މިއަހަރުގެ ކާންސް ފިލްމު ފެސްޓިވަލްގައި ބޮލީވުޑްގެ މަޝްހޫރު ތަރި އާލިއާ ބަޓްގެ ފުރަތަމަ ފެނިލުމާއެކު، އޭނާ ލައިގެން ހުރި ޕްރިންސެސް ސްޓައިލްގެ ހިތްގައިމު ގައުންއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ. މެއި 12 ވަނަ ދުވަހު ފްރާންސްގެ ރިވިއޭރާގައި ފެށި މި ޝަރަފުވެރި ފެސްޓިވަލްގައި އާލިއާ ބައިވެރިވެފައިވަނީ ލޮރެއާލް ޕެރިސްގެ ގްލޯބަލް އެމްބެސެޑަރުގެ ހައިސިއްޔަތުންނެވެ. ހޮޓެލް މާޓިނޭޒްގެ ބޭރުން އޭނާ ފެނިގެންދިޔައިރު ލައިގެން ހުރީ އިންޑިއާގެ ޑިޒައިނަރު ޔަޝް ޕާޓިލް ފަރުމާކޮށްފައިވާ ޚާއްޞަ ޕޭސްޓަލް ކުލަތަކުގެ ގައުންއެކެވެ. މި ހެދުމަކީ ފްރާންސްގެ ރިވިއޭރާގެ ޤުދުރަތީ މަންޒަރުތައް ރަމްޒުކޮށްދޭ ގޮތަށް، ކުރެހުންތެރިޔާ ބާސުރީ ޗޯކްސީ އަތުން ކުރަހާފައިވާ ކުރެހުންތަކެއް ހިމެނޭ ހެދުމެކެވެ.
ކޯސެޓް ސްޓައިލަކަށް ފަހާފައިވާ މި ހެދުމުގައި ހިމެނެނީ ހިމަ ވާގަނޑަކާއި، ފުޅާކޮށް އޮންނަ ތިރީބައެކެވެ. މީގެ އިތުރުން މަޑު ނޫ، ފެހި އަދި ރީނދޫ ކުލައިގެ ކުރެހުންތަކުން ހެދުމުގެ ފުރިހަމަކަން އިތުރުކޮށްދީފައިވެއެވެ. ފެޝަން ދާއިރާގެ ތަޖުރިބާކާރުން ވަނީ އާލިއާގެ މި ސްޓައިލަށް ވަރަށް ބޮޑަށް ތަޢުރީފުކޮށްފައެވެ. އެގޮތުން، މިއީ އާދައިގެ ހެދުމެއްގެ ބަދަލުގައި ލައިގެން އުޅެވޭ ކުރެހުމެއްގެ ގޮތުގައި ކްރިޓިކުން ސިފަކޮށްފައިވެއެވެ. އަދި މާގިނަ ގަހަނާ ބޭނުންކުރުމުގެ ބަދަލުގައި، ހެދުމުގެ ރީތިކަން ފާޅުވާނެހެން އާދައިގެ މޭކަޕަކާއެކު ހުރުމުން އޭނާގެ ފުރިހަމަކަން އިތުރުވެފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، އެއާޕޯޓުން ފެނުނު ރަސްމީ ސްޓައިލަށްފަހު، މިފަދަ އަންހެންވަންތަ އަދި ރޮމޭންޓިކް ސްޓައިލަކަށް ބަދަލުވުމަކީ އޭނާގެ ފެޝަންގެ ތަފާތުކަން ދައްކުވައިދޭ ކަމެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެފައިވެއެވެ.
މިއީ ކާންސް ފިލްމު ފެސްޓިވަލްގައި އާލިއާ ބައިވެރިވި ދެވަނަ ފަހަރެވެ. ބައިނަލްއަޤުވާމީ ބްރޭންޑެއް ތަމްސީލުކުރުމަށް އޭނާ މި ފެސްޓިވަލަށް ދިޔުމަކީ، ދުނިޔޭގެ ފެޝަން އަދި މުނިފޫހިފިލުވުމުގެ ދާއިރާގައި އިންޑިއާގެ ތަރިންގެ ނުފޫޒު އިތުރުވަމުންދާ ކަމުގެ ހެއްކެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ކުރިއަށް އޮތް ތަނުގައިވެސް މި ފެސްޓިވަލްގެ ރެޑް ކާޕެޓުން އޭނާގެ އިތުރު ފެނިލުންތައް ފެންނާނެ ކަމަށް ބެލެވެއެވެ.
ކާންސް ފިލްމު ފެސްޓިވަލް
ކާންސް ފިލްމު ފެސްޓިވަލް
ކާންސް ފިލްމު ފެސްޓިވަލް
ކާންސް ފިލްމު ފެސްޓިވަލް