ސިފައިންގެ ރިޓަޔާމަންޓް ގަވައިދު އިސްލާހުކޮށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ސިފައިންގެ 134 ވަަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބަނޑޭރި ކޮށީގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދާ ހަމަޔަށް އައިއިރު ސިފައިންގެ އެކިއެކި ގަވައިދުތަކާއި ގާނޫނުގެ އުސޫލުތައް ހުރިގޮތުން އިތުރަށް ރަނގަޅުކުރާން ޖެހޭ ކަންތައްތައްތަކެއް އެބަހުރި ކަމަށެވެ.
މިހާރު ގަވައިދު އޮންނަގޮތުން އެއް ރޭންކެއްގައި ވަކި ވަރަކަށް އަހަރު ހަމަވިޔަސް ރޭންކް ބަދަލެއް ނުވެއެވެ. ރޭންކު ބަދަލުުނުވެހުއްޓާ ޖެހެނީ ހިދުމަތުން ވަކިވެ ރިޓަޔާ ވާށެވެ.
"މި ކަހަލަ ލިމިޓޭޝަންސްތަކެއް އެބަހުރި. އަޅުގަނޑު ގަބޫލުކުރާގޮތުގައި މިއީ އެންމެ އަދުލުވެރިގޮތެއްނޫން އަދި އެ ސިފައިންގެ ހިދުމަތްތެރިޔާއަށްވެސް އެންމެ އަދުލުވެރިގޮތެއްނޫން، ގައުމަށްވެސް އެންމެ އަދުލުވެރިގޮތެއްނޫން، އެހެންވީމަ ސިފައިންގެ ހިދުމަތުގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކީގައި ހިދުމަތް ކުރާ ސިފައިންނާއި ފުލުހުންނަށް އަދި ރޭންކުގައި ވަކި މުއްދަތެއް ވިޔަސް. އަދި ލިމިޓޭޝަން މިހާރުގެ ގަވައިދުގެތެރެއިން ހަމަވާގޮތަށް އޮތް އޮތުން އެއީ ބަދަލުކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި ގަބޫލުކުރަން." ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިކަންކަން އިސްލާހުކުރުމަށްފަހު ސިފައިންގެ ހިދުމަތުގައި ދެމިހުރެވޭނެ ގޮތް ހަދަން ގަސްތުކުރައްވާ ކަމަށެވެ. އޭގެ ފަހުން ލިބޭ ރިޓަޔާމަންޓްގެ އަދަދުވެސް ބަދަލުކުރަން ގަސްތުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެކަން އެގޮތަށް ބަދަލުކޮށްދޭނަން. އަދި މީގެ އިތުރަށްވެސް ސިފައިންގެ ރިޓަޔާމަންޓް ގަވައިދަށް އަދި އިތުރު އިސްލާހުތަކެއްވެސް ގެންނަން ޖެހޭކަން ގަބޫލުކުރަން. އެއީ 30 އަހަރަށްވުރެ ގިނަ ދުވަސްވެގެންދާއިރުގައި، 30 އަހަރުވިޔަސް 35 އަހަރުވިޔަސް، ތަފާތެއް ނެތް މިހާރު ލިބޭ އަދަދަށް ބަލާއިރު. މިއީ ބަދަލުކުރަން ޖެހޭ ކަމެއް." ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ސިފައިންގެ ރިޓަޔާމަންޓް ގަވައިދު ބަދަލުކުރުމަށްފަހު، ހިދުމަތް ކުރި އަހަރުގެ ނިސްބަތުން ލިބޭ ފައިދާވެސް ގަވައިދުގައި އިސްލާހުކުރަން ގަސްދުކުރައްވާ ކަމަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. މިއީ އަދާ ހަމަޔަށްވެސް ރަނގަޅުކުރަން ޖެހޭ ނަމަވެސް ބަދަލުނުކޮށް ހުރި ކަންކަން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން އެމަނިކުފާނު ގަސްދުކުރައްވަނީ އެ ހުރިހާ ކަމެއް ހައްލުކުރަން ކަމަށް ރައީސް ވިދާޅުވިއެވެ.
ފާތިމަތު ލިއުޝާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު