މަޝްހޫރު ފިލްމު "ދަ ޑެވިލް ވެއަރސް ޕްރާޑާ" ގެ ދެވަނަ ބައިގައި، މިރާންޑާ ޕްރީސްޓްލީގެ ކެރެކްޓަރ ދެމެހެއްޓުމަށްޓަކައި، އޭނާ ކުރިން ބޭނުންކުރި ހާއްސަ ޖެކެޓެއް ބޭނުންކުރުމަށް، މަޝްހޫރު އެކްޓްރެސް މެރިލް ސްޓްރީޕް ބޭނުންވި ކަމަށް ކޮސްޓިއުމް ޑިޒައިނަރު ބުނެފިއެވެ.

މި މަހުގެ އެއްވަނަ ދުވަހު ނެރުނު "ދަ ޑެވިލް ވެއަރސް ޕްރާޑާ 2" ގެ ކޮސްޓިއުމް ޑިޒައިނަރ މޮލީ ރޮޖަރސް މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނިގޮތުގައި، ފިލްމުގެ އާ ލުކްތައް ތައްޔާރުކުރުމުގެ ތެރޭގައި ސްޓްރީޕް ވަނީ ވަކި ހާއްސަ ޖެކެޓެއް ބޭނުންކުރުމަށް ވަރަށް ބޮޑަށް ބާރުއަޅައިފައެވެ. ރޮޖަރސް ބުނިގޮތުގައި، ފިޓިން ރޫމްގައި އެ ޖެކެޓު ލުމާއެކު ސްޓްރީޕްގެ ހިނގުމަށް ބަދަލުއައިސް، މިރާންޑާގެ ކެރެކްޓަރ އަލުން ފެނިއްޖެ ކަމުގެ އިހްސާސް ކުރެވުނެވެ.

“އާނއެކެވެ، އަހަރެމެންނަށް އެ ފެނިއްޖެއެވެ!،” ޖެކެޓު ލުމަށްފަހު ސްޓްރީޕް ބުނި ކަމަށް ރޮޖަރސް ކިޔައިދިނެވެ. މީގެ އިތުރުން، ސްޓްރީޕް ވަނީ އެ ޖެކެޓުގެ އަތާއި، ގިރުވާނުގެ އިތުރުން ފޮތީގެ ފެންވަރު ވަރަށް ފުރިހަމަ ކަމަށް ބުނެ، އެއީ ކެރެކްޓަރާ އެންމެ ގުޅޭ ހެދުން ކަމުގައި ފާހަގަކޮށްފައި ކަމަށްވެސް އޭނާއާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެއީ ޑްރީސް ވެން ނޯޓެން ބްރޭންޑުގެ ޓޭސަލް ޖެކެޓެކެވެ.

2006 ވަނަ އަހަރު ނެރުނު ފުރަތަމަ ފިލްމަށްފަހު، 20 އަހަރު ފަހުން ނެރުނު މި ސީކުއެލްގައި ސްޓްރީޕްގެ އިތުރުން އޭން ހެތަވޭ އަދި އެމިލީ ބްލަންޓް ވެސް ފެނިގެންދެއެވެ. ފުރަތަމަ ފިލްމުގައި ވެސް މިރާންޑާގެ ހެދުންތަކަކީ ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެއްޗަކަށްވާއިރު، އާ ފިލްމުގައި ވެސް އެ ފެންވަރު ހިފެހެއްޓުމަށް ޑިޒައިނަރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ފިލްމުގެ ފޭނުން އަންނަނީ ސްޓްރީޕްގެ މި ނިންމުމަށް މީސްމީޑިއާގައި ވަރަށް ބޮޑަށް ތައުރީފުކުރަމުންނެވެ.