް ކަމަށެވެ.

"ސިޔާސީ މަސައްކަތް ކުރަން މިތަނަށް ޒިންމާދާރު އޮޕަޒިޝަނެއް އަޅުގަނޑުމެން އެބަ ބޭނުންވޭ. އަޅުގަނޑުމެން އެންމެން ދުއާ ކުރަންވީ މިތަނަށް ޒިންމާދާރު އޮޕަޒިޝަނެއް އަންނާނެ ދުވަހަކަށް. މިއުޅޭ ބަތް ކައްކާ ކުޅޭ މިގޮތަށް ސަކަރާތް ޖަހާ ދެ އިއުޅިއެއްނުވާ ފަރާތްތަކެއް މިތާ އޮޕަޒިޝަން ގޮތުގަ އޮވެގެން ގައުމަށްވާނެ ފައިދާއެއް ނެތް" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ މެދުގައި އޮތީ އަމިއްލަ އެދުން ކަމަށެވެ. ޒިންމާދާރު އިދިކޮޅު ބައެއްގެ ގޮތުގައި ކަންކަން ކުރުމުގެ ވައްޓަފާޅިއެއް އެ ފަރާތްތަކުގެ ތެރޭގައި ނެތްކަމަށް ރައީސް ވިދާޅުވިއެވެ.

"އެ ފަރާތްތަކުގެ ތެރޭގައި މުޅިންވެސް އޮތީ އަމިއްލަ އެދުން. އެކަކު އަނެކަކަށް އިހްލާސްތެރިކަމެއް ނެތް. ރަހުމަތްތެރިކަމެއް ނެތް. ގައުމު އިސްކުރުމެއް އަދި އަމުދުން ނެތް" ރައީސް ވިދާޅުވިއެވެ.