މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމް ނެޓްފްލިކްސްއިން “މަނީ ހައިސްޓް” ފްރެންޗައިޒް އިތުރަށް ފުޅާކުރުމަށް ނިންމައި، އާ ޕްރޮޖެކްޓެއްގެ ޓީޒާއެއް އާންމުކޮށްފިއެވެ. މިއީ މުޅި ދުނިޔޭގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މި ސީރީޒްގެ ވާހަކަތައް ކުރިއަށްދާނެކަން ރަސްމީކޮށް ކަށަވަރުކޮށްދިން ފުރަތަމަ ފަހަރެވެ.
މި ޓީޒާގައި ކުރީގެ ސީރީޒްތަކުގައި ފެނިގެންދިޔަ ރޯޔަލް މިންޓް އަދި ބޭންކް އޮފް ސްޕެއިންގެ ފޭރުމުގެ މުހިންމު މަންޒަރުތައް ދައްކުވައިދީފައިވެއެވެ. އަދި ޓީޒާ ނިންމާލާފައިވަނީ “އިންގިލާބު ދުވަހަކުވެސް ނުނިމޭނެ” ކަމަށް ބުނާ މެސެޖަކުންނެވެ. މިއާއެކު، މިއީ އާ ސްޕިން-އޮފްއެއް ނުވަތަ މައި ސީރީޒްގެ އާ ސީޒަނެއްކަމާމެދު ބެލުންތެރިންގެ މެދުގައި ވަނީ ބޮޑު ޝައުގުވެރިކަމެއް އުފެދިފައެވެ. މި އާ ޕްރޮޖެކްޓްގައިވެސް އިސްކޮށް ހަރަކާތްތެރިވާނީ އޮރިޖިނަލް ސީރީޒް އުފެއްދި އެލެކްސް ޕީނާ އަދި އޭނާގެ ކްރިއޭޓިވް ޓީމުންނެވެ.
މި އިއުލާނު ކޮށްފައިވަނީ، މަނީ ހައިސްޓްގެ ސްޕިން-އޮފް ސީރީޒް “ބަރލިން” ގެ ދެވަނަ ސީޒަން މި މަހުގެ 15 ވަނަ ދުވަހު ނެރެން ތައްޔާރުވެފައި ވަނިކޮށެވެ. ސްޕެއިންގެ ބަހުން އުފައްދާފައިވާ މި ފްރެންޗައިޒަކީ ނެޓްފްލިކްސްގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު އެއް އުފެއްދުމެވެ. މި ސީރީޒްގެ ސަބަބުން ނެޓްފްލިކްސްއަށް ވަނީ މާލީ ގޮތުންނާއި ވިޔަފާރީގެ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ.
ނެޓްފްލިކްސްގެ އިސްވެރިން ފާހަގަކުރި ގޮތުގައި، ކާމިޔާބު އުފެއްދުންތަކުގެ މައްޗަށް ބިނާކޮށް އާ ކޮންޓެންޓް އުފެއްދުމަކީ އެ ކުންފުނީގެ ވިޔަފާރީގެ މުހިންމު ސިޔާސަތެކެވެ. މިގޮތުން، މަނީ ހައިސްޓް ފަދަ މަގުބޫލު އިންޓެލެކްޗުއަލް ޕްރޮޕަޓީ (އައިޕީ) ތައް އިތުރަށް ފުޅާކުރުމަކީ ސަބްސްކްރައިބަރުންގެ ޝައުގުވެރިކަން ދަމަހައްޓައި، ދިގު މުއްދަތަކަށް ބެލުންތެރިން ހިފެހެއްޓުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް އެ ފަރާތްތަކުން ބުނެއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ބެލުންތެރީން ގަޔާވާ ފަދަ އާ ވާހަކަތައް މި ޔުނިވާސްގެ ތެރެއިން ގެނެސްދޭނެކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.
ނެޓްފްލިކްސް
ނެޓްފްލިކްސް
ނެޓްފްލިކްސް
ނެޓްފްލިކްސް