ރޭގަނޑުގެ ހަމަހިމޭންކަން މުޅި ގޭތެރެއަށް ވެރިވެފައިވާއިރު، ފަނޑު އަލިކަމެއްގެ ތެރޭގައި އޭނާ އިނީ ތުއްތު ދަރިފުޅު އުރާލައިގެންނެވެ. މެންދަމުން އަލިވެ ތިނެއް ޖަހައިފިއެވެ. ސީލިންގު ފަންކާގެ އެނބުރުމުގެ އަޑާއި ދަރިފުޅުގެ ނޭވާލުމުގެ އަޑު ފިޔަވައި އިތުރު އަޑެއް ނީވެއެވެ. ނަމަވެސް އޭނާގެ ސިކުނޑީގައި ވަނީ ހައިޖާނެއް އުފެދިފައެވެ. ނިދިން މަހްރޫމުވެފައިވާ ދެލޮލުން ފެންނަނީ އިންތިހާ ދަރަޖައިގެ ވަރުބަލިކަމެވެ. އަތުގައި ހުރީ އިއްޔެ ހެނދުނު ގިރި ކޮފީތަށީގެ ފިނިވެފައިވާ ބާކީބައެވެ.

މިއީ މައިންގެ ދުވަހުގެ ކާޑުތަކުގައި ކުރަހާފައި ހުންނަ ފުރިހަމަ، އުފާވެރި މަންޒަރެއް ނޫނެވެ. މިއީ އެއްވެސް މޭކަޕެއް، ޒީނަތްތެރިކަމެއް ނެތް، މައިވަންތަކަމުގެ އެންމެ އަޑީގެ ހަގީގަތެވެ. އަމިއްލަ ނަފްސުގެ އެދުންތައް ދޫކޮށްލުމަށްފަހު، އެހެން ފުރާނައަކަށްޓަކައި ހޭދަކުރާ ހިމޭން، އަދި ގިނަ ފަހަރަށް އެކަނިވެރި ވަގުތުކޮޅެކެވެ. މީސްމީޑިއާގައި ފެންނަ އުފާވެރި ފޮޓޯތަކާއި، މައިންގެ ދުވަހުގެ ތަހުނިޔާގެ މެސެޖުތަކުން ދައްކައިދެނީ މައިވަންތަކަމަކީ ހަމައެކަނި އުފާވެރިކަމާއި ހިނިތުންވުން ކަމުގައެވެ. ނަމަވެސް ހަގީގަތަކީ، އެ އުފާވެރިކަމުގެ ފަހަތުގައި ފޮރުވިފައިވާ ބޮޑު ގުރުބާނީއަކާއި، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަމިއްލަ ނަފްސާ ކުރަންޖެހޭ ފުން ހަނގުރާމައެއް އޮންނަ ކަމެވެ. ވިހެއުމަށްފަހު ހަށިގަނޑަށް އަންނަ ބަދަލުތަކާއި، އިސްތަށި ފޭބުމާއި، ހަށިގަނޑުގައި ލާފައި ހުންނަ ލަކުނުތަކަކީ މި ހަނގުރާމައިގެ ފާޅުކަންބޮޑު ނިޝާންތަކެވެ.

މައިވަންތަކަމަކީ އިންސާނާގެ ހަޔާތަށް އަންނަ އެންމެ ބޮޑު އެއް ބަދަލެވެ. ނަފްސާނީ އިލްމުވެރިން މި ބަދަލަށް ކިޔަނީ "މެޓްރެސެންސް" އެވެ. މިއީ ފުރާވަރަށް އެރުން ފަދަ، މީހާގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާއީ ދައުރަށް އަންނަ ބޮޑު އިންގިލާބެކެވެ. ނަފްސާނީ މާހިރުން ބުނާ ގޮތުގައި، މައިވަންތަކަމުގެ ސަބަބުން އަންހެނާގެ އަމިއްލަވަންތަކަން ކުދިކުދިވެގެންދާ ފަދަ އިހުސާސެއް ކުރެވެއެވެ. 2023 ވަނަ އަހަރު ކުރެވުނު ނަފުސާނީ ދިރާސާއަކުން ދައްކާ ގޮތުގައި، އަލަށް މަންމަޔަކަށްވާ މީހުންގެ ތެރެއިން 62 އިންސައްތަ މީހުންނަށް، އެމީހުންގެ އަމިއްލަވަންތަކަމުގެ ބޮޑު ބައެއް ގެއްލިފައިވާ ކަމުގެ އިހްސާސް ކުރެވެއެވެ. ދަރިފުޅަށްޓަކައި ހިތުގައި އުފެދޭ އާދަޔާހިލާފު ލޯތްބާއެކުވެސް، ކުރީން އުޅުނު މިނިވަން ދިރިއުޅުމާއި، ވަޒީފާގެ ކުރިއެރުމާއި، އަމިއްލަ ވަގުތުތައް މަތިން ހަނދާންވެއެވެ.

މުސްކުޅި މަންމަ އަތުގައި ދަރިފުޅު ހިފައިފައި ---

ވަޒީފާގެ މާހައުލަށް އެނބުރި ދިއުމުންވެސް ކުރިން ހުރި މީހާގެ ބަދަލުގައި މުޅިން އާ މީހަކަށް ވެފައިވާކަން އިހްސާސްކުރެވެއެވެ. މިއީ ދަރިފުޅުދެކެ ލޯބި ނުވާތީއެއް ނޫނެވެ. މިއީ އިންސާނީ ތޮބީއަތެވެ. ނަމަވެސް މުޖުތަމައު އުންމީދުކުރަނީ މަންމަޔަކަށް ވުމުން ހަމައެކަނި އުފާވެރިކަން އިހްސާސްކުރުމަށެވެ. މި ދެކޮޅު ނުޖެހޭ ހާލަތުގެ ސަބަބުން ގިނަ މައިން ތަހައްމަލުކުރަނީ ބަޔާންކުރަންދަތި އެކަނިވެރިކަމެކެވެ. މީހާގެ ނަން ގެއްލި، ހަމައެކަނި "މަންމަ"އަކަށް ބަދަލުވުމަކީ ނަފްސާނީ ގޮތުން ބަލައިގަންނަން އުނދަގޫ ކަމެކެވެ. ކުރިން ލޯބިކުރި ކަންކަމާއި، އަމިއްލަ އުންމީދުތަކަށް ފަސްއަޅައި، މުޅި ދިރިއުޅުން އެހެން ފަރާތަކަށް ހުސްކޮށްލުމުން އުފެދޭ ހުސްކަމަކީ ގިނަ ފަހަރަށް ސިއްރުކުރެވިފައިވާ ކަމެކެވެ. މިއީ މައިންގެ ދުވަހުގެ މެސެޖުތަކުގައި ލިޔެފައި ނުހުންނަ، ނަމަވެސް ކޮންމެ މަންމަޔަކުވެސް އެތެރެހަށީގައި ތަހައްމަލުކުރާ ވޭނެކެވެ.

މި ނަފްސާނީ ހަނގުރާމައިގެ އިތުރުން، ދިވެހި މުޖުތަމައުގައި މައިންގެ ކޮނޑުގައި އެޅިފައިވާ ޒިންމާތަކުގެ ބުރަކަން އިންތިހާއަށް ބޮޑެވެ. ގޭތެރޭގެ މަސައްކަތާއި ދަރިން ބެލުމަކީ ގިނަ ފަހަރަށް އަގުވަޒަން ނުކުރެވޭ، ނުފެންނަ މަސައްކަތްތަކެކެވެ. ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދިވެހިރާއްޖޭގައި އަންހެނުން ދުވާލަކު އެވްރެޖުކޮށް 6 ގަޑިއިރު މުސާރައެއް ނުލިބޭ ގޭތެރޭގެ މަސައްކަތާއި ކުދިން ބެލުމުގައި ހޭދަކުރެއެވެ. މިއާއި ހިލާފަށް ފިރިހެނުން މިފަދަ ކަންކަމަށް ހޭދަކުރަނީ ދުވާލަކު އެންމެ 3 ގަޑިއިރެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އދ. ގެ އަންހެނުންނާބެހޭ އިދާރާއިން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި 68 އިންސައްތަ ދިވެހި އަންހެނުންގެ ގޭތެރޭގެ މަސައްކަތުގެ ބުރަ ކުރިއަށްވުރެ އެތައް ގުނައެއް އިތުރުވެގެން ދިޔައެވެ. މާލޭގެ ކުދި އެޕާޓްމަންޓްތަކުގައި، އާއިލާގެ އެހެން މީހުންގެ އެހީތެރިކަމާ ނުލައި ކުދިން ބޮޑުކުރުމަކީ ބޮޑު ގޮންޖެހުމެކެވެ. ކުދިންނަށް ކާންދިނުމާއި، ނިންދެވުމާއި، ގޭތެރެ ސާފުކުރުމާއި، އަންނައުނު ދޮވުން ފަދަ ކަންކަމަކީ ދުވަހަކުވެސް ނިމުމެއް ނެތް، އަދި މުސާރައެއް ނުލިބޭ ވަޒީފާއެކެވެ. މީގެ އިތުރުން "މެންޓަލް ލޯޑް" ނުވަތަ ސިކުނޑީގެ ބުރަޔަކީވެސް މައިން އެކަނި އުފުލާ އެއްޗެކެވެ. ކުދިންގެ ވެކްސިން ތާވަލު ހަނދާންބެހެއްޓުމާއި، ގެއަށް ބޭނުންވާ ސާމާނު ހުސްވުމުގެ ކުރިން ގަތުމާއި، ސްކޫލުގެ ކަންކަން ރޭވުމަކީވެސް ހަމަ މައިންގެ ބޮލުގައި އެޅިފައިވާ ނުފެންނަ ބުރަތަކެވެ. މިކަމުގެ ސަބަބުން ގިނަ މައިންނަށް އަމިއްލަ ނަފްސަށް އަޅައިލާނެ ވަގުތެއް ނުލިބެއެވެ. ގިނަ އަންހެނުންނަށް ވަޒީފާގެ މައިދާނުން ދުރަށްދާން މަޖުބޫރުވަނީވެސް، މި ބުރަ މަސްއޫލިއްޔަތުތަކާ އެކު ވަޒީފާ އަދާކުރުމަށް ބޭނުންވާ އެހީތެރިކަން ނުލިބޭތީއެވެ.

25 މާޗް 2025، ރަމަޟާން މަހުގެ ހަވީރު ޖުމްހޫރީ މައިދާން ސަރަހައްދުގައި ކުޑަކުދިން އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަނީ --- ވަން ފޮޓޯ: ހަމްދާން އަހްމަދު

ދިވެހި މުޖުތަމައުގައި މަންމައިންނާ މެދު އޮންނަ އުންމީދުތައް ވަރަށް މައްޗެވެ. ކުދީން ތަރުބިއްޔަތުކުރުމާއި، ގޭތެރެ ބެލެހެއްޓުމާއި، އަދި ވަޒީފާއަށް ދާނަމަ އެކަންވެސް ފުރިހަމައަށް ކުރުމަކީ މަންމަގެ މަސްއޫލިއްޔަތެއް ކަމުގައި ދެކެއެވެ. ނަމަވެސް މި ހުރިހާ ކަމެއް އެއްފަހަރާ ފުރިހަމަޔަށް ކުރުމަކީ އިންސާނަކަށް ކުޅަދާނަ ކަމަކަށް ނުވާއިރު، ކުޑަ ކުށެއް ކުރެވުނަސް ނުވަތަ ކަމެއް އުނިވިޔަސް އެންމެ ފުރަތަމަ އިނގިލި ދިއްކުރެވެނީ މަންމައަށެވެ. މީގެ ސަބަބުން މައިންގެ ހިތުގައި އަބަދުވެސް އޮންނަނީ ކުށްވެރިވުމުގެ އިހްސާސެވެ. ދަރިފުޅަށް އެކަށީގެންވާ ވަގުތު ނުދެވޭކަމުގެ އިހްސާސެވެ. ނުވަތަ ވަޒީފާގައި އެންމެ އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރެވޭކަމުގެ އިހްސާސެވެ.

ދޮށީ އުމުރުގެ މީހުންގެ ފަރާތުން އަންނަ ފާޑުކިޔުންތަކަކީވެސް މިކަން އިތުރުކުރުވާ ކަމެކެވެ. ކުރީ ޒަމާނުގައި އެއްވެސް އެހީތެރިކަމަކާ ނުލައި ގިނަ ކުދީން ބޮޑުކުރި ކަމަށް ބުނެ ދޭ ރައްދުތަކުން، މިހާރުގެ މައިންނަށް ކުރެވެނީ ނާކާމިޔާބު މީހެއްގެ އިހްސާސެވެ. ނަފްސާނީ މާހިރުން ފާހަގަކުރާ ގޮތުގައި، މި "މަދަރސް ގިލްޓް" ނުވަތަ މައިވަންތަކަމުގެ ކުށްވެރިވުމުގެ އިހްސާސަކީ، މުޖުތަމައުގެ ނުބައްދަލު އުންމީދުތަކުގެ ސަބަބުން އުފެދޭ އެއްޗެކެވެ.

މީސްމީޑިއާގައި ފެންނަ "ފުރިހަމަ މަންމައިންގެ" މަންޒަރުތަކަކީ މި ކުށްވެރިވުމުގެ އިހްސާސް އިތުރުކުރުވާ ކަމެކެވެ. މަންމައަކަށް ވުމަކީ އަމިއްލަ އެދުންތައް މުޅިން ދޫކޮށްލުން ކަމުގައި ދެކޭ ވިސްނުމަކީ ބަދަލުކުރާން ޖެހޭ ވިސްނުމެކެވެ. މަންމައަކީވެސް އިންސާނެއްކަމާއި، މަންމައަށްވެސް އަރާމާއި، އެހީތެރިކަމާއި، އަމިއްލަ ވަގުތު ބޭނުންވާނެކަން މުޖުތަމައުން ބަލައިގަންނަން ޖެހެއެވެ. ހާއްސަކޮށް ދިވެހި މުޖުތަމައުގައި އޮންނަ އާދަކާދަތަކުގެ ތެރެއިން، މަންމަ އަކީ އަބަދުވެސް ގުރުބާން ވާން ޖެހޭ މީހާ ކަމުގައި ކަނޑައަޅާފައި އޮންނަ އޮތުމަކީ، މައިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އޮތް ބޮޑު ހުރަހެކެވެ.

މި ހުރިހާ ގޮންޖެހުންތަކަކާއި، ވަރުބަލިކަމަކާއި، ކުށްވެރިވުމުގެ އިހްސާސްތަކާއެކުވެސް، މައިންގެ ކިބައިން ފެންނަނީ އާދަޔާހިލާފު ހިތްވަރުގަދަކަމެކެވެ. އެއީ ހުސްވެފައިވާ ތަށްޓަކުން މީހުންނަށް ފެންދިނުން ފަދަ ކަމެކެވެ. ކޮންމެ ދުވަހަކު ހެނދުނު ހޭލައި، އަނެއްކާވެސް އެ ބުރަ މަސައްކަތްތަކާ ކުރިމަތިލަނީ ދަރިންނަށްޓަކައި އޮންނަ ލޯތްބެއްގެ ބޮޑުކަމުންނެވެ. އެކަނިވެރިކަމާއި ވަރުބަލިކަމުގެ ތެރެއިންވެސް، ދަރިފުޅުގެ ފުރަތަމަ ހިނިތުންވުމުން، ނުވަތަ ފުރަތަމަ ފިޔަވަޅުން، މުޅި ދުނިޔެ އުޖާލާވެގެންދާ ފަދަ އިހްސާސެއް މައިންނަށް ކުރެވެއެވެ. މި އުނދަގޫ ދަތުރުގައި މައިން އާ އަމިއްލަވަންތަކަމެއް ހޯދައެވެ. އެއީ ކުރިން ހުރި މީހާއެއް ނޫނެވެ. އެއީ ލަކުނުތަކާއެކުވެސް މާ ވަރުގަދަ، މާ ކެތްތެރި އާ ނަފްސެކެވެ.

15 ޖޫން 2020، މާލެ، ލޮކްޑައުންގެ ދެމަސްދުވަހަށްފަހު، ކުޑަކުދިން އާއިލާ މެމްބަރުންނާއެކު މަގުތަކުގައި ދުއްވާލަން ދަނީ -- ވަން ފޮޓޯ: މުހައްމަދު ހައްޔާން

ނަމަވެސް މި ހިތްވަރުގަދަކަމަކީ މުޖުތަމައުން ނަހަމަ ގޮތުގައި ބޭނުން ހިފާން ޖެހޭނެ ސިފައެއް ނޫނެވެ. މައިންނަށް ބޭނުންވާ ނަފްސާނީ އަދި އަމަލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ މުޅި މުޖުތަމައުގެ ޒިންމާއެކެވެ. ދައުލަތުގެ ސިޔާސަތުތައް އެކުލަވައިލާއިރު، މުސާރައެއް ނުލިބޭ ގޭތެރޭގެ މަސައްކަތްތަކުގެ އަގު ވަޒަންކުރުމާއި، މަސައްކަތުގެ މާހައުލަކީ މައިންނަށް ލުއިފަސޭހަ ތަނަކަށް ހެދުމަށް މިހާރުވަނީ މަޖުބޫރުވެފައެވެ. މައިންގެ ދުވަހު ދޭ މަލަކަށްވުރެ، މައިންނަށް ބޭނުންވަނީ އެމީހުންގެ ބުރަ މަސައްކަތް ބަލައިގަނެ، ހަގީގީ ލުއިތަކެއް ހޯދައިދިނުމެވެ. މިވަގުތުވެސް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އަންނަނީ މައިންނަށް ދެވޭ ވިހެއުމުގެ ޗުއްޓީއާއި މަސައްކަތުގެ މާހައުލުގެ ލުއިތަކާ ގުޅޭ އާ އުސޫލުތަކެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންނެވެ. އެ އުސޫލުތައް ތަންފީޒުކުރަން ފެށުމުން މެނުވީ، މައިން އުފުލާ ނުފެންނަ ބުރައަށް ހަގީގީ ލުޔެއް ނުލިބޭނެއެވެ.