ފަރަންސޭސިވިލާތުގައި މިހާރު ކުރިއަށްދާ 79 ވަނަ ކާންސް ފިލްމު ފެސްޓިވަލްގެ ރެޑް ކާޕެޓުން، މަޝްހޫރު ބޮލީވުޑް ތަރި އައިޝްވާރިޔާ ރާއީ ބައްޗަން ފުރަތަމަ ފަހަރަށް ފެނިއްޖެއެވެ. އޭނާ މި ފަހަރުގެ ފެސްޓިވަލްގައި ބައިވެރިވެފައިވަނީ އިންޑިއާގެ މަޝްހޫރު ޑިޒައިނަރު އަމިތު އަގަރްވާލް ފަރުމާކޮށްފައިވާ "މިޑްނައިޓް ބްލޫ" ނުވަތަ ގަދަ ނޫކުލައިގެ ހާއްސަ ހެދުމެއްގައެވެ.

މި ހެދުމަށް ދީފައިވާ ނަމަކީ "ލޫމިނާރާ" އެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހެދުން ތައްޔާރުކުރުމަށް 1،500 އަށްވުރެ ގިނަ ގަޑިއިރު ހޭދަކޮށްފައިވެއެވެ. އަދި މިއީ އަމިތު އަގަރްވާލްގެ ހާއްސަ "ކްރިސްޓަލް ވޭން" އެމްބްރޮއިޑަރީ ބޭނުންކޮށްގެން، އަލި ދަތުރުކުރާ ގޮތް ދައްކުވައިދޭ ކޮންސެޕްޓަކަށް ފަރުމާކޮށްފައިވާ ހެދުމެކެވެ. މީގެ އިތުރުން، މި ހެދުމާއެކު އައިޝްވާރިޔާ ވަނީ ދިގު ސާޓިން ކޭޕެއް ވެސް ބޭނުންކޮށްފައެވެ.

މި ފެނިލުމާ ގުޅޭގޮތުން ޑިޒައިނަރު އަމިތު އަގަރްވާލް ބުނި ގޮތުގައި، އޭނާ އާއި ސްޓައިލިސްޓް މޯހިތު ރާއީ ބޭނުންވީ ހަމައެކަނި ހެދުމެއްގެ ބަދަލުގައި އައިޝްވާރިޔާގެ ވަށައިގެންވާ ހަކަތައިގެ މައިދާނެއް ފަދަ އިހުސާސެއް ގެނެސްދިނުމަށެވެ. އަދި މިއީ އޭނާގެ އަމިއްލަވަންތަކަމާއި ބައިނަލްއަގުވާމީ މައިދާނުގައި އޭނާ ހޯދާފައިވާ މަގުބޫލުކަން ރަމްޒުކޮށްދޭ ފަރުމާއެއް ކަމަށް ވެސް އަމިތު ފާހަގަކުރިއެވެ.

ފެޝަން ދާއިރާގެ ތަޖުރިބާކާރުންނާއި އާންމުންގެ ފަރާތުން މި ހެދުމަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު، ގިނަ ބަޔަކު ވަނީ މިއީ ކުރިމަގުގެ ފެޝަން ދައްކުވައިދޭ ފުރިހަމަ ފަރުމާއެއްގެ ގޮތުގައި ސިފަކޮށްފައެވެ. މި ފަހަރުގެ ރެޑް ކާޕެޓްގައި އައިޝްވާރިޔާ ވަނީ އޭނާގެ ގާތް އެކުވެރިޔާ އަދި ހޮލީވުޑްގެ މަޝްހޫރު ތަރި އީވާ ލޮންގޯރިއާއާ ވެސް ބައްދަލުކޮށްފައެވެ. ލޮރިއަލް ޕެރިސްގެ އެމްބެސެޑަރެއްގެ ގޮތުގައި އައިޝްވާރިޔާ، ކާންސްގައި ބައިވެރިވާއިރު، އޭނާ ފެސްޓިވަލަށް ނުގޮސްފާނެ ކަމަށް މީގެ ކުރިން މީސްމީޑިއާގައި އަޑުފެތުރުނެވެ. ނަމަވެސް، މި ފެނިލުމާއެކު އެ ހުރިހާ ވާހަކަތަކަކަށް ވަނީ ނިމުން އައިސްފައެވެ.

މިއީ އައިޝްވާރިޔާ ކާންސް ފިލްމު ފެސްޓިވަލްގައި ބައިވެރިވާ 24 ވަނަ އަހަރެވެ. އޭނާ އެންމެ ފުރަތަމަ މި ފެސްޓިވަލްގައި ބައިވެރިވީ 2002 ވަނަ އަހަރު، ފިލްމު "ދޭވްދާސް" ޕްރިމިއާ ކުރުމަށް ބޭއްވި ހަފުލާގައެވެ.