އިންޑޮނޭޝިއާގެ އުތުރު މަލޫކޫ ޕްރޮވިންސްގެ ހަލްމަހޭރާ ޖަޒީރާގައި އޮންނަ އަލިފާން ފަރުބަދައެއް ކަމަށްވާ "މައުންޓް ޑުކޯނޯ" ކުއްލިއަކަށް ގޮވުމުގެ ސަބަބުން، އެ ފަރުބަދައަށް އަރަން އުޅުނު ތިން މީހަކު މަރުވެއްޖެއެވެ. މިދިޔަ ހުކުރު ދުވަހުގެ ހެނދުނު 7:41 ހާއިރު މި ފަރުބަދަ ގޮވިއިރު، ފަރުބަދައިގެ މަތީގައި 20 މީހަކު ތިބި ކަމަށް ބޭރުގެ ހަބަރުތައް ބުނެއެވެ. އޭގެ ތެރެއިން މަރުވެފައިވަނީ ސިންގަޕޫރަށް ނިސްބަތްވާ އުމުރުން 30 އަހަރާއި 27 އަހަރުގެ ދެ ފިރިހެނުންނާއި، އިންޑޮނޭޝިއާގެ 28 އަހަރުގެ އަންހެނެކެވެ.
މި ހާދިސާގައި ފަރުބަދަމަތީގައި ތާށިވި މީހުން ހޯދުމަށް އިންޑޮނޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ވަގުތުން ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަންގައި 100 އަށްވުރެ ގިނަ މީހުން ހަރަކާތްތެރިވިއިރު، ބާކީ ތިބި 17 މީހުން ވަނީ ސަލާމަތްކޮށްފައެވެ. ސަލާމަތްކުރި މީހުންގެ ތެރެއިން ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. އިންޑޮނޭޝިއާގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޭޖެންސީގެ ތަރުޖަމާނު އަބްދުލް މުހާރީ ބުނި ގޮތުގައި، މަރުވި މީހުންގެ ހަށިގަނޑުތައް ފެނިފައިވަނީ ފަރުބަދައިގެ މައި އަނގައިން 50 މީޓަރު ދުރުންނެވެ. އަދި އެ ހަށިގަނޑުތައް އޮތީ އަލިފާން ފަރުބަދައިން ފޭބި ބޯ އަޅިތަކުގެ ދަށުވެފައި ކަމަށް އޭނާ ބުންޏެވެ.
މީހުން ހޯދުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވި އޮފިޝަލެއް ކަމަށްވާ އިވާން ރަމްދާނީ ފާހަގަކުރި ގޮތުގައި، ފަރުބަދައިން ވިހަ ގޭހާއި އަޅި އަރަމުންދިޔުމުގެ ސަބަބުން މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއެވެ. މި ފަރުބަދަ ގޮވުމާއެކު 10 ކިލޯމީޓަރު މައްޗަށް އަޅިގަނޑު އަރައިގެން ދިޔަކަމަށް ރިޕޯޓުތައް ބުނެއެވެ. މައުންޓް ޑުކޯނޯއަކީ އިންޑޮނޭޝިއާގައި އެންމެ ގިނައިން ގޮވާ އެއް އަލިފާން ފަރުބަދައެވެ. ފަރުބަދައިގެ ހަރަކާތްތައް އިތުރުވުމާ ގުޅިގެން، މިދިޔަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުން ފެށިގެން އެ ސަރަހައްދަށް މީހުން ވަނުން އޮތީ މަނާކޮށްފައެވެ. ނަމަވެސް މި ހާދިސާގައި އަނިޔާވި މީހުންނަކީ އެ އެންގުމާ ހިލާފަށް ފަރުބަދައަށް އެރި ބައެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އިންޑޮނޭޝިއާ
އިންޑޮނޭޝިއާ
އިންޑޮނޭޝިއާ
އިންޑޮނޭޝިއާ