ދުނިޔެ ދެކެމުންދާ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައި ތިބި ހަގީގީ ބަތަލުންނަކީ މަންމައިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ދުނިޔޭގެ މަންމައިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ، މަންމައިންގެ ދުވަސް ހަނދާންކޮށްދެނީ އެންމެ އަގުހުރި ގުރުބާނީ އާއި މައިވަންތަކަމުގެ ލޯބި ކަމަށެވެ. އަދި މި އުފާވެރި ދުވަހުގެ ތަހުނިޔާ މަންމައިންނަށް ފޮނުވަނީ ހެޔޮ ދުއާތަކާއެކުގައި ކަމަށްވެސް ވިދާޅުވި އެވެ.

ދުނިޔޭގެ މަންމައިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ ދެވަނަ އާދީއްތަ ދުވަހު އެވެ. ނަމަވެސް ބައެއް ގައުމުތަކުގައި އެ ދުވަސް ފާހަގަކުރާ ދުވަސް ތަފާތެވެ. އެގޮތުން ގިނަ އަރަބި ގައުމުތަކުގައި އެ ދުވަސް ފާހަގަކުރަނީ މާޗު 21ގަ އެވެ. ތައިލެންޑުގައި އެ ދުވަސް ފާހަގަކުރަނީ އޮގަސްޓް 12 ގައެވެ.