ފިލިޕީންސްގެ ނައިބު ރައީސް ސާރާ ޑުޓާޓޭގެ މައްޗަށް ކުރެވޭ ކޮރަޕްޝަނާއި، ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އެކަމަނާ މަގާމުން ދުރުކުރުމަށް އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ ތިރީގެއިން އިއްޔެ ފާސްކޮށްފިއެވެ. މިއީ އެކަމަނާ މަގާމުން ދުރުކުރުމަށް ފާސްކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުވެސް އެކަމަނާ މަގާމުން ދުރުކުރުމަށް ފާސްކުރިއެވެ. ނަމަވެސް އެފަހަރު ސުޕްރީމް ކޯޓުން ވަނީ އެ ނިންމުން ބާތިލުކޮށްފައެވެ.
ރައީސް ފަރޑިނަންޑް މާކޯސް ޖޫނިއަރއަށް ތާއީދުކުރާ މެމްބަރުންގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހުން މި މައްސަލަ ފާސްކުރީ 257 މެމްބަރުންގެ ވޯޓުންނެވެ. މި ވޯޓުގައި 25 މެމްބަރުން ދެކޮޅަށް ވޯޓު ދެއްވިއިރު، 9 މެމްބަރުން ވަކިކޮޅަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ. ސާރާގެ މައްޗަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި، ރައީސް މާކޯސް އަވަހާރަކޮށްލަން އިންޒާރުދިނުމާއި، އެކަމަނާގެ ބައްޕަ އަދި ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓޭގެ ވެރިކަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި ހަރަކާތްތަކުގައި ގާނޫނާ ޚިލާފަށް މީހުން މެރުމުގައި ބައިވެރިވުން ހިމެނެއެވެ.
މި ތުހުމަތުތައް ދޮގުކުރައްވައި ސާރާގެ ގާނޫނީ ޓީމުން ބުނެފައިވަނީ، ސެނެޓުގައި ކުރިއަށްދާ ޝަރީއަތުގައި އެކަމަނާގެ ދިފާއުގައި މަސައްކަތްކުރަން ފުރިހަމައަށް ތައްޔާރަށް ތިބި ކަމަށެވެ. ނަމަވެސް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ސާރާ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމެވުމަކީ، މީހުން މެރުމުގެ މައްސަލަތަކުގައި އިންސާފު ގާއިމުކުރުމަށް ހުރަސްއަޅައި، އެކަމުން ރެކިވަޑައިގަތުމަށް ކުރައްވާ މަސައްކަތެކެވެ. އަކްބަޔާން ޕާޓީ ފަދަ ޖަމާއަތްތަކުން ވަނީ މި މައްސަލައިގައި ފުރިހަމަ ތަހުގީގެއް ހިންގުމަށް ގޮވާލާފައެވެ.
މި މައްސަލައިގެ ޝަރީއަތް ދެން ކުރިއަށްދާނީ ފިލިޕީންސްގެ ސެނެޓުގައެވެ. ސެނެޓުން ސާރާ ކުށްވެރިވާކަމަށް ކަނޑައަޅައިފިނަމަ، އެކަމަނާ މަގާމުން ދުރުކުރެވި، ކުރިމަގުގައި ސިޔާސީ މަގާމުތައް ފުރުން މަނާކުރެވޭނެއެވެ. މިކަމުގެ ސަބަބުން މާކޯސްގެ ސަރުކާރާއި ޑުޓާޓޭގެ އާއިލާއާ ދެމެދު އުފެދިފައިވާ ސިޔާސީ ކޯޅުން އިތުރަށް ގޯސްވެ، ކުރީގެ ސަރުކާރުން ހިންގާފައިވާ ލޭއޮހޮރުވުންތަކަށް އިންސާފު ހޯދުމުގެ މަސައްކަތަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.
ޕިލިޕީންސް
ޕިލިޕީންސް
ޕިލިޕީންސް
ޕިލިޕީންސް