ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ހިންދީ ފިލްމު “ދުރަންދަރް 2” (ދުރަންދަރް: ދަ ރިވެންޖް) ގެ ބައިނަލްއަޤްވާމީ ސްޓްރީމިން ރައިޓްސް ނެޓްފްލިކްސް އިން ހޯދައިފިއެވެ. ރަންވީރު ސިންގް ލީޑު ރޯލުން ފެނިގެންދާ މި ސްޕައި ތްރިލަރ ފިލްމު ނެޓްފްލިކްސްގައި ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ މެއި 14، 2026 ގައެވެ.
އަދިތްޔާ ދާރް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ސިނަމާތަކަށް ނެރެފައިވަނީ މިއަހަރުގެ މާރިޗު މަހުގެ 19 ވަނަ ދުވަހުއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން 1،800 ކްރޯޑު ރުޕީސްއަށްވުރެ ބޮޑު އާމްދަނީއެއް ހޯދާފައިވާ މި ފިލްމު އޯޓީޓީ ޕްލެޓްފޯމްތަކަށް އަންނަނީ ސިނަމާތަކުގައި ފިލްމު ދައްކާތާ 8 ހަފްތާ ފަހުންނެވެ. ފިލްމުގެ ޕްރޮޑަކްޝަން ކުންފުނިތައް ކަމަށްވާ ޖިއޯ ސްޓޫޑިއޯސް އަދި ބީ62 ސްޓޫޑިއޯސް އިން ވަނީ ފިލްމު ޑިޖިޓަލްކޮށް ރިލީޒްކުރުމުގައި ދެ ޕްލެޓްފޯމެއް ބޭނުންކުރުމަށް ނިންމާފައެވެ.
އެގޮތުން، އިންޑިއާއިން ބޭރުގެ ޤައުމުތަކުގައި މި ފިލްމު ނެޓްފްލިކްސް މެދުވެރިކޮށް ބަލައިލެވޭއިރު، އިންޑިއާގެ ބެލުންތެރިންނަށް ފިލްމު ފެންނާނީ ޖިއޯހޮޓްސްޓަރ އިންނެވެ. ނެޓްފްލިކްސްގައި ރިލީޒްކުރާ ވަރޝަންއަށް ދީފައިވާ ނަމަކީ “ރޯ އެންޑް އަންދޭކާ” އެވެ. މި ވަރޝަންގައި ސިނަމާތަކުގައި ނުދައްކާ 3 މިނެޓުގެ އާ މަންޒަރުތަކެއް ހިމެނޭނެކަމަށާއި، ފިލްމުގެ ދިގުމިނަކީ 3 ގަޑިއިރާއި 52 މިނެޓުކަމަށް ރިޕޯޓުތައް ބުނެއެވެ.
ފިލްމީ ދާއިރާގެ ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މިގޮތަށް ދެ ޕްލެޓްފޯމެއްގައި ފިލްމު ރިލީޒްކުރުމަކީ އިންޑިއާގެ މާކެޓުގައި ޖިއޯހޮޓްސްޓަރގެ މަޤްބޫލުކަން ބޭނުންކުރުމާއެކު، ބައިނަލްއަޤްވާމީ ފެންވަރުގައި ނެޓްފްލިކްސްގެ ބޮޑު އޯޑިއަންސާ ހަމައަށް ފިލްމު ފޯރުކޮށްދިނުމަށް ޕްރޮޑަކްޝަން ޓީމުން ގެންގުޅޭ ވަރަށް ކާމިޔާބު ސްޓްރެޓެޖީއެކެވެ. އަދި މިއީ ސިނަމާތަކަށްފަހު ޑިޖިޓަލްކޮށް ފިލްމުތައް ނެރުމުގައި މިހާރު އާންމުވަމުން އަންނަ އުސޫލެއްކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ. “ދުރަންދަރް 2” އަކީ އިންޑިއާގެ ޖާސޫސީ އެޖެންޓަކު ޕާކިސްތާނުގެ ކުށްކުރާ ގްރޫޕްތަކުގެ ތެރެއަށް ވަދެ ހިންގާ އޮޕަރޭޝަންތަކެއް ދައްކުވައިދޭ ފިލްމެކެވެ.
ނެޓްފްލިކްސް
ނެޓްފްލިކްސް
ނެޓްފްލިކްސް
ނެޓްފްލިކްސް