މި ފަހުން ކްރޫޒް ޝިޕެއްގައި ހަންޓާވައިރަސްގެ ބާވަތެއް ކަމަށްވާ 'އެންޑީސް ވައިރަސް' ފެތުރުމާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި އެމެރިކާގެ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން އާންމު ސިއްހަތަށް އޮތް ނުރައްކާ ވަޒަންކުރަން ފަށައިފިއެވެ. ނަމަވެސް، ސިއްހީ ތަޖުރިބާކާރުންނާއި އެޕިޑެމިއޮލޮޖިސްޓުން ބުނާ ގޮތުގައި، މި ވައިރަސް އާންމުންގެ ތެރޭގައި ފުޅާ ދާއިރާއެއްގައި ފެތުރުމުގެ ފުރުސަތު ވަރަށް ކުޑައެވެ.

މިދިޔަ މެއި މަހުގެ ކުރީކޮޅު އެޓްލާންޓިކް ކަނޑުގައި ދަތުރުކުރި 'އެމްވީ ހޮންޑިއަސް' ކްރޫޒް ޝިޕްގައި ފެތުރުނު މި ރޯގާގައި 8 މީހަކަށް ބަލިޖެހި، 3 މީހުން ވަނީ މަރުވެފައެވެ. ހަންޓާވައިރަސް އަކީ އާންމުގޮތެއްގައި މީދާ ފަދަ ޖަނަވާރުގެ ކުޑަކަމުދާ ތަކެއްޗާއި، ބޮޑުކަމުދާ ތަކެތި އަދި ކުޅުގެ ޒަރީއާއިން އިންސާނުންނަށް އަރާ ނުރައްކާތެރި ވައިރަހެކެވެ. އެހެންނަމަވެސް، މި ފަހަރު ފެނިފައިވާ އެންޑީސް ވައިރަހަކީ، ހަންޓާވައިރަސްގެ ބާވަތްތަކުގެ ތެރެއިން އިންސާނުންގެ ގަޔަށް އެކަކު އަނެކެއްގެ ފަރާތުން އެރުމުގެ ގާބިލުކަން ލިބިފައިވާ ހަމައެކަނި ބާވަތެވެ.

މި ވައިރަސްގެ ސަބަބުން 'ހަންޓާވައިރަސް ޕަލްމޮނަރީ ސިންޑްރޯމް' (އެޗްޕީއެސް) ނަމަކަށް ކިޔާ ފުއްޕާމޭގެ ނުރައްކާތެރި ބައްޔެއް ޖެހެއެވެ. ބަލީގެ ފުރަތަމަ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި، ވަރުބަލިވުމާއި، މަސްތަކުގައި ރިއްސުން ހިމެނެއެވެ. އަދި ބަލި ބޮޑުވުމުން ނޭވާލާން އުނދަގޫވެއެވެ. އެޕިޑެމިއޮލޮޖިސްޓުން ފާހަގަކުރާ ގޮތުގައި، މި ބައްޔަށް ވަކި ހާއްސަ ފަރުވާއެއް ނުވަތަ ވެކްސިނެއް ހޯދިފައި ނުވާތީ، ބަލީގެ އަލާމާތްތައް ފެންނަން ފެށުމާއެކު ވީހާވެސް އަވަހަކަށް ސިއްހީ ފަރުވާ ހޯދުމަކީ ފުރާނަ ސަލާމަތްކުރުމަށް މުހިންމު ކަމެކެވެ.

ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އެންމެ މުހިންމު ފިޔަވަޅަކީ މީދާ އުޅޭ ތަންތަނާ ދުރުހެލިވުމާއި، ގޭތެރެއާއި ވަށައިގެންވާ މާހައުލު ސާފުކޮށް ބެހެއްޓުން ކަމަށް ބޭރުގެ ހަބަރުތައް ބުނެއެވެ. ސީޑީސީން ނެރުނު ބަޔާނެއްގައި ވަނީ، ކްރޫޒް ޝިޕްގައި ހިނގި ހާދިސާއާ ގުޅިގެން އާންމު ރައްޔިތުންނަށް އޮތް ނުރައްކާ ވަރަށް ކުޑަ ކަމަށާއި، ބަލި ފެތުރުނަ ނުދިނުމަށްޓަކައި ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.