ހިމަބިހި ނުވަތަ މީސަލްސްއަށް ޕޮޒިޓިވްވެފައިވާ ދެ މީހުން މާލެ ސަރަހައްދުން ފެނިއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އެ މީހުން އެ ބައްޔަށް ޕޮޒިޓިވްވީ މިއަދު ކަމަށެވެ.

އެޗްޕީއޭއިން ބުނީ، އާއްމު އުސޫލުގެ ދަށުން ކޭސް އިންވެސްޓިގޭޝަން ހެދުމާއި ކްލޯސް ކޮންޓެކްޓުން ހޯދައި އެ މީހުންނަށް ވެކްސިން ދިނުމުގެ މަސަައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެޗްޕީއޭއިން ބުނީ މިއަހަރު މިހާތަނަށް ރާއްޖޭން ހިމަބިހީގެ ޖުމްލަ ފަސް ކޭސް ފެނިފައިވާ އިރު، އޭގެ ތެރޭގައި ރާއްޖޭން ބޭރުން ބަލި ޖެހިގެން އައި ދެ މީހުން ވެސް ހިމެނޭ ކަމަށެވެ.

އެޗްޕީއޭއިން ވަނީ މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައާއި އަދި އަވަށްޓެރި ގައުމުތަކުގައި ވެސް މި ބަލި ފެތުރޭ މިންވަރު އިތުރު ދުވަސްވަރެއް ކަމުން ހުން އައުމާއެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަ ފަށައިފި ނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އިލްތިމާސް ކޮށްފައެވެ.