އެހާފަސޭހައިން އޭނަގެ ހިތުގައިވި ޝުޢޫރުތައް ޒަރާރް ހޯދައިގަތުމުން، ބުނާނެ އެއްޗެއް ނޭނގިފައި ތަނާލްއަށް އިނދެވުނެވެ. އޭނަ އޮޅުންފިލުވަން ބޭނުންވަނީ އެންމެ ކަމެކެވެ. ޕެނިކް އެޓޭކެއް ޖެހުމުން ޒަރާރް އެހާ ފަސޭހައިން ނަގައިގަންނަނީ ކިހިނެއް ކަމެވެ. އެކަމުގެ ފަހަތުގައި ސަބަބެއްވާކަން ގައިމެވެ. އޭނަ ފަސްޖެހެނީ އެސުވާލު ޒާތީ ދިރިއުޅުމާ ގުޅިފައިވާތީއެވެ.
ދެ ޚިޔާލެއްގައި އިން ތަނާލްގެ ހިތުގައިވި ސުވާލުތައް ދުލާހަމައަށް ގެނައުން ފަސޭހަކަމަކަށް ނުވިއެވެ. އެވަގުތު ދެވަނަ ފަހަރަށް ތަނާލްއާއި ހަތަރުކަޅިހަމަކޮށް ޒަރާރް ބޯޖަހާލިއެވެ. ކުރިއަށް ދިއުމަށް ކުރި އިޝާރާތެކެވެ. ތިރީ ތުންފަތުގައި ދަތް އަޅާލަމުން ތަނާލް އެންމެފަހުން ނިންމީ ސުވާލު ކުރާށެވެ. ޒާތީ ދިރިއުޅުމުގެ އިން ފަހަނައަޅައިދާނަމަ ހުއްޓާލާށެވެ.
''އައިމް ކިއުރިއަސް...'' ތަނާލް ފެށިއެވެ.
''އެކަމުގަ ގޯހެއް އޮތް ކަމަކަށް އަހަރެން ޤަބޫލެއް ނުކުރަން...'' ހިނިތުންވުމަކާއެކުގައި ޒަރާރް ބުންޏެވެ. އޭނަގެ ނަޒަރު ސީދާވެފައިވަނީ ތަނާލްގެ މޫނަށެވެ. ގަދަ މުށިކުލައިގެ ދެލޮލުގައިވި މަހިނޫރުގެ ވިދުން ޒަރާރްއަށް ކަމުދިޔައެވެ.
''ކިހިނެއްތަ ޒަރާރްއަށް އެނގުނީ؟، މީ ދެވަނަ ފަހަރު، ކޮންމެކޮންމެ މީހަކަށް ޕެކިންކް އެޓޭކެއް ފާހަގަ ކުރަން ފަސޭހައެއް ނުވާނެ...'' ތަނާލްގެ ސުވާލާއެކު ޒަރާރްގެ ތުންފަތުގައިވި ހިނިތުންވުން ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި ފަނޑުވެއްޖެއެވެ. އެދެލޮލުގައި އުފެދުނު އޮޔެވަރު ތަނާލްއަށް ފެނުނެވެ. މާޒީގެ ކަޅު ހިޔަނި ޒަރާރްގެ ހަނދާންތަކުގެ މައްޗަށް ސަވާރުވި ކަހަލައެވެ.
''ސަމްވަން ވެރީ ކްލޯޒް ޓު މީ ވެންޓް ތްރޫ އިޓް...'' ޒަރާރްގެ އަޑުގައި ފޮރުވިފައިވި ރިހުން ތަނާލްއަށް އިހުސާސް ކުރެވުނެވެ. ބުނާނެ އެއްޗެއް ނޭނގިފައި ބަލަން އިނދެވުނެވެ. އޭނައެކޭ އެއްފަދައިން މާޒީގެ ހިޔަނީގެ ތެރޭގައި ޒަރާރް ވެސް އެވަނީ ގައިދުވެފައެވެ. ނަމަވެސް އެކަމާ ކެރިހުރެ ކުރިމަތިލާން ޒަރާރް ކުރަމުންދާ ހިތްވަރު ތަނާލްއަށް ތަސައްވަރުކުރެވުނެވެ. ތިމާ މީހާގެ ހާލަތަށްވުރެން އަނެކުންގެ އިހުސާސްތަކަށް ޒަރާރް ޤަދަރުކުރާ މިންވަރު ވެސް މެއެވެ.
''ތަނާލްއާއި ދިމާވި ފުރަތަމަ ރޭ އަހަންނަށް ފާހަގަވި، އެހީވާން ބޭނުންވީ އެހެންވެގެން، ބައެއްފަހަރު ދިރިއުޅުމުގެ ހާސްކަމާ ދުރުވެލާ އެންމެ އާދައިގެ ކަންތަކާ ވިސްނާލުމުން ވެސް ހަމަޖެހުން ލިބިގެންދޭ، މިސާލަކަށް މޫސުން، ކީކޭ ތަނާލް ބުނަނީ؟... ވީ ޓޭކް އެވްރީތިންގް ފޯރ ގްރޭންޓެޑް...'' އަތް ފުޅާކޮށްލަމުން ޒަރާރް އިޝާރާތް ކޮށްލީ ވަށައިގެންވި މާހައުލަށެވެ. އެއީ ވާހަކައިގެ މިސްރާބު ބަދަލުކޮށްލަން ޒަރާރް ބޭނުންކުރި އުކުޅެކެވެ. ތަނާލް ދެނެގަތެވެ. އެހެނަސް އެކަމާ ގުޅުވައިގެން އެއްޗެއް ނުބުންޏެވެ. ވާހަކަ ދެކެވުނު މައުޟޫޢުއަކީ ޒަރާރްއަށް ފަސޭހަ މައުޟޫޢުއަކަށް ނުވާތީއެވެ. އެވަގުތު ތަނާލްގެ ހަނދާނަށް އައީ ހަފްލާ އޮތް ރޭ މަންމައާއި ޖަމްޝީދާއާ ދެމެދު ދެކެވުނު ވާހަކަތަކެވެ. ޒަރާރްގެ ޢާއިލީ ހަމަނުޖެހުމެވެ. ޒަރާރްގެ މަންމައަށް ދިމާވި ހާލަތެވެ. އުފާވެރި ޢާއިލާއަށް އައި ކުއްލި ނިމުމާ އެހާ ޅައުމުރުގައި ޒަރާރް ކުރިމަތިލީ ކިހިނެއް ހެއްޔެވެ؟
ޒަރާރް ހިއްސާކުރި ވާހަކަތަކާ ތަނާލްއަށް ގުޅުވާލެވުނީ ޒަރާރްގެ މަންމައާއެވެ. ފުންކަނޑެއްފަދަ ޒަރާރްގެ ދެލޮލުގައި އުފެދުނު ޖަޒުބާތުތަކުން ތަނާލްއަށް ޔަޤީންކަން ލިބުނެވެ. އިސްވެ ޒަރާރް އޭނައާއި ހިއްސާނުކުރާހާ ހިނދަކު އިތުރަށް އޮޅުންފިލުވުމުގެ ވިސްނުމެއް އޭނަގެ ނެތެވެ.
ޤުދުރަތުގެ ރީތިކަމަށް ތަނާލްގެ ނަޒަރު ހުއްޓާލިއެވެ. އުޑުމަތި ސާފު ރީތި ދުވެހެއްކަމުން، އުޑުގައި ދައުރުވަމުންދާ ވިލާތަކުން ޖައްވުގައި ތަސްވީރުތަކެއް ކުރަހަން އުޅޭ ކަހަލައެވެ. ތަނާލްއަށް އިނދެވުނީ ޤުދުރަތުގެ ޖާދޫ ތެރެއަށް ގެއްލިފައެވެ.
އެއް އަތުގެ އުޅަނބޮށި މޭޒުގައި ވިއްދާލަމުން، ތަނާލްގެ މޫނަށް ބަލަން އިނދެފައި ޒަރާރް ވެސް ސަމާލުވެލީ ޖައްވުގައި ދައުރުވަމުންދާ ވިލާތަކަށެވެ. ދެޒުވާނުން މުޅިން އެހެން ދުނިޔެއަކަށް ގެއްލިފައިވާ ކަހަލައެވެ.
''ކޯޗެއްތަ ތަނާލްއަށް ސިފަކުރެވެނީ؟...'' ޒަރާރްގެ ސުވާލާއެކު ތަނާލް އިޝާރާތްކޮށްލީ އުދަރެހުން ފާޅުވަމުންދާ ވިލާ ތަކަށެވެ.
''ޑްރެގެންއެއް ސިފަކުރެވޭތަ؟...'' ތަނާލް ބުންޏެވެ. އޭނަގެ ތުންފަތުގައި ލުއި ހިނިތުންވުމެއްގެ އަސަރު ވިއެވެ.
ތަނާލް އިޝާރާތްކުރި ދިމާއަށް ޒަރާރް ބަލައިލިއެވެ. ވިލާތަކުން ތަނާލް ސިފަކޮށްދޭން އުޅުނު މަންޒަރު އޭނައަށް ތަސްވީރެއް ނުކުރެވުނެވެ. އެއާއެކު ޝަހާދަތް އިނގިލިން އިޝާރާތްކޮށް ޒަރާރްއަށް ތަނާލް ބުނެދިނެވެ. މޫނާއި، ހަށިގަނޑާއި، ފިޔަގަނޑު ވެސް ދެއްކިއެވެ. ތަނާލްގެ ކޮންމެ އިޝާރާތަކާއެކު ޒަރާރްގެ ހިނިތުންވުން ފުންވިއެވެ.
''މިހާރު އެބަފެނޭ، އައި ލައިކް ޔޯރ އިމޭޖިނޭޝަން...'' ޒަރާރް ބުންޏެވެ.
ދެޒުވާނުންގެ ޚިޔާލީ ދުނިޔެއަށް ނިމުމެއް ގެނައީ މޭޒުމަތީ އޮތް ތަނާލްގެ ފޯނު ވައިބްރޭޓްވާން ފެށި އަޑުންނެވެ. ދެޒުވާނުންނަށް ފޯނާއި ދިމާއަށް ބަލައިލެވުނީ އެކުއެކީގައެވެ.
''ބައްޕަ...'' ފޯނު ނެގުމުގެ ކުރިން ތަނާލްއަށް ބުނެވުނެވެ. ''މީޓިންގް ދިޔަ ގޮތެއް ބަލަން އެގުޅަނީ...''
ތަނާލްއަށް އެކަނިވުމުގެ ފުރުސަތުދެމުން ޒަރާރް ދިޔައީ ފާޚާނާ އަށެވެ. ފާޚާނާއަށް ދަމުން ފަސްއެނބުރި ތަނާލްއަށް ޒަރާރް ބެލިއެވެ. ފުރަގަސް ދީގެން އިނުމުން ތަނާލްއަކަށް ނުފެނުނެވެ. ތަނާލްއަށް ބަލަން ހުރެފައި ޒަރާރްއަށް ދެފަރާތަށް ބޯހޫރާލެވުނެވެ.
''ވައި އޭމް އައި އިންޓްރީގްޑް؟...'' ފަޓުލޫނުގެ ޖީބަށް އަތްޖަހާލަމުން ޒަރާރްއަށް އޭނަގެ ޒަމީރާ ސުވާލުކޮށްލެވުނެވެ. ތަނާލްއާއި ވާހަކަދައްކާލެވުމުން، އިހުނަށްވުރެން ބޮޑަށް ތަނާލްގެ މިޒާޖު ދަސްކުރަން ބޭނުން ވިއެވެ. ހިތާމައާއި މޮޅިވެރިކަން ފެންނަ އެދެލޮލުގައި ފޮރުވިފައިވާ ސިއްރުތަކަކީ ކޮބާ ހެއްޔެވެ؟ އޭނައާއި އެސިއްރުތައް ތަނާލް ހިއްސާކޮށްފާނެ ހެއްޔެވެ؟
*****
ބައްޕައާއި ފޯނުން ވާހަކަދައްކާލަމުން ތަނާލް ފޯނު ބޭއްވިއެވެ. އޭރު ފާޚާނައަށް ދިޔަ ގޮތަށް ޒަރާރް ނާދެއެވެ. މިއަދުގެ ހާދިސާތަކާ މެދު އެކަނި އިނދެ ވިސްނާލަން ތަނާލްއަށް ވަގުތުކޮޅެއް ލިބުނީ ދެނެވެ. ޒަރާރްއާ މެދު ހިތުގައި ބިންވަޅުނެގުނު ސުވާލުތަކަށް ކޮންމެވެސް ގޮތަކުން ޖަވާބު ލިބިއްޖެއެވެ. އެދެމެދުގައި ދެކެވޭ ކޮންމެ ވާހަކައަކަށް ފަހު ޒަރާރްގެ ޝަހުސިއްޔަތާ މެދު އޮތް އިތުބާރު ވަރުގަދަވުން ނޫންކަމެއް ނުވިއެވެ. އެކަނި އިންނަންވުމުން ތަނާލް ފޫހިވާން ފެށި އެވެ. އޭނަގެ ނަޒަރު ވިލާތަކަށް ދަތުރުކުރި އެވެ.
''ވަރަށް ގޯސް އިނގޭ، އަހަންނާ ނުލާ މިހާރު އެޑްވެންޗާރ ތަކަށް ދާން ތި ފެށީ...'' ޒަރާރްގެ އަޑާއެކު ތަނާލް ފަހަތަށް އެނބުރުނެވެ. އޭރު ޒަރާރް އައިސް މޭޒު ކައިރިއަށް ހުއްޓެނީއެވެ. ޒަރާރްގެ ސަމާސާ ރާގުން ތަނާލްގެ ތުންފަތަށް ހިނިތުންވުން ގެނެސްދިނުމުގައި ކާމިޔާބުހޯދިއެވެ. އެއީ ލިބުނު ކުރިއެރުމެއްކަމުގައި ޒަރާރް ދެކުނެވެ.
''އެކަނި އިންނަންވީމަ ދެން ޖެހޭނެތާ ފޫހި ފިލުވަން...'' ތަނާލް ބުންޏެވެ. ޒަރާރްއާއި ވާހަކަދައްކަން ތަނާލްއަށް ނިކަން ފަސޭހައެވެ. ފަހަރެއްގައި ޒަރާރްގެ ސަމާސާ މިޒާޖުން ލިބޭ ހިތްވަރެއްކަމުގައި ވެދާނެއެވެ.
''ޑަޒް ދެޓް މީން އައެމް ބޯރިންގް ކޮމްޕެނީ؟...'' ގޮނޑީގައި އިށީންނަމުން ޒަރާރް ބުނެލީ މޭގައި އަތް އަޅަމުންނެވެ. ތަނާލްގެ ޖުމްލައިން ތަދުވެއްޖަމަކަށް ހެދެމުންނެވެ.
''ނޫން!...'' ތަނާލް އަވަސްއަވަހަށް ބުންޏެވެ. އެހިނދު މާހައުލުގެ ތެރެއަށް ފެތުރުނީ ޒަރާރްގެ ބަރު ހުނުމުގެ އަޑެވެ. ހުދު ދަތްތައް އެހިނިތުންވުމުން ފާޅުކޮށްދިނެވެ. އެއީ ބަލައިލަން ރީތި މަންޒަރެކެވެ.
''ސަމާސާއެކޭ...'' ހެމުންހެމުން ޒަރާރް ބުންޏެވެ. ރައްދުގައި ތަނާލް ވެސް ހިނިތުންވެލިއެވެ. ދުރުބަލަން އިނދެފައި ޒަރާރްއަށް ތަނާލް ޝުކުރު އަދާކޮށްލިއެވެ. ދެން އޭނަ ހިއްސާކުރަން އުޅުނީ ފަހަރެއްގައި ވެސް ދުލާ ހަމައަށް ގެނެއުން ފަސޭހަ ވާހަކައެއް ނޫނެވެ. ނަމަވެސް ޒަރާރްއާ ދެމެދު ޤާއިމުކުރެވުނު ގުޅުމާ އިތުބާރުން ތެދު ހާމަކުރަން ތަނާލްއަށް އުނދަގުލެއް ނުވިއެވެ.
''އަހަރެން ހީކުރީ ޒަރާރް އަހަރެންދެކެ ހިތްހަމަނުޖެހިދާނެ ކަމަށް، އައި މީން ބިކޯޒް އޮފް މައި ޕެކިން އެޓޭކްސް... ޔޫ ސޯ މީ އިން އެ ވަލްނަރަބްލް ސްޓޭޓް ޓޫ ޓައިމްސް... އަހަރެން ބޮޑަށް ބިރުގަތީ އަހަރެންގެ މަސައްކަތާ މެދު ޒަރާރް ސުވާލު އުފައްދަފާނެތީ...'' ތަނާލްގެ މޫނުން އުދާސްކަމުގެ ބަނަކަން ފާޅުވިއެވެ.
''ތަނާލް...'' ޒަރާރް ގޮވާލީ ކަންބޮޑުވުމާއެކުގައެވެ.
''ޕްލީޒް ލެޓް މީ ފިނިޝް؟...'' ތަނާލް އެދުނެވެ.
ތަނާލްއަށް ބަލަން އިނދެފައި ޒަރާރް ބޯޖަހާލިއެވެ.
''ތެންކިއު ފޯރ ނޮޓް ޑައުޓިންގް މީ، ފޯރ ގިވިންގް މައި ވިޝަން އެ ޗާންސް... މީގެ ފަހުން އެފަދަ ކަމެއް ވޯކްގަ ކުރިމަތިނުވާނެތޯ އަހަރެން މަސައްކަތްކުރާނަން... ޒަރާރް އަހަންނަށް ވެދިން އެހީތެރިކަމަށް ޝުކުރުވެރިވާނެ ގޮތެއް ވެސް ނޭނގޭ...''
''ކޮންމެ މީހަކީ މެންޓަލީ އެންމެ ފިޓް މީހަކަށް ނުވެދާނެ، ތެދަށް ބުނާނަމަ އައި ހޭވް މައި މޯމެންޓް ޓޫ... އެކަމާ ކުރިމަތިލާނެ ގޮތް މުހިންމީ.... ތަނާލްގެ ސިޗުއޭޝަން އިޒް ޑިފަރެންޓް، ޔޫ ކެނޮޓް ކޮންޓްރޯލް ދޯސް އިމޯޝަންސް، އަހަރެން ވެސް ބަލާނަން މީޓިންގްތަކުގަ ތަނާލްއަށް ސޭފް ޕްލޭސްއެއް ދެވޭތޯ، މިއަދު ދިލްފާ ގެނައުމުގެ ކުރިން ތަނާލްގެ ހުއްދަ ހޯދުނުނަމައޭ ހިތަށް އަރާ، ދެން މީގެ ފަހުން އަހަރެން އެކަމަށް ސަމާލުވާނަން...'' ޒަރާރް ބުންޏެވެ.
''ތެންކިއު...'' ތަނާލްގެ ހިތް ޝުކުރުން ފުރުނެވެ. މިޒަމާނުގައި ޒަރާރް ފަދަ އަނެކުންގެ އިހުސާސްތައް ދެނެގަނެ މަދަދުވެރިވާނެ ޒުވާނުން މަދުވާނެއެވެ. ހަޔާތުގެ ބައިވެރިޔަކަށް ޒަރާރް ކަހަލަ އޯގާތެރި ހިތެއްގެ ވެރިޔަކު ލިބޭނީ ނަސީބު ވެރިޔަކަށެވެ.
ކެއުން ނިމުމާއެކު ފޮނި އެއްޗެއް ގެންނަން ޒަރާރް ޚިޔާލު ދިނެވެ. ހީވާ ގޮތުން އެބައްދަލުވުމަށް ނިމުން އަންނަން ޒަރާރް ބޭނުންނުވާ ކަހަލައެވެ. ތަނާލް ދެކޮޅެއް ނެހެދިއެވެ. އެކްސިޑެންޓަށްފަހުގައި މަންމައާއި ބައްޕަގެ އިތުރުން ރާނިޔާ ފިޔަވާ އިތުރު ފަރާތަކާ ހަމަޖެހިލައިގެން ވާހަކަދައްކާލެވުނު ފުރަތަމަ ފަހަރެވެ. އެކަމާ ވިސްނާލުމުން މާޔޫސްކަމުގެ އުދަބާނިތައް މޭގައި އުފެދެން ފެށިއެވެ. ނަމަވެސް ޒަރާރްގެ އަޑުން ހަޤީޤަތުގެ ތެރެއަށް ގެނެސްދިނުމުގައި ކާމިޔާބު ހޯދައެވެ.
*****
ކެއުން ނިންމާލާފައި މާލެ ދިއުމަށް ދެޒުވާނުން އެކުގައި ތިރިއަށް ފޭބިއެވެ. ހުޅުމާލެ އައީ ޒަރާރްގެ ކާރުގައެވެ. ރެސްޓޯރެންޓް ހުރި މަގުގެ އަނެއް ފަޅީގައި އޮތް ކާރަށް އެރުމަށް ދެޒުވާނުން ހިނގައިގަތެވެ. ކާރާއި އަރާ ހަމަވުމާއެކު ތަނާލްއާއި ދިމާއަށް ޒަރާރް އެނބުރުނެވެ.
''އެއްޗެއް ބާއްވާފަ އާދެވުނީތަ؟...'' ތަނާލްއަށް އަހާލެވުނެވެ. ޒަރާރްއަށް އައި ކުއްލި ބަދަލު ފަހުމުކުރަން ތަނާލްއަށް އުނދަގޫވިއެވެ.
''ނޫން، އެކަމަކު އެއްޗެއް ހަނދާންވީ...'' ޒަރާރް ބުންޏެވެ.
ތަނާލް މަޑުކޮށްލީ ޒަރާރް އެއްޗެއް ބުނަން އުޅޭހެން ހީވާތީއެވެ. ކާރަށް އެރުމުގެ ބަދަލުގައި، މަގުގައި ހުރި ފިތިރޯނު ގަހުގެ ހިޔަލުގައި މަޑުކޮށްލިއެވެ.
''އޭރު ބުނީމެއްނު އަހަންނަށް ޝުކުރުވެރިވާނެ ގޮތެއް ނޭނގެޔޭ، ވެލް ދިސް މޭއި ސައުޑް ވިއާޑް...'' ބޮލުގެ ފުއްކިބައިގައި އަތްތިލަ ހިންގާލަމުން ޒަރާރް ބުންޏެވެ.
''ބުނީމަތާ އިނގޭނީ، އައި ކާންޓް ރީޑް މައިންޑްސް...'' ފުރަތަމަ ފަހަރަށް ޒަރާރްގެ ފަރާތުން ތަނާލްއަށް ހާސްކަން ފެނުނެވެ. ހިސާބަކަށް ހައިރާންވިއެވެ.
''ހިޔާރ ގޯސް ނަތިންގް....'' ނުތަނަވަސްކަމުގެ ހިނިތުންވުމަކާއެކު ޒަރާރް ބުންޏެވެ. ''ތަނާލްގެ އެކުވެރިޔަކަށް ވެވިދާނެތަ؟...''
ޒަރާރްގެ ހުށަހެޅުމާއެކު އެދެމެދަށް ވެރިވީ ހިމޭންކަމެވެ. ތަނާލް ހުރީ ޒަރާރްގެ މޫނަށް ބަލަހައްޓައިގެންނެވެ. ވަގުތު ދިގުލާން ފެށުމުން ޒަރާރް އިތުރަށް ނުތަނަވަސްވިއެވެ. ބުނި ޖުމްލަ އަނބުރާ ގެނެވޭނެ ނަމައެވެ. ތަނާލްގެ އެކުވެރިކަމަށް އޭނަ އެދުނީ އުފެދުނު ޝައުޤަށްވުރެ ބޮޑަށް ހަޤީޤަތުގައި ވެސް ރަހުމަތްތެރިޔަކު ބޭނުންވެފައިވާތީއެވެ. ޕްރޮޖެކްޓްގައި އެކުގައި ހޭދަކުރަންޖެހޭ ވަގުތު ގިނަވާނެތީ އޭނައަށް ހީކުރެވުނީ ތަނާލް ވެސް އޭނައާއި އެކުވެރިކަން އުފައްދަން ބޭނުންވެދާނެ ކަމަށެވެ. ނަމަވެސް ތަނާލްގެ މޫނުން ފެނުނު ޝުޢޫރުތަކުން ޒަރާރް ފަސްޖެހުނެވެ. ހިތްއަވަސްވެ މީހާ ފިނިވާން މެދުވެރިވިއެވެ. އޭނައަށް ބުނެވުނު އެއްޗަކުން ތަނާލްއަށް ހާސްކަމެއް ލިބެން ޒަރާރްގެ ޒަމީރު ދެކޮޅުހެދިއެވެ. ހާއްސަކޮށް އޭނައާއި ތަނާލް ހިއްސާކުރި ވާހަކަތަކަށް ފަހުގައެވެ. އޭނަގެ މޮޔަކަމާ މެދު އަޑުލެވުނެވެ.
ތަނާލްއަށް ވިސްނާލެވުނެވެ. އެކުވެރިކަމުގެ ދައުވަތު ޤަބޫލުނުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ޒަރާރްއަކީ ރަނގަޅު ޝަހުސިއްޔަތެއްގެ ވެރިއެކެވެ. އިހުސާސްތައް ދަންނަ އެކުވެރި ޒުވާނެކެވެ. އެހުށަހެޅުމުގެ ފަހަތުގައި ނުނިޔަތެއް ފޮރުވިފައިނުވާކަމުގެ ޔަޤީންކަން ޒަރާރްގެ ނުތަނަވަސްކަމުން ތަނާލްއަށް ސާބިތުކޮށްދިނެވެ. އޭނަ ފަދައިން ޒަރާރް ވެސް އެވަނީ ރަނގަޅު އެކުވެރިޔަކު ބޭނުންވެފައެވެ. މެލޭޝިޔާގައި އުމުރުގެ ބޮޑުބައި ހޭދަކޮށްފައިވުމުން މާލޭގައި ޒަރާރްގެ އެކުވެރިން ނުތިބޭނެކަން ތަނާލްއަށް ރޭކާލިއެވެ. އެއާއެކު ޒަރާރްގެ އެހުށަހެޅުމަށް ފުރަގަސްދޭން އޭނަގެ ޒަމީރު ދެކޮޅުހެދިއެވެ.
''ޝުއާރ، ވީ ކޭން ބީ ފްރެންޑްސް، ޕްރޮޖެކްޓްގެ ގޮތުން އެކުގަ ގިނަ ވަގުތު ހޭދަކުރަން ޖެހޭނެތާ...'' ތަނާލް ހިނިތުންވެލިއެވެ.
''ކޫލް، ޔޫ ސްކެއާޑް މީ ދެއާރ ފޯރ އެ ސެކެންޑް...'' ފުން ނޭވާއެއް ދޫކޮށްލަމުން ޒަރާރް ހިނިތުންވެލިއެވެ.
''ކޮންކަމަކާ؟...'' ތަނާލްއަށް އަހާލެވުނެވެ.
''ދެޓް މެން އެންޑް ވިމެން ކާންޓް ބީ ފްރެންޑްސް...'' ޒަރާރް ބުންޏެވެ.
''އެކަހަލަ މޮޔާ ކަންތަކާ ޒަރާރް ވިސްނަންތަ؟...'' ސަމާސާ ރާގަކަށް ތަނާލް އަހާލިއެވެ.
''ދެން ނުވިސްނާނަން...'' ޒަރާރް އިތުރުކޮށްލިއެވެ.
ތަނާލް އަރަން ކާރުގެ ދޮރު ހުޅުވާލަދިނީ ޒަރާރް އެވެ. ހިނިތުންވުމަކާއެކު ކުރީ ސީޓުގައި ތަނާލް އިށީނެވެ. އަތް ދަބަސް ތެރެއިން އޭނަ ފޯނު ނެގި ވަގުތު ޒަރާރް ވެސް ކާރަށް އަރައިފިއެވެ.
''ރައްޓެހިން ކިޔަނީ ކީކޭތަ؟...'' ޒަރާރްގެ ޖުމްލަ ފުރަތަމަ ތަނާލްއަށް ފަހުމެއް ނުވިއެވެ. ފޯނު އަތްދަބަހަށް ލަމުން ޒަރާރްއާއި ދިމާއަށް ތަނާލް އެނބުރުލިއެވެ. ކާރުގެ ހުންގާނުގައި އެއް އަތުން ހިފަހައްޓައިގެން ޒަރާރް އިނީ ތަނާލްއަށް ބަލާށެވެ.
''އޯހ...'' ތަނާލްއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ''ތަނޫ...''
''ތަނޫ...'' ޒަރާރް ލަސްލަހުން ކިޔާލިއެވެ. ހީވީ އެނަން ފަރިތަކޮށްލަން އުޅުނު ހެންނެވެ.
''ހައު އެބައުޓް ޔޫ؟...'' ތަނާލް އެހިއެވެ.
''ޒަރާރް، ހަމައެކަނި ޒަރާރް...'' ޒަރާ ބުނެލި ރާގުން ތަނާލްއަށް ހެވުނެވެ.
''އައި ނޯ، އައިމް ލޭމް...'' ޒަރާރް ވެސް ހުނުމުގައި ބައިވެރިވިއެވެ.
''ނޫން، ޒަރާރްގެ ނަން ހަމަ އެގޮތުގަ މާ ރީތި، ކުރު ކުރުމުގެ ބޭނުމެއް ނެތް...'' ތަނާލް ބުންޏެވެ.
''ތަނޫ ބުނީމަ ޤަބޫލުކޮށްފިން...'' ކާރު ދުއްވާލަމުން ޒަރާރް ބުންޏެވެ.
*****
މީޓިންގްއަށް ފަހު ޒަރާރްއާއި ވަކިވި ތަނާލްއަށް ނުދަންނަ ނަންބަރަކުން މެސެޖެއް އައީ ހަވީރުވީ ފަހުންނެވެ. އޭރު އޭނަ އުޅުނީ އޮފީސް ނިންމާލާފައި ގެއަށް ދިއުމަށެވެ. މެސެޖު އައުމުން ތަނާލް ހުޅުވާލިއެވެ. އޭގައި ވަނީ ވިލާ ގަނޑެއްގެ މަންޒަރެކެވެ. މެސެޖު ހުޅުވާލުމާއެކު އެއީ ޒަރާރްކަން ތަނާލް ދެނެގަތެވެ. އޭނަގެ ނަންބަރު ޒަރާރް ހޯދި ގޮތަކާ މެދު ވިސްނާކަށް ނުޖެހުނެވެ. އެކުގައި މަސައްކަތްކުރާތީ އޭނަގެ ނަންބަރު ހޯދުން ޒަރާރްއަށް އުނދަގޫކަމަކަށް ނުވާނެއެވެ. ޒަރާރްގެ މެސެޖަށް ރައްދު ދިނުމުގެ ބަދަލުގައި ފުރަތަމަ ޒަރާރްގެ ނަންބަރު ފޯނުގައި ސޭވްކޮށްލެވުނެވެ. އެއަށްފަހު މެސެޖެ އަނެއްކާ ބަލައިލެވުނެވެ.
ހިވާގޮތުން ޒަރާރް ފޮނުވާފައި އިން ފޮޓޯއަކީ ޒަރާރްގެ ކެބިން އިން ނަގާފައިވި ފޮޓޯގަނޑެކެވެ. މާލޭގެ މަލަމައްޗާ އެކު ހުރި ފޯޓޮގަނޑުން އިމާރާތްތަކުގެ ފަހަތަށްވާހެން ބިޔަ ވިލާގަނޑެއް ފެންނަން ހުއްޓެވެ. ތަނާލްއަށް ސިފަކުރެވުނީ އެތެކެވެ. ކެބިންއިން ނިކުންނަން ދަމުން ޒަރާރްއަށް ތަނާލް މެސެޖުކޮށްލިއެވެ.
''އަހަންނަށް ފެންނަނީ އަހެއް، ބައި ދަ ވޭއި، މީ ޒަރާރް، ޔޯރ ފްރެންޑް...'' ސްމައިލީ ފޭސްއަކާއެކު ޒަރާރްގެ މެސެޖެއް ލިބުނެވެ. އިރުކޮޅެއް ފަހުން އޭނައަށް އަސް ސިފަވާ ގޮތް ކޮޅިގަނޑު މަތިން ކުރަހާފައި ޒަރާރް ދެއްކިއެވެ. އެކަނި ހުރެވެސް ތަނާލްއަށް ހެވުނެވެ. ފަސް އަހަރުގެ ކުޑަކުއްޖެއްގެ ކުރެހުމާ ތަފާތެއް ނެތެވެ. ތަނާލްއަށް އެފޮޓޯ ސޭވް ކޮށްލެވުނެވެ.
''ކުރެހުމުގެ ހުނަރު ނެތްކަމަށް ފެންނަނީ...'' ތަނާލް ލިޔުނެވެ.
''އިނގެޔޭ، ކޮންމެ މީހަކު ތަނޫ ގޮތަށް ހުނަރުވެރިއެއްނުވާނެ... އެކަމަކު ބުނަން... އަހަންނަށް އާޓް ވަރަށް ކަމުދޭ...'' ޒަރާރް ލިޔުނެވެ.
*****
ހުކުރުދުވަހުގެ މެންދުރެވެ. މެންދުރުގެ ކެއުމަށް ޢާއިލާގެ މެންބަރުން އިންސާފުކުރަމުން ދިޔަ އިރުގައި، ކާމޭޒު ދޮށުން ނުފެންނަނީ ހަމައެކަނި ދައްޔާން އެވެ. ދައްޔާންގެ ހުސްގޮނޑި ޖާބިރަށް ފެނުނެވެ. އޭނަ އަޒީލާއަށް ބަލައިލެއެއްކަމަކު އަޒީލާ ދެނެހުރިކަމަކަށް ނުހެދިއެވެ.
ކާމޭޒު ދޮށުގައި ދެކެވުނީ މުޅިންހެން ވިޔަފާރީގެ ވާހަކަތަކެވެ. ނިމުނު ހަފްތާގައި އޮފީސް ދިޔަ ގޮތާއި ޒަރާރް ހަވާލުވި ޕްރެޖެކްޓްގެ ކަންތައް ދާ ގޮތެއް އޮޅުން ފިލުވަން ޖާބިރު ސުވާލުކުރިއެވެ. ނިކަން ގަޔާވެފައި ޒަރާރް ޖަވާބު ދިނެވެ.
''ހުރިހާ ކަމެއް ދަނީ ރަނގަޅަށް، ބައްޕަގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ...'' ޒަރާރް ބުންޏެވެ. މޭޒުގެ އަނެއް ފަޅީގައި އިން ބައްޕައަށް ޒަރާރް ބަލައިލީ އުއްމީދުން ފުރިގެންވި ހިނިތުންވުމަކުންނެވެ. އެއުފާވެރިކަމާ މެދު ހަސަދަވެރިވާނެ މީހަކު އިންކަމެއް ޒަރާރްއަށް ރޭކާނުލިއެވެ.
އަޒީލާ ދިރުވާލަން އުޅުނު ސީޒާ ސެލެޑުކޮޅު އަރުގައި ތާށިނުވީ ހަމަ ކިރިޔާއެވެ. ޖޫސް ތަށި ނަގައި އަވަސްއަވަހަށް ބޯން ފެހީ އޭނަގެ ހަރަކާތްތައް އެއްވެސް މީހަކަށް ފާހަގަވޭތޯ ބަލަމުންނެވެ. ޖޫސްތަށީގައި އޭނައަށް ހިފަހައްޓާލެވުނީ ބާރަށެވެ. އަތަށް ތަޅައިގެން ނުދިޔައީ އޭނަގެ ނަސީބު ރަނގަޅުކަމުންނެވެ.
ޒަރާރްގެ ޖުމްލައިން އެންމެ ބޮޑަށް އުފާވީ ސަރުވާ އެވެ. މޭޒުމަތީ އޮތް ޖާބިރުގެ އަތުގައި ސަރުވާ ހިފާލީ މަސްރޫރަށް ހެޔޮ ބަހެއް ބުނުމުގެ އިޝާރާތެއްގެ ގޮތުންނެވެ. ލޯބިވާ އަނބިމީހާގެ ބަސް ޤަބޫލުކޮށް، ރުޅިވެރިކަމާއި ދެކޮޅުވެރިކަން ދޫކޮށް މަސްރޫރާއި ޖާބިރު ވާހަކަދެއްކިއެވެ. އެތައް އަހަރަކަށް ދެމިގެންގޮސްފައިވާ ނުތަނަވަސްކަމުގެ ތޫފާން ހިނދެން އުޅޭކަމުގެ ނިޝާނެކެވެ. އެކަމާ ހިތްހަމަނުޖެހިފައި އިނީ ހަމައެކަނި އަޒީލާ އެވެ. ސިއްރިސިއްރުން ޒަރާރްއަށް އަމާޒުކޮށްލީ ނަފުރަތުގެ ބެލުމެކެވެ.
''ކޮބާތަ ދައްޔާން؟... ގޭތެރެއިން ނުފެންނަތާ މިހާރު ދެ ދުވަސްމިވަނީ؟، ބަލީތަ؟، ނޫނީ ގޭގެ ނޫޅެނީތަ؟...'' އަޒީލާއަށް ބަލަމުން ޖާބިރު އެހިއެވެ.
''ރައްޓެހިންނާއެކު ބޭރުގަވީ...'' ކުއްލިޔަކަށް ޖާބިރު އެހުމުން އަޒީލާއަށް ލިބުނީ ހާސްކަމެވެ. މީގެ ކުރިން ޖާބިރު އޭނައާއި ރުހުމުގައި ވާހަކަދައްކާފައި ނެތެވެ. ވެދިޔަ ހުރިހާ ކަމެއްގައި ޖާބިރު އޭނަ ކުށްވެރިކުރާކަން އަޒީލާއަށް ނޭނގެނީއެއް ނޫނެވެ. އޭނަ ޖާބިރު ދެކެ ފޫހިވަނީ އެހެންވެގެންނެވެ.
''އަނެއްކާ އަންގާލުމެއް ނެތި ރާއްޖޭން ބޭރަށް ފުރީތަ؟...'' ޖާބިރުގެ ރާގުން ގަސްދުގައި އަޒީލާއަށް ބަހުގެ ހަމަލާދޭކަން ހާމަކޮށްދިނެވެ. ކާމޭޒު ދޮށުގައި އޮތް އެއްބައިވަންތަކަމާއި އުފާވެރިކަމުގެ ކުލަވަރު ވަގުތުން ފަނޑުވެއްޖެއެވެ. ސަރުވާ އިނީ ކަންބޮޑުވެފައެވެ.
''ނޫން، މިކޮޅުގަ އެބައުޅޭ...'' އަޒީލާ ހެދީ ދޮގެވެ. ތެދަށް ބުނާނަމަ ދައްޔާން ވީ ތަނެއް ބުނަން އޭނައަކަށް ނޭނގެއެވެ. ހޯދަން އުޅެ ނާކާމިޔާބުވީއެވެ. ދައްޔާންގެ ރައްޓެހިން ގިނަކަމުން ގުޅަންވީ ކާކަށް ކަމެއް ނޭނގެއެވެ.
''ޔަޤީންތަ؟...'' ޖާބިރު ސުވާލުކޮށްލިއެވެ.
''ޖާބިރު...'' ސަރުވާއަށް މަޑުން ނީނދެވުނެވެ. އާދައިގެ މަތީން އޭނަ މަސައްކަތްކުރި ސުލްހަ ޤާއިމްކުރާށެވެ.
''އެސޮރު ވީތަނެއް ބަލައިލީނު... ދޯ މަސްރޫރު...'' ޖާބިރު ބުންޏެވެ.
މަސްރޫރު ހަމައެކަނި ބޯޖަހާލީއެވެ. އޭނަ އަޒީލާއާއި ދިމާއަށް ބަލައިވެސް ނުލިއެވެ. ހިތްހަމަނުޖެހުމުގެ އަސަރު ރީއްޗަށް ފާޅުވެއެވެ. ދައްޔާނާ ގުޅިގެން އަޒީލާ ހެދީ ދޮގުކަން ޔަޤީނާ ގާތަށް ބުނަން އެނގުނެވެ. އެކަމާ ގުޅިގެން އަޒީލާއާއި ވާހަކަދައްކަން އޭނަ ނިންމީ ދެމަފިރިން އެކަނިވުމުންނެވެ.
ކެއުން ނިމުމާއެކު ފުރަތަމަ ކާމޭޒު ދޫކޮށް ދިޔައީ އަޒީލާ އެވެ. އަޒީލާގެ ފަހަތުން މަސްރޫރެވެ. މާހައުލުގެ ނުތަނަވަސްކަމާ މެދު ފިކުރު ހިންގަން އިން ޒަރާރް ވެސް ދިއުމުގެ ހުއްދައަކަށް އެދުނެވެ. އެއާއެކު ޖާބިރާއި ސަރުވާ އެކަނިވިއެވެ. ޖާބިރަށް ވިސްނައިދޭނަވެގެން އެއްޗެއް ބުނެފައި ސަރުވާ ކޮޅަށް ތެދުވިއެވެ.
*****
މަސްރޫރު ކޮޓަރިއަށް ވަންއިރު އަޒީލާ ހުރީ ކޮޓަރިން ނިކުމެވެން ހުރި ބެލްކަނީގައެވެ. ފޯނުން މީހަކަށް ގުޅާށެވެ. ދައްޔާނަން ނޫނީ ނުގުޅާނެކަން މަސްރޫރަށް ޔަޤީންކުރެވުނެވެ. އެއާއެކު އަޒީލާ ހެދި ގޮދުތައް ބޭޒާރުވެއްޖެއެވެ. ބެލްކަންޏަށް ނިކުންނަމުން މަސްރޫރު ދޮރުލައްޕާލީ ތަންކޮޅެއް ބާރަށެވެ. އޭނަ ހުރިކަން އަޒީލާއަށް އަނގާލިއެވެ.
ސިހުނުވަރުން އަޒީލާގެ އަތުން ފޯނު ދޫނުވީ ކިރިޔާއެވެ. ފޯނު ތިރިކޮށްލަމުން މަސްރޫރަށް ބަލަން އަޒީލާ ހުއްޓެވެ. ދެން ކަންތައްކުރާނެ ގޮތަކާ މެދު ސިކުނޑިއަށް ބާރު ލިއެވެ.
''ކޮބާ ދައްޔާން؟...'' ހަށަން ބަންނަމުން މަސްރޫރު އެހިއެވެ. އޭނަ ހުރީ ބެލްކަނީގެ ދޮރު ކުރިމަތީގައެވެ. އަޒީލާގެ ކުރި ބައްދައިގެންނެވެ.
''އަޖައިބެއްނު!، ކީއްވެ އެންމެން އަހަންނާ ސުވާލުކުރަނީ، އެއީ ހަމައެކަނި އަހަރެންގެ ދަރިއެއްތަ؟، މަސްރޫރަކީ ދައްޔާންގެ ބައްޕައެއް ނޫންތަ؟... ކީއްތަ ވާނީ އަމިއްލަ ޒިންމާ އަދާކުރިއްޔާ...'' އަޒީލާ ގާތަށް އައީ ރުޅިއެވެ.
''އަހަރެންގެ ޒިންމާ އަދާކުރުމަށް ހުރަސް އަޅަނީ އަޒީލާ، އެކައްޗެއް އަހަރެން ލައްވާ ކިތައްފަހަރު ބުނުވާނަމޭ ތިއުޅެނީ؟......'' މަސްރޫރު ހޫނު ރައްދެއް ދިނެވެ.
''ވަޓް!...'' އަޒީލާ ސިހުނެވެ. ދުވަހަކު އެމޭރުމުން އޭނައާއި މަސްރޫރު ވާހަކަދައްކާފައި ނެތެވެ. ކުދިކުދި ކަންތަކާއި ދެބަސް ވިޔަސް މިފަހަރު ތަފާތެވެ. ޤަބޫލުކުރަން އުނދަގޫވެފައި އަޒީލާ ހުއްޓެވެ.
''މީ ތެދެއްކަން އަމިއްލައަށް ވިސްނާލިޔަސް އެނގޭނެ...'' މަސްރޫރު ދުލެއް ނުދިނެވެ. އެތައް އަހަރެއް ވަންދެން ވަންހަނާ ކުރަމުން އައި ނުރުހުންތެރިކަމުގެ ހޫނު ބޭރުވާން އުޅެނީއެވެ.
''އަހަރެން މަސައްކަތްކުރަން، ކީއްވެ އެއްވެސް މީހަކަށް ނުފެންނަނީ!...'' ލޮލަށް ކަރުނަ ގެންނަމުން އަޒީލާ ބުންޏެވެ.
''އަބަދު ދައްކާ ބަހަނާއަކީ ތީ!... މަސައްކަތްކުރާނަމަ ދާން ކުރާ ގޯސްކަންތައް ފޮރުވާކަށް ނޫޅޭނެ...'' މަސްރޫރު ބުންޏެވެ. އެއަށްފަހު މަޑުކުރުމެއް ނެތި ދާން ހިނގައިގަތެވެ.
މަސްރޫރު ކޮޓަރިން ނިކުތް މަންޒަރު ބަލަން އަޒީލާ ހުރީ ސިހުމެއްގެ ތެރޭގައެވެ. ކަރުނައިގެ ދާވަނީގައި މަސްރޫރު ހައްޔަރުނުކުރެވުމުން އަޒީލާ ބިރުގަތެވެ. ކަރުނަ ފޮހެލަމުން އޭނަ ބެލީ ދައްޔާނަށް ގުޅޭތޯއެވެ. މިފަހަރު އޭނަ ގުޅުމުން ދައްޔާން ފޯނު ބިޒީކޮށްލީއެވެ. ދެން ލިބުނީ ދުނިޔޭގައި ހުރިކަމެއް ބުނެ ފޮނުވި މެސެޖަކުންނެވެ. މެސެޖާއެކު ރިސޯޓެއްގެ ބާރގައި މަޖާ ކުރާ ފޮޓޯއެކެވެ. އެފޮޓޯގައި ތިބި ދައްޔާންގެ އެކުވެރިންތައް އެނގޭވަރުވުމުން ފަހަރަކު މީހަކަށް ގުޅައި ދައްޔާން ހުރި ތަނެއް އަޒީލާ ބެލިއެވެ. ދެކުނުގެ އަތޮޅެއްގެ ރިސޯޓަކަށް ދިޔަކަން އެނގުނީ އެހިސާބުންނެވެ. އެކަމާ އަޒީލާ އައީ އަމަށަކު ރުޅިއެއް ނޫނެވެ. ދަތްކުނޑިވިކައިގެން ހުރެ ދައްޔާނަށް އަޑުލިއެވެ.
''އެބަޖެހޭ ގޮތެއް ހޯދަން، މަސްރޫރު އެހުންނަނީ އަހަރެން ދެކެ ރުޅި އައިސްފަ، ޒަރާރްއާ ދިމާއަށް އެއްޗެއް ބުނެވޭކަށް ނެތް، އަހަރެން ވަށައިގެން މިތިބީ މުޅިންހެން ދުޝްމަނުން، މީ ޒަރާރްގެ ފައިދާ ނަގަންވީ ވަގުތުޖެހިއްޖެ...'' އަޒީލާއަށް ބުނެވުނެވެ. އަމިއްލަ ނަފުސާއި ސައްލާކުރަމުން އޭނަ މިސްރާބު ޖެހީ ޒަރާރްގެ ކޮޓަރިއަށެވެ.
(ނުނިމޭ)
ފުރުސަތު މި އެދޭ
I adore the way you portrayed Z and T’s relationship. Their vulnerabilities make them genuine and compatible. I’m a big fan of characters with flaws. Haha. I’m really curious to see how this relationship will evolve. So far, they’re adorable. P.S. I really don’t like this Azela.
ޡ - 1 މަސް ކުރިން