އެޓެންޝަން ޑެފިސިޓް/ހައިޕައެކްޓިވިޓީ ޑިސްއޯޑާ ނުވަތަ އޭޑީއެޗްޑީ ހުންނަ ކުދިންނަށް ދޭ މުހިންމު ބޭހެއް ކަމަށްވާ މިތައިލްފެނިޑޭޓް ރާއްޖެ އެތެރެ ކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެ ބޭސް ރާއްޖެ އެތެރެކުރަން ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން ހުއްދަ ދީފިއެވެ.

ނެޝަނަލް ޑްރަގު ކޮންޓްރޯލް ކައުންސިލުން ދިން ލަފައަކާ އެކު ކެބިނެޓާ މަޝްވަރާކޮށް އެ ބޭސް އެތެރެ ކުރަން ސަރުކާރުން ނިންމައި އެކަމަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ ހަފުތާގައެވެ.

އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު، މަޖިލީހުގެ ރައީސް އަބްދުރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި މަނާ ލިސްޓް އުނިކުރަން އެދިވަޑައިގަތް ގޮތުގައި ބޭސް "މިތައިލްފެނިޑޭޓް" އަކީ އޭޑީއެޗުޑީ ހުންނަ ކުދިންނަށް ފަސްޓްލައިން ޓްރީޓްމަންޓަކަށް ބޭނުން ކުރާ ބޭހެކެވެ.

އެކަމަކު މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައި ލިސްޓުކޮށްފައިވާ މަނާ ޑްރަގުތަކުގެ ތެރޭގައި އެ ބޭސް ހިމެނޭކަން ފާހަގަކޮށް، ސިޓީގައި ރައީސް އެދިވަޑައިގެންފައި ވަނީ، ކެބިނެޓުން ނިންމާފައިވާ ގޮތަށް މަނާ ޑްރަގު ލިސްޓުން އެ ބޭސް އުނިކޮށް ދިނުމަށް މަޖިލީހުން ރުހުން ދިނުމަށް ވެސް އެ ސިޓީގައި އެދިވަޑައިގެންފައިވެއެވެ.

އެ ސިޓީގައިވާ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުވުމުން އެކަމަށް މަޖިލީހުން ރުހުންދޭން ފެނަންކަމަށް ފާސްކޮށް ކޮމިޓީ ރިޕޯޓް މަޖިލިސް ތަޅުމަށް ފޮނުވިއެވެ.

ކޮމިޓީ ރިޕޯޓްގައިވާގޮތަށް، އެކަމަށް ރުހުން ދިނުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރީ، އެވަގުތު ޖަލްސާގައި ތިއްބެވި 52 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 51 މެންބަރުންގެ އިއްތިފާގުންނެވެ.