އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކުގެ ހަރަދު 29 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަގަންއިން ހާމަކޮށްފިއެވެ. މިއީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އަންދާޒާކުރި 25 ބިލިއަން ޑޮލަރަށް ވުރެ 4 ބިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

އެމެރިކާގެ ކޮންގްރެސްގެ ހައުސް އެޕްރޮޕްރިއޭޝަންސް ކޮމިޓީގައި އަންގާރަ ދުވަހު ވާހަކަދައްކަވަމުން، ޕެންޓަގަންގެ އެކްޓިން ކޮމްޕްޓްރޯލަރ އަދި ޗީފް ފައިނޭންޝަލް އޮފިސަރު ޖޫލްސް ހަރސްޓް ވިދާޅުވި ގޮތުގައި، މި ހަރަދު އިތުރުވެފައިވަނީ ހަލާކުވެފައިވާ އަސްކަރީ އާލާތްތައް މަރާމާތުކުރުމަށާއި އާ އާލާތްތައް ހޯދުމަށް ހިނގާ ޚަރަދުތަކުގެ ސަބަބުންނެވެ. މީގެ އިތުރުން، ސިފައިން އެ ސަރަހައްދުގައި ބޭތިއްބުމަށް ހިނގާ އާންމު އޮޕަރޭޝަނަލް ހަރަދުތައް ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

“އޮޕަރޭޝަން އެޕިކް ފިއުރީ” ގެ ނަމުގައި ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ފެށި މި ހަރަކާތްތަކުގެ ސަބަބުން އެމެރިކާގެ ބަޖެޓަށް ބޮޑެތި އަސަރުތަކެއް ކުރަމުންދާ ކަމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ. މި އަޑުއެހުމުގައި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް އާއި ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއަރމަން ޖެނެރަލް ޑޭން ކޭން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެ ބޭފުޅުން ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ 1.5 ޓްރިލިއަން ޑޮލަރުގެ ދިފާއީ ބަޖެޓާ ގުޅޭގޮތުން ވެސް ކޮންގްރެސްއަށް މައުލޫމާތު ދެއްވާފައެވެ.

މިހާރު އީރާނާއި އެމެރިކާއާ ދެމެދު ނާޒުކު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، ޚަރަދުތައް މައްޗަށް ދާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް، މި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި، އެމެރިކާގެ އިންފްލޭޝަން 3.8 އިންސައްތައަށް އަރާފައިވުމަކީ އިޤުތިސާދީ ގޮތުން ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.