ޓަކިދެމުން އަޒީލާ މަޑުކޮށްލީ ޒަރާރް ދޮރުހުޅުވަންދެކަށެވެ. ވާހަކަ ފަށާނެ ގޮތަކާ މެދު ތަފާތު އެކި ގޮތްގޮތަށް އޭނަ ފިކުރު ހިންގިއެވެ. އޭނަގެ ނިޔަތާ މެދު ޝައްކެއް ނުއުފެދޭނެހެން ކުރިއަށް ދެވެން އޮތީ ޒަރާރްގެ އިތުބާރު ހޯދައިގެންނެވެ. އެހެންކަމުން ހިތުގައި ވި ރުޅިވެރިކަމުގެ އިހުސާސްތަކާ ދުރުވެވޭތޯ މަސައްކަތްކުރިއެވެ. ގަދަކަމުން ހިނިތުންވެލައި މަތިއޮމާންކޮށްލަން އުޅުނެވެ. ޒަރާރް ދޮރުހުޅުވީ އެވަގުތެވެ.

އަޒީލާ ފެނުމުން ޒަރާރްއަށް ލިބުނީ ހައިރާންކަމެވެ. ޤަބޫލުކުރަން އުނދަގޫވެފައިވާ ހާލު ބަލަން ހުރެވުނެވެ. ފަހަރެއްގައި ވެސް އޭނައާއި ބައްދަލުކުރަން އަޒީލާ އައިސްފާނެ ކަމަކަށް ޒަރާރް ހިޔެއް ނުކުރެއެވެ. ޢާއިލާގެ މަސްލަހަތަށްޓަކައި އަޒީލާއަށް މަޢާފްކުރަން ގަސްދުކުރިކަމުގައި ވިޔަސް، އަޒީލާއާއި އޮތް ގުޅުން ބަދަހިކުރާނެ ގޮތެއް ޒަރާރްއަކަށް ނޭނގެއެވެ. އެއްކޮޅުން ބޮޑުދައިތަގެ އިންޒާރުތަކެވެ. އަނެއްކޮޅުން މަރުބައްޔާ ހަމައަށް މަންމަ އުފުލި ހިތާމަތަކާއި ވޭތުކުރި އެކަނިވެރި ހަޔާތެވެ. މަންމަގެ ލޮލުން އޮހޮރުނު ކޮންމެ ކަރުނަތިއްކެއްގެ އަސްލާއި ގުޅިފައިވަނީ އަޒީލާ އެވެ. މިހާރު އޭނަގެ މަންމަގެ މަޤާމުގައި ވެސް ހުރީ އަޒީލާ އެވެ. ޒަރާރްގެ މޭގައި އުފެދުނީ ބަޔާންކުރަން ދަތި އަދި އެހާމެ އުނދަގޫ ޖަޒުބާތެކެވެ.

''އެތެރެއަށް ވަނަސް އެންމެ ރަނގަޅުތަ؟...'' އަޒީލާ ބުނެލިއެވެ.

ޒަރާރް ހަމައެކަނި ބޯޖަހާލީއެވެ. ކުރިއަށް ވުރެން ބޮޑަށް ދޮރު ހުޅުވާލަމުން އެއްފަރާތަކަށް ޖެހިލިއެވެ. އެއީ ދައުވަތެއްކަމުގައި ދެކެމުން އަޒީލާ އެތެރެއަށް ވަނެވެ. އޭނަގެ ނަޒަރު ކޮޓަރިއަށް ދަތުރުކޮށްލިއެވެ. މުޅިތަނުން ފެނުނު ސާފުތާހިކުރަކަމުން މޫނުމަތީގައިވި މަސްނޫއީ ހިނިތުންވުން ނުގެއްލުނީ ކިރިޔާއެވެ. އަޒީލާ ޤަބޫލުކުރާ ގޮތުގައި އެއީ ދެއްކުންތެރިކަމެވެ. ކޮންމެވެސް ނުބައި ހަސީލަތެއްގެ ފަރުދާއެވެ. ރަނގަޅު އަދި ހަރުދަނާ މީހަކަށް ވެގެން އުޅެނީ މުހުތާދެއް ހާސިލް ކުރާށެވެ. ބަދަލުހިފުމުގެ ރޫހު ޒަރާރްގެ ހަށީގައި ނުވާނެކަމަށް އޭނަ ދުވަހަކު ޤަބޫލެއް ނުކުރާނެއެވެ.

އަޒީލާ އިށީނީ ސޯފާގައެވެ. އެއަށްފަހު ޒަރާރްއަށް އޭނަ ބަލައިލިއެވެ.

ޒަރާރް ވެސް ސޯފާގައި އިށީނެވެ. ކޮޓަރިއަށް ވެރިވީ އާދަޔާ ޚިލާފު ހަމަހިމޭންކަމެވެ.

''ޒަރާރް... ދައްތަ ބޭނުން ވާހަކައެއްދައްކަން؟، އެންމެ ރަނގަޅުތަ؟...'' އަޒީލާ ގޮވާލުމުން ޒަރާރް ބޯޖަހާލިއެވެ.

''ވަރަށް އުނދަގޫ ޒަރާރްއާއި ހިއްސާކުރަން...'' ޒަރާރްގެ ޝައުޤުވެރިކަން ހޯދުމުގެ ނިޔަތުގައި އަޒީލާ ބުންޏެވެ.

''ކޮންމެ ވާހަކައެއް ދެއްކިޔަސް އަޅުގަނޑު އަޑުއަހާނަން...'' ޒަރާރް ބުންޏެވެ. އޭނަ އަޒީލާއަށް ބަލައިލީ ބަހުގެ ޔަޤީންކަން ދިނުމަށެވެ. ޒަރާރްއާށް ހީކުރެވުނީ މާޒީގެ ސަބަބުން އަޒީލާ ފަސްޖެހެނީ ކަމަށެވެ. އަޒީލާގެ ނުބައި މަޤުސަދެއް އޮވެދާނެ ކަމަށް ޝައްކެއްނުކުރެވުނެވެ.

''ޒަރާރް ހާދަ ރަނގަޅޭ... ކިހިނެއްތަ ތިހާ ދުރުވިސްނޭ ކުއްޖަކަށްވީ؟...'' އަޒީލާގެ ނަޒަރު ޒަރާރްގެ މޫނާ ވަކިނުވެއެވެ.

''އަޅުގަނޑުގެ މަންމަ...'' ޒަރާރް ބުނަން އުޅުނެވެ. ނަމަވެސް އަޒީލާގެ ގާތުގައި މަންމަގެ ވާހަކަތައް ދެއްކުން ފަސޭހައެއް ނުވިއެވެ.

''ޒާރާ؟... މިހެން މި އެހީ މެލޭއަށް ބަދަލުވިފަހުން ޒާރާ ވަރަށް ބަލިވެ އުޅުނު ޚަބަރު ލިބުނީމަ، ޒަރާރް ބެލީ ރަހުމާއެއް ނޫންތަ؟... އަހަންނަށް އެނގޭ ވެދިޔަ ކަންތަކުގައި އެންމެން ވެސް ކުށްވެރިކުރަން ބޭނުންވަނީ އަހަރެންކަން، އޭރު ޒަރާރް ވެސް ނުލާހިކު ކުޑަވާނެ، އެހެންވުމުން އަހަރެން ދެކެ ޒަރާރް ފަހަރެއްގައި ރުޅިއައިސްފާނެ...'' އަޒީލާގެ އަޑަށް ވެރިވީ މޮޅިވެރިކަމެވެ.

''އަޅުގަނޑު ރުޅިއެއް ނާދޭ، އެއީ މާޒީ... މާޒީއަކީ ވެ ނިމިފަ އޮތްކަމެއް، އެދުވަސްތައް އަލުން އަނބުރާ ގެނެސްގެން ވާނެ ފައިދާއެއް ނެތް...'' ޒަރާރް ބޭނުންވީ އޭނަގެ ހިތުގައި އަޒީލާއާ މެދު ދެކޮޅުވެރިކަމެއް ނުވާކަން ހާމަކޮށްދޭށެވެ. އެއް އިރެއްގައި އެއިހުސާސްތައް ވިހައިގެ ސިފައިފައި މޭގައި ދައުރުކުރިއެވެ. މަންމަގެ ގިލަންވެރިކަމާއި ކަރުނަތައް ބަރުދާސްތުކުރަން އުނދަގޫވި ހިނދުގައި އުތުރިއަރަން ފެށި ޖަޒުބާތެކެވެ. އެހެނަސް، ރުޅިއާއި ނަފުރަތުގައި އެކުލެވިގެންވި ޝައިތާނީ ވަސްވާހާއި، އެކަމުގެ ސަބަބުން ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތައް ފަހުމުވުމުން މަންމަގެ ނަސޭހަތުގައި އޭނަ ހިފިއެވެ. މިއަދު މި ހުރި ހާލަތަށް އާދެވުނީ އެހެންވެގެންނެވެ. އެއްވެސް އިންސާނަކީ އެންމެ ފުރިހަމަ މީހަކަށް ނުވާނެއެވެ. އިންސާނީ ފިތުރަތާއި ތަބީއަބުގައި އުނި ސިފަތަކެއް ހުންނާނެއެވެ. އޭނަގެ މިޒާޖުގައި ހުރި އުނިސިފަތައް ދެނެގަނެ ޒަރާރް ބޭނުންވަނީ އެއަށްވުރެން ރަނގަޅު މީހަކަށް ވާށެވެ.

''ތިބުނީ ތަދެއް، މާޒީން ލިބޭނެ މަންފާއެއް ނެތް...'' އަޒީލާ ބުންޏެވެ. ''ޒަރާރްއަށް ވެސް ލޯބި ވެވުނީމަ އެނގޭނީ އެއީ ކިހާ ވަރުގަދަ އިހުސާސެއްކަން... ލޯބިވާ ކުއްޖަކު ހުރޭތަ؟...''

ޒަރާރްގެ މޫނަށް ފަރުވާތެރިކަމާއެކު އަޒީލާ ބަލައިލިއެވެ. އޭނަގެ ސުވާލަށް ޒަރާރް ޖަވާބު ދޭނެ ގޮތަކާ މެދު ޝައުޤުވެރިވިއެވެ. ޒަރާރްގެ ބަލިފަޔެއްވާނަމަ ހޯދަން އަޒީލާ ހުރީ އަތުކުރިއޮޅައިގެންނެވެ.

''ނުހުރޭ...'' ޒަރާރް ޖަވާބު ދިނެވެ.

''ކަމުދާ ކުއްޖަކު ވެސް ނުހުރޭތަ؟...'' އަޒީލާ އިތުރުކޮށްލިއެވެ.

އަޒީލާގެ ސުވާލާއެކު ޒަރާރްއަށް ތަސްވީރުކުރެވުނީ ތަނާލް އެވެ. އެދެމެދުގައި ބަދަހިވަމުން އައި އެކުވެރިކަމުގެ ގުޅުމެވެ. ހިތުގައި އުފެދިގެން އައި ޝުއޫރުތަކާ ދުރުވާން ވަގުތުން އަމިއްލަ ނަސުފަށް މަޖުބޫރުކުރުވިއެވެ. އެހެންނޫންނަމަ އޭނައާއި ތަނާލްގެ އެކުވެރިކަމަށް ނިމުމެއް އައިސްފާނެއެވެ. ފަހަރެއްގައި ވެސް އެފަދައިންވާން އޭނަ ބޭނުމެއް ނޫނެވެ. ފޫހިކަމެއް ނެތި ތަނާލްއާއި ވާހަކަދައްކާލެވޭތީއެވެ. ޝުޢޫރުތައް ބަންޑުންކޮށްލެވެތީއެވެ. އެއީ ހާއްސަ ގުޅުމެކެވެ.

''މިވަގުތު ކެރިއާރއަށް ފޯކަސް ހުރީ...'' ޒަރާރް ހިނިތުންވެލިއެވެ.

އަޒީލާއަށް ލޮލުގެ ކަޅި މައްޗަށް އަރުވާނުލެވުނީ ކިރިޔާއެވެ. ގަދަކަމުން އޭނަ ހިނިތުންވެލިއެވެ. ޒަރާރްގެ ދުލުން އެއްޗެއް ބުނުވަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އެއަށްވުރެން ބޯހަރެވެ.

''ޒަރާރް ގާތު ކަމަކު އެދެންވެގެން ދައްތަ މިއައީ...'' ރުންކުރުވެދާނެހެން ހީވާން ފެށުމުން އަޒީލާ އަވަސްކޮށްލިއެވެ. ރުހުމުގައި ޒަރާރްއާއި ވާހަކަދައްކަންވުމުން އޭނަގެ ޖިސްމުގައި ތޫނު ރިހުމެއް އުފެދުނެވެ. ފާޑެއްގެ ހޫނެއް އެތެރެހަށިން ބޭރުވާހެން ހީވިއެވެ.

ޒަރާރްއަށް އެއްޗެއް ބުނުމުގެ ފުރުސަތު ދިނުމަކާއި ނުލައި އަޒީލާ ފެށީ ދައްޔާންގެ މައުޟޫންނެވެ. ދައްޔާނަށް ޒަރާރްގެ ހަމްދަރުދީ ލިބޭނެހެންނެވެ.

''މިވަގުތު ދާންއަށް ގައިޑެންސް ވަރަށް މުހިންމު، ޒަރާރްއަށް އެގައިޑެންސް ދެވޭނެ... ޒަރާރްގެ ދަށުން މަސައްކަތްކުރަން ފެށީމަ ކުރިއަށް ވުރެން ބޮޑަށް ޒިންމާދާރުވެދާނެހެން ދައްތައަށް ހީވަނީ... ކުދިކުދި ޒިންމާތަކެއް ދިނީމަ މަސައްކަތަށް ފަރުވާތެރިވާން ފަށާނެ... ތިދެބެއިންގެ ރިލޭޝަން ރަނގަޅުވާން ދައްތަ ވަރަށް ބޭނުން... ކީކޭތަ ޒަރާރް ބުނަނީ، އެއްބަސްދޯ؟...'' އަޒީލާ ބުންޏެވެ.

އަޒީލާގެ ހުށަހެޅުން ޒަރާރްއަށް ކަމުދިޔައެވެ. ނަމަވެސް އެކަމަށް ދައްޔާންގެ ރުހުން ލިބިދާނެކަމާމެދު ސުވާލު އުފެދުނެވެ. ދައްޔާން އެއްބަސްވެއްޖެނަމަ ކިތަންމެހާ ވެސް ރަނގަޅެވެ.

''ދާންއަށް އެނގޭތަ؟...'' ޒަރާރް އެހިއެވެ.

''އެކަމާ ޒަރާރް ހާސްނުވޭ...'' އަޒީލާ ބުނެލިއެވެ.

އަޒީލާގެ ޖުމްލައިން ޒަރާރްގެ ހިތުގައި ޝައްކު އުފެދުނެވެ. ބޭއިހްތިޔާރުގައި އޭނައަށް ބުމަ ކައިރިކޮށްލެވުނެވެ. އެއީ ނުބައި ފާލެއްކަން ރޭކާލުމާއެކު ޒަރާރްގެ ގާތަށް އަޒީލާ ޖެހުނެވެ.

''ދައްތަ ދާންއަށް ވިސްނަދޭނަން، އޭރުން ދާން ޤަބޫލުވާނެ... ދައްތައަށް މިކަންތައް ކޮށްދޭނަންދޯ؟...'' އުއްމީދާއެކު އަޒީލާ ބުންޏެވެ. ހިޔަޅު ބުއްދިއާއެކު އޭނަގެ މުހުތާދުތަކާ ހަމައަށް ވާސިލްވިއެވެ.

''އަޅުގަނޑު ބައްޕައާއި ވާހަކަދައްކާނަން...'' ބައްޕައާއި މަޝްވަރާކުރުމެއް ނެތި ޖަވާބެއް ދޭން ޒަރާރް ފަސްޖެހުނެވެ.

''އުހޫނ، ބައްޕަ ގާތު ބުނުމަށްވުރެން ރަނގަޅުވާނީ ކާފަ ގާތު ދެއްކިއްޔާ...'' މަސްރޫރާއި ޒަރާރްއާ ދެމެދު ހަމަނުޖެހުން އުފެދޭނެ ޚިޔާލެއް އަޒީލާ ދިނެވެ.

''ކާފަ؟...'' ޒަރާރްއަށް އަހާލެވުނެވެ.

''އާނ، ކާފަގެ ހުއްދަ ހޯދުން އެންމެ ބުއްދިވެރިގޮތަކީ، ކާފަގެ ރުހުން ލިބުމުން ދާންއަށް ވެސް ހިތްވަރެއް ލިބޭނެ...... ކާފަގެ ފަރާތުން ބައްޕައަށް އެނގުން ރަނގަޅުވާނީ...'' އަޒީލާ ބުންޏެވެ.

ވިސްނާލަމުން އަޒީލާގެ ބަސް ޒަރާރް ޤަބޫލުކުރިއެވެ. އެހިސާބުން އަޒީލާގެ ތުންފަތަށް ވެރިވީ ސިއްރުވެރި ހިނިތުންވުމެކެވެ. ކާމިޔާބީގެ ފޮނިކަމާއެކު ސިކުނޑިއަށް ކުޑަ ލުޔެއް ލިބުނެވެ.

*****

އަޒީލާ ނިކުމެގެން ދިޔަތާ ކުޑަ އިރުކޮޅެއް ފަހުން ރަހުމާގެ ކޯލެއް ޒަރާރްއަށް ލިބުނެވެ. އަޒީލާ އައުމުގެ ކުރިން ޒަރާރް އުޅުނީ ވެސް ރަހުމާއަށް ގުޅާށެވެ. މަސައްކަތުގެ ސަބަބުން ރަހުމާއަށް ގުޅާނުލެވޭތާ ދެ ދުވަސްވަރު ވެދާނެއެވެ.

''ސޮރީ، މިދުވަސްކޮޅުގެ ގޮތުން ދައްތައަށް ގުޅާނުލެވުނީ...'' ފޯނުގެ ސްކްރީނުން ބޮޑުދައިތަ ފެނުމާއެކު ޒަރާރް ބުންޏެވެ.

ރަހުމާއާއި ޖެހިގެން އިން އަލީއަށް ހެވުނެވެ. ދެމަފިރިން ތިބީ ބަގީޗާގައި ހުރި އުނދޯއްޔެއްގައެވެ. ދުވަހަކީ އުޑުމަތި ސާފު ދުވަހަކަށްވުމުން ބޭރަށް ނިކުމެލީއެވެ. ޒަރާރް ފުރިފަހުން ބަގީޗާއަށް އިތުރުކޮށްފައި ހުރި ގަސްތައް ފާހަގަވެ ޒަރާރް އެކަމަށް އަލިއަޅުވާލިއެވެ.

''މިހާރު ތިއުޅެނީ ޓޮޕިކް ބަދަލުކުރަން...'' ރަހުމާ ބުންޏެވެ.

''ސޮރީ، ސޮރީ... ދެން ބިޒީ ވިޔަސް ގުޅާނަމޭ...'' ޒަރާރް ބުންޏެވެ.

''މިކޮޅަށް އައީމަ މަޢާފްކޮށްދޭނަން...'' ރަހުމާގެ ޖުމްލައިން ޒަރާރް ގާތަށް ހިނިއައެވެ.

''މިދުވަސްކޮޅު ޒަރާރް ހާދަ ރަނގަޅު މޫޑެއްގަ ހުންނަހެން ހީވެޔޭ... ރަހުމާއަށް ފާހަގަ ނުވޭތަ؟...'' ރަހުމާއަށް ބަލަމުން އަލީ ބުންޏެވެ.

ޒަރާރް ހަމައެކަނި ހިނިތުންވުމަކުން ފުއްދާލީއެވެ. އޭނަގެ ތަބީއަތަށް ބޮޑު ބަދަލެއް އައިސްފައިވަނީ ތަނާލްއާއެކު ބަދަހިވަމުން އަންނަ އެކުވެރިކަމުގެ ސަބަބުންނެވެ. މެސެޖުގެ ޒަރިއްޔާއިން އެދެމުދުގައި ތަފާތު ވާހަކަތައް ދެކެވެއެވެ. ސަމާސާތައް ބަދަލުކުރެއެވެ. އެހެނަސް، އެއްވެސް މީހަކާއި އެގުޅުން ހިއްސާކުރަން ޒަރާރް ތައްޔާރެއް ނޫނެވެ.

''ސަމްތިންގް ވިއާޑް ހެޕެންޑް ޓުޑޭ...'' ވާހަކައިގެ މިސްރާބު ބަދަލުކޮށްލަން އަޒީލާއާއި އޭނަގެ ބައްދަލުވުން ޒަރާރް ހިއްސާކުރިއެވެ. އެއާއެކު ރަހުމާގެ މޫނަށް ވެރިވީ ފޫހިކަމެވެ.

''ފޫހި އަންހެނެއް، އޭނަގެ އަމިއްލަ ފައިދާއަށް ޒަރާރް ގާތަށް އެއައީ...'' ދޫ ހިމޭންކުރުން ރަހުމާއަށް ފަސޭހައެއް ނުވިއެވެ.

''ރަހުމާ...'' އަލީ ގޮވާލިއެވެ.

''ގޯސް އެއްޗެއް އަހަރެން ނުބުނަމެއްނު، ކުއްލިޔަކައަށް ދައްޔާނަށް ގައިޑެންސް ބޭނުންވެޔޭ ކިޔާފަ އަންނަން ޖެހުނީ ކީއްވެގެންބާ؟... ޒަރާރް، ދައްތަ ބުނާ އެއްޗެއް އަޑުއަހަންޏާ ނިކަން ވިސްނުންތެރިކަމާއެކުގަ ކުރިއަށް ދާންވާނީ... އަޒީލާއަށް ދަރިފުޅު އިތުބާރުނުކުރާތި...'' ކަންބޮޑުވުމާއެކު ރަހުމާ ބުންޏެވެ.

''އައި ވިލް ބީ ކެއާރފުލް، ދެން ދާންއާއެކު ވަގުތު ހޭދަކޮށްލަން ލިބޭނެ ޗާންސެއްވީމަ ޤަބޫލުވީ...'' ޒަރާރް ބުންޏެވެ. އެކަމާ ރަހުމާ ދެކޮޅެއް ނެހެދިއެވެ. މަސްރޫރާ ޒަރާރްގެ ގުޅުން ރަނގަޅުވަމުން އަންނަކަމުގެ ޚަބަރު ޒަރާރް ދީފައިވުމުން، ދައްޔާނާ ވެސް ގާތް ގުޅުމެއް އުފައްދަން ޒަރާރް ބޭނުންވާނެ މިންވަރު ރަހުމާއަށް އަންދާޒާ ކުރެވެއެވެ. މައްސަލައަކީ އަޒީލާ އެވެ. ޝައްކުގެ ނަޒަރަކުން ނޫނީ އަޒީލާއަށް އޭނަ ނުބަލާނެއެވެ.

*****

ދަންވަރެވެ. މުޅި ގޭތެރެއަށް ވެރިވެފައިވަނީ ހިމޭންކަމެވެ. ބޮޑުކޮޓަރީގެ ފަނޑުއަލިކަމުގެ ތެރޭގައި އަޒީލާ އިންތިޒާރުކުރަމުން އެދަނީ ދައްޔާން ގެއަށް އަންނާނެ އިރަކަށެވެ. ދައްޔާންގެ ރަށްޓެހިންގެ ފަރާތުން އެނގުނު ގޮތުގައި މިރޭ ދައްޔާން މާލެ އަންނާނެއެވެ. އަންނަން އޮތް ފްލައިޓް ޖެއްސިތާ އެތައް އިރެކެވެ. މިރޭ ގެއަށް އައުމަށް އަމުރުކޮށް ދައްޔާނަށް އަޒީލާ މެސެޖުކުރުމުން، އެމެސުޖު ބަލާފައި ވެސް ނެތެވެ. އެކަމާ އަޒީލާ ހުރީ ރުޅިއައިސް ރަތްވެފައެވެ.

މެންދަމުން އަލިވެ ދޭއް ޖަހައި ބޮޑުވިފަހުން، މައި ދޮރުހުޅުވާފައި އެތެރެއަށް ވަދެގެން އައި ދައްޔާން އަޒީލާގެ ލޮލުގައި އަޅައިގަތެވެ. ކޮނޑުގައި އަޅުވާފައި އޮތް ބެކްޕެކާއެކު ޚިޔާލެއް ފިކުރެއް ނެތި އަޒީލާގެ ކުރިމަތިން ހުރަސް ކަނޑާފައި ދައްޔާން ހިނގައިގަތީ ސިޑިއާއި ދިމާއަށެވެ. އެމަންޒަރު ފެނި ދައްޔާނަށް އާޒީލާ ގޮވާލިއެވެ. އޭނަގެ އަޑު މަޑެވެ. ނަމަވެސް އަޑުގައިވި ހަރުކަށިކަން ސިއްރެއް ނުވެއެވެ.

ކުރިއަށް އަޅަމުން ދިޔަ ފިޔަވަޅު މަޑުޖައްސާލަމުން ދައްޔާންނަށް ފަސްއެނބުރި ބަލައިލެވުނީ ސިހުމާއެކުގައެވެ. އެއޮތް ގަޑިއެއްގައި މަންމަ ގޮވާލުމުން އޭނަ ގަތީ ބިރެވެ. މީހަކު ހޭލާ އުޅޭކަމުގެ ހިލަމެއް ނުވީތީއެވެ. ސޯފާގައި އިން މަންމަ ފެނުމާއެކު ސިހުމުގެ އަސަރު ފިލައި އެމޫނަށް ވެރިވީ ފޫހިކަމެވެ. އަނބުރާލާފައި ދާން އުޅުނެވެ.

''ދައްޔާން!...'' އަޒީލާ ދެވަނަ ފަހަރަށް ގޮވިއެވެ.

''ކިހިނެއްތަވީ!، ވަރަށް ބޮޑަށް ވަރުބަލިވެފަ މިހިރާ...'' ދައްޔާން ހުރީ ރުންކުރުވެފައެވެ.

''އަހަރެން އަހައިފިންތަ ދައްޔާން ވަރުބަލިވެފަ ހުރިތޯ؟...'' ޝަހާދަތް އިނގިލި ދިއްކޮށްލަމުން އަޒީލާ ސޯފާއިން ތެދުވިއެވެ. އެއާއެކު ނުރުހުމުގެ އަޑެއް ދައްޔާން ލައްވާލިއެވެ. އިސްއުފުލައި ސީލިންގްގައި ރަހުކޮށްފައި ހުރި ޗާންދެލިއާއަށް ބަލައިލިއެވެ.

''ގޯޑް!، ކިލް މީ ނައު!...'' ދައްޔާން ދެލޯމަރާލިއެވެ.

''ވަރަށް ދުވަހު އެއްޗެއް ނުބުނެ ހުރެވިއްޖެ...'' ދައްޔާންގެ ކުރިމައްޗަށް ހުއްޓެމުން އަޒީލާ ފެށިއެވެ.

''ސީރިޔަސްލީ؟، ޔޫ ވޮނަ ލެކްޗާ މީ ރައިޓް ނައު؟، މޯމް!، އިޓްސް ވެރީ ލޭޓް އެންޑް އައިމް ޓަޔާޑް، ކޭން ވީ ޑޫ ދިސް ޓުމޯރޯ...'' ދައްޔާން ހުރީ ބޮލަށް އުނދަގޫވެފައެވެ. އެހާ ލަސްކޮށްލާފައި އޭނަ ގެއަށް އައީ މަންމަ ނިދާފާނެ ކަމަށެވެ. ކަންތައް އޭގެ އިދިކޮޅަށްވުމުން ރުޅިގަދަވާން ފެށިއެވެ. ފާއިތުވި ދުވަސްތަކުގައި ރަށްޓެހިންނާއެކު މަޖާކޮށްލެވުމުން ސިކުނޑިއަށް ލިބުނު ހަމަޖެހުން ގެއްލުނެވެ.

''އާނ، ކީއްވެ ފޯނަށް ޖަވާބު ނުދިނީ؟...'' އަޒީލާ އެހި އެވެ.

''ފޯނު ނިވިފަ އޮތީ...'' ޖިންސުގެ ޖީބުން ފޯނު ނަގަމުން ދައްޔާން ބުންޏެވެ. މަންމަ ޤަބޫލުނުކުރާނެތީ ފޯނު ދައްކާލިއެވެ.

''ހެޔޮ!، މީގެ ފަހުން ތަނަކަށް ދަންޔާ އަހަރެންގެ ހުއްދަ ހޯދަން ޖެހޭނެ!...'' އަޒީލާ އަމުރުކުރިއެވެ.

''ވަޓް އޭމް އައި، ފައިވް؟...'' ދައްޔާނަށް ހެވުނެވެ.

''އަހަރެން ދައްޔާނަކާ ސަމާސާ ނުކުރަން، ވަރަށް ސާފުކޮށް މިބުނީ، ދައްޔާން ތިހާ ހަމަޖެހިލައިގެން ތިއުޅެނީ އަހަރެން ހުންނާތީ، ދޭ އެލޮވެންސް ކަނޑައިފިއްޔާ ވާނީ ކިހިނެއް؟، ދައްޔާންގެ ބައްޕަގެ ފަރާތަކުން އެއްބާރުލުމެއް ނުލިބޭނެ، ދެން ދާނީ ވަކި ކާކު ގާތަށް؟، ކާފަ؟، މާމަ؟، ޒަރާރް؟......'' ވާހަކައިގެ ސީރިޔަސް މިންވަރު ދައްޔާނަށް އަންގަންވެގެން އަޒީލާ ބުނެލިއެވެ. އެއާއެކު ދައްޔާންގެ ހިނިތުންވުން ގެއްލި މޫނަށް ވެރިވީ ބަނަކަމެވެ. އުނގުރުގެ ބާރުގައި ދައްޔާން އެއްބަސްކުރުވިއްޖެކަމުގެ ހަމަޖެހުން އަޒީލާއަށް ލިބުނީ ދެނެވެ.

''އޯކޭ...'' ރުޅި މޫނަކާއެކު ދައްޔާން ބުންޏެވެ. ''ނިމުނީތަ؟، ނިދަން އެބަޖެހޭ...''

''ނުނިމޭ!، ނިމުމަކާ ގާތަކަށް ވެސް ނުދޭ، ދައްޔާން ޖެހޭނީ އަހަރެން ބުނި ގޮތަކަށް ހަދަން...'' އަޒީލާ ޝަރުތުކުރިއެވެ.

ދައްޔާން ބޯޖަހާލީ އަވަހަށް މަންމަގެ ފަރާތުން ސަލާމަތްވާށެވެ. އޭނަގެ މިނިވަންކަމަށް މަންމަ ހުރަސް އެޅުމުން އިންތިހާއަށް ހިތްހަމަނުޖެހުނެވެ. އެކަމަކު ދުލުކުރީގައި ހިފަހައްޓަން މަޖުބޫރުވީ މަންމަ ދިން އިންޒާރުތަކުންނެވެ.

''ސާފުވެއްޖެދޯ؟... އަދި ބުނަން، ޒަރާރްއާއެކުގަ މަސައްކަތްކުރަން ތައްޔާރުވޭ...'' އަޒީލާ އިއްވާލިއެވެ. ދައްޔާން ދެލޯބޮޑުކޮށްލި މަންޒަރު ފެނުމާއެކު، އެއް އަތް އުފުއްލާލަމުން މަޑުން ހުރުމަށް އެންގިއެވެ.

'ދާންއަށް މަންމަ ބުނި ގޮތަށް ކަންތައް ނުކުރެވުނެއްނު، އެހެންވެ ކޮންމެވެސް ގޮތެއް ހޯދަން އެބަޖެހޭ، ދާންއަށް މިގޭ ތެރޭގައި ވާކަމެއް އެނގޭހެނެއް މަންމައަކަށް ހިޔެއް ނުވޭ، ދަރިފުޅުގެ ބައްޕައާ ޒަރާރް ކްލޯޒްވާކަމެއް ނޭނގޭތަ!، އެކަމަށް ވަގުތުން ވަގުތަށް ނިމުމެއް ގެންނަން އެބަޖެހޭ، އެކަން ވާނީ ޒަރާރްއާއެކު ދަރިފުޅު މަސައްކަތްކުރީމަ، މަންމަ ވާނީ އެކަން ދަރިފުޅަށް ފަސޭހަކޮށްދީފަ...'' ދައްޔާންގެ ގާތަށް ޖެހިލަމުން އަޒީލާ ބުނެލީ މަޑުންނެވެ. ނުރުހުންތެރިކަން ދޫކޮށް ލޯބިން އޭނަ ބުންޏެވެ. ދައްޔާންގެ މުލައްދަނޑީގައި ފިރުމާލަމުން ވިސްނޭނެހެން އޭނަ ކުރިއަށް ދިޔަ އެވެ.

''ކިހިނެއް؟...'' ދައްޔާން ބުނެލިއެވެ.

''އެކަމާ ދަރިފުޅު ހާސްނުވޭ، މަންމަގެ ޕްލޭން ކުރިއަށް އެބަދޭ، ދެން އޮތީ ދަރިފުޅުގެ ހިތްވަރެއް... މަންމަ ބޭނުމެއްނޫނޭ ރުޅި އައިސްފަ ހުންނާކަށް، ތީ މަންމަގެ ހުރިހާ ވެސް އުއްމީދަކީ... ދަރިފުޅު ގާތު ވިސްނައިގެން އުޅޭށޭ ބުނީމަ ތިއުޅެނީ ކިހިނެއްތަ... ދެން މަންމަ ރުޅި ނައިއްސިއްޔާ ދެރައެއްނު... އިހަށް މި ޒަރާރްގެ ފުށުން ސަލާމަތެއް ލިބެންދެން ވިސްނައިގެން އުޅެބަލަ...'' އޯގާތެރިކަމާއެކު އަޒީލާ ބުންޏެވެ.

އަދަބުވެރިކަމާއެކު ދައްޔާން ބޯޖެހިއެވެ. ޒަރާރްއާއެކު މަސައްކަތްކުރަން މަންމަ ހުށަހެޅުމުން އެކަމާ ހުރެ ދައްޔާންގެ މޫޑު ގޯސް ވިއެވެ. ދެކޮޅުހަދަން އުޅެފައި ހިމޭންވެލީ މަންމަ ރުޅިއައިސްފިނަމަ ނިކުމެދާނެ ނަތީޖާއަކާ މެދު ބިރުގަތީމައެވެ. ކުޑަކުއްޖަކާ މުޢާމަލާތްކުރާ އުސޫލުން މަންމަ އުޅޭތީ ދައްޔާން ފޫހިވިއެވެ.

''ރަނގަޅު...'' އަޒީލާ ބުނެލިއެވެ. ދައްޔާނަށް ދިއުމުގެ ހުއްދަ އަޒީލާ ދިނީ ދެނެވެ.

*****

ޖެހިގެން އައި ދުވަހުގެ ހަވީރެވެ. އެޕޮއިންޓްމެންޓް ލިބުނު ގަޑީގެ ކުރިން ތަނާލް އިނީ ކްލިނިކްގެ ވެއިޓިންގް ރޫމް ގައެވެ. އެއީ ޖާގައިގެ ގޮތުން ތަނަވަސް ތަނެކެވެ. ފާރުތަކުގައި މަޑު ނޫކުލައެއް ލާފައި ވާއިރު ވެއިޓިންގް ރޫމްގައި އަރާމުކޮށް އިށީންދެގެން ތިބެވޭނެހެން ސޯފާތަކެއް ހުއްޓެވެ. ފޫހިވެއްޖެނަމަ ކިޔާލަން ފޮތް ހަރުގަނޑަކާއެކު ކޮފީއާއި ފެން ލިބޭނެ އިންތިޒާމު ހުއްޓެވެ. އޭސީގެ ފިނިހޫނުމިން ހުރީ އަރާމު މިންވަރަކަށެވެ. އެހެންޏާ ވާހަކަ ފޮތެއް ކިޔަން އިންނަ ތަނާލްގެ އަތުން މިއަދު އޭނަގެ ފޯނު ދޫނުވެއެވެ. ގަޔާވެފައި އޭނަ ޗެޓްކުރަމުން ދިޔައީ ޒަރާރްއާއެވެ. ފަހަކަށް އައިސް އެއީ އޭނައަށް އެންމެ އިންތިޒާރުކުރެވޭ ވަގުތުކޮޅަށް ވެއްޖެއެވެ. ނޭނގިހުއްޓާ އެކުވެރިޔަކު ލިބުމުގެ އުފާވެރިކަމެވެ.

''ދެން ބުނެބަ، ތަނޫއަށް އެންމެ ކަމުދަނީ ކޮންކަހަލަ ފިލްމެއްތަ؟...'' ޒަރާރް ލިޔުނެވެ.

''ނޭނގޭ...'' ތަނާލްގެ ސިކުނޑިއަށް އެއްވެސް އެއްޗެއް ނައެވެ.

''ވިސްނާލަބަލަ، ކޮންމެވެސް ފިލްމެއް ކަމުދާނެއެއްނު؟، ނޫނީ އަހަރެން ގާތު ބުނަން ނުކެރެނީދޯ، އިސް އިޓް ސަމްތިންގް ކްރިންޖް؟...'' ޒަރާރް މެސެޖުކޮށްލިއެވެ. ކޮންމެ މެސެޖަކާއެކު އިހުސާސްތައް އަންގަދޭން އިމޯޖީތަކެއް ބޭނުންކޮށްފައި ހުއްޓެވެ.

''އެހެނެއް ނޫން، ވަރަށް ދުވަސްވެދާނެ ފިލްމެއް ނުބަލާތާ...'' ހަޤީޤަތަށް ބުނާނަމަ ގަޔަވާ ފަދަ ކަމެއް ނުކުރާތާ މިހާރު އަހަރު ދުވަސްވީއެވެ. އެކަމުގެ ފަހަތުގައިވި ސަބަބު ޒަރާރްއަށް ކިޔައިދޭން ތަނާލް ފަސްޖެހުނެވެ.

''ޒަރާރް ރިކޮމެންޑޭޝަންއެއް ދޭން ވީނު؟...'' ތަނާލް ލިޔުނެވެ.

''ހޫމްމްމް...'' ވިސްނާ އިމޯޖީއަކާއެކު ޒަރާރް ބުންޏެވެ.

''ކޮބާ، މިހާރު މައިންޑް ސްޓަކްވީނު...'' ތަނާލް ދިމާކޮށްލިއެވެ. ނޭނގި ނަމަވެސް ތަނާލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ތެރަޕީ ރޫމުން ރާނިޔާ ނިކުތީ އެވަގުތެވެ. ތަނާލް ފެނުމާއެކު، އިރުކޮޅެއް ވަންދެން ތަނާލްއަށް ބަލަން ރާނިޔާ ހުއްޓެވެ. ތަނާލް ހަމަޖެހިފައި އިންދާ އޭނައަށް ފެނުނު ފުރަތަމަ ފަހަރެވެ. ހައިރާންވުމުގެ ބަދަލުގައި ރާނީޔާގެ މޫނުން ފެނުނީ އުފާވެރިކަމެވެ. އެބަދަލު އޭނައަށް ކަމުދިޔައެވެ. އެހެންޏާ ތަނާލްގެ މޫނުން ފެންނަ ދެރައާއި މާޔޫސްކަމުގެ އަސަރު ފިލާ ގޮސްފައިވުމުންނެވެ.

''ތަނާލް...'' ރާނިޔާ ގޮވާލިއެވެ. އެއާއެކު އިސްއުފުލައި ތަނާލް ބަލައިލިއެވެ.

''ސޮރީ އެޕއޮންޓްމެންޓް ބަދަލުކުރަން ޖެހުނީމަ...'' ފޯނު އަތްދަބަހަށް ލަމުން ތަނާލް ކޮޅަށް ތެދުވިއެވެ. ދެފަހަރެއްގެ މަތިން އެޕޮއިންޓްމެންޓް ބަދަލުކުރަން ޖެހުނެވެ. މީޓިންގްތަކުގެ ސަބަބުންނެވެ.

''އެވަރުކަމެއް ނޫނެ، މިހާރު ތި އައީއެއްނު...'' ރާނިޔާ ބުނެލިއެވެ. އޭނަ ފެނުމާއެކު، ހިނިތުންވުން ސިއްރުކުރަން ތަނާލް އުޅުނު ގޮތް ރާނިޔާއަށް ފާހަގަ ކުރެވުނެވެ.

*****

ތެރަޕީ ރޫމަށް ވަދެވުމާއެކު ތަނާލް އިނީ ހާސްވާ ގޮތް ވެފައެވެ. އެކޮޓަރިއާއި ގުޅިފައިވާ ހަނދާންތަކުންނެވެ. ޝިފާލިބުން ނެތް ޒަހަމްތަކުގައި ރިއްސާލިއެވެ. ހިދާންގެ ނަން ހިތަށް އިލްހާމަވެގެން އައީ ދެނެވެ. އެއާއެކު މޭގައި އުފަންވެގެން އައީ އުދާސްކަމުގެ ހޫނެވެ. ހިޔަނިހެން ގާތުގައިވާ ހަނދާންތަކާ ފާއިތުވި ދުވަސްތަކުގައި ދުރުވެވުނީތީއެވެ. ހީސަމާސާކޮށް އުޅެވުނީތީއެވެ. އެއީ އިންސާފުވެރި ގޮތެއް ހެއްޔެވެ؟

''ތަނާލް؟...'' ތަނާލް އިސްޖަހާލުމުން ރާނިޔާއަށް ގޮވާލެވުނެވެ. ކުރިން ފެންނަ ބަނަކަމުގެ ލިސާންތައް ތަނާލްގެ މޫނުން ރާނިޔާއަށް ފެނުނެވެ.

(ނުނިމޭ)