ބިދޭސީ މަސައްކަތްތެރިންނަށް އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އަޅައި ޖޫރިމަނާ ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ހައްލު ކުރުމަށްޓަކައި މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ އެއްވަރަށް މީގެ ކުރިން އެއްވެސް ސަރުކާރެއްގައި މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.

ރައީސް ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ މައުލޫމާތު އެނގެން ހުރީ ވަރަށް މަދުން ކަމަށާއި އެގޮތުން އެނގެން ހުރީ އެންމެ 13 ޕަސެންޓް ބިދޭސީންގެ ޑޭޓާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ދެ އަހަރާއި ބައިގެ ތެރޭގައި 98 ޕަސެންޓަށް ގެންގޮސްފައިވާ ކަމަށެވެ.

"މީގެ ކުރިން ކޮން ޒަމާނަކުން ފެށިގެންތޯ ބޭރު މީހުން ރާއްޖެއަށް އަންނަން ފެށީ. 13 ޕަސެންޓް މީހުންގެ ޑޭޓާ ހުރީ މިތަނުގައި. ކޮންކަމެއް ކުރީ ސަރުކާރުތަކުން ކުރީ، މިހާރު އެއަދަދު ވަނީ 98 އިންސައްތައަށް ގެންގޮސްފައި. އެމީހުންގެ 10 އިނގިލީގެ ނިޝާނާއި ކާކުކަން އެނގޭނެ ގޮތަށް،" ރައީސް ވިދާޅުވިއެވެ.

ކުރަނގި އޮޕަރޭޝަނަކީ ބިދޭސީ މަސައްކަތްތެރިންނަށް އަދަބު ދިނުމަށް ހިންގާ އޮޕަރޭޝަނެއް ނޫން ކަމަށާއި މިއީ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގާނޫނު އަސާސީއަށް މިހާރު ގެނެސްފައިވާ ބަދަލާ އެކު ބިދޭސީ މަސައްކަތްތެރިންނަށް އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ފުރުސަތު ފަހި ވެފައިވާ ކަމަށެވެ.

"މިހާރުވެސް މި ގެންދަނީ އެފަދަ އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުން. އަޅުގަނޑުމެން މި ގެންދަނީ އެފަދަ ފަރާތްތައް އެއް ކަމަކަށް ޖޫރިމަނާ ކުރުން. ވަރަށް ބޮޑަށް މައްސަލަ ވެސް ހައްލު ވެއްޖެ އޭގެ ސަބަބުން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިހާރު ކުރިއަށްދަނީ ނުގަވާއިދުން މަސައްކަތް ކުރާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތް ކަމަށެވެ.