ދިވެހި ސިއްހީ ނިޒާމުގެ ބިންގަލަކީ ނަރުހުން ކަމަށާއި ނަރުހުންގެ ކުރިއެރުމަށާއި ދުޅަހެޔޮކަމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނަރުހުން އެއްވެސް ވަރުބަލިކަމެއް ނެތި ކުރަމުންދާ ބުރަ މަސައްކަތުގެ އަގު ސަރުކާރުން ވަޒަންކުރާނެ ކަމަށެވެ. އަދި ނަރުހުންގެ ހުރި ކަންބޮޑުވުންތަކާއި އަޑުތައް އަހައި، އެ ފަރާތްތަކަށް ފައިދާހުރި ގޮތްތަކަށް ކަންކަން މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ އިސް އަމާޒެއްކަމަށް ރައީސް ވިދާޅުވިއެވެ.

ނަރުހުންނަށް ކުރިމަތިވާ އެކި ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މަސައްކަތުގެ މާހައުލު ރަނގަޅުކުރުމާއި، ވަޒީފާގެ ކުރިއެރުމާއި، ލިބޭ އިނާޔަތްތައް ހަރުދަނާކުރުމަށް ސިޔާސަތުތަކަށް ބަދަލު ގެންނާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

"ނަރުހުންގެ ފަންނީ އަދި އަމިއްލަ ކުރިއެރުމަށް އެއްބާރުލުން ދިނުމާއި، ދުޅަހެޔޮކަން އިސްކުރުމުގައި މި ސަރުކާރު ދެމިއޮންނާނެ. މީގެ އިތުރުން، ތަމުރީނުގެ ފުރުސަތުތައް ފުޅާކޮށް، މުސްތަގުބަލަށް ވަރުގަދަ ސިއްހީ ނިޒާމެއް ބިނާކުރުމަށް ދަނީ އިސްކަންދެމުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، ދުނިޔެއަށް ކުރިމަތިވާ ސިއްހީ ބޮޑެތި ގޮންޖެހުންތަކާ އެކު، ބަލިތަކުން ރައްކާތެރިވުމާއި މުޖުތަމައުގެ ދުޅަހެޔޮކަން ދެމެހެއްޓުމުގައި ނަރުހުންގެ ދައުރު ކުރިއަށްވުރެ މިއަދު ބޮޑެވެ. އެހެންކަމުން، ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ކުރާ މަސައްކަތުގައި ނަރުހުންނަކީ އެންމެ މުހިންމު އެއް ބައިވެރިން ކަމުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.

ގައުމީ ހިދުމަތުގައި ނަރުހުން ކުރައްވާ އިހުލާސްތެރި މަސައްކަތަށްޓަކައި ހުރިހާ ނަރުހުންނަށް ޝުކުރު އަދާކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.