މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުގެ ގައުމުގައި ދިރިއުޅޭ ދިވެހިން ހާއްސަ ސަމާލުކަމެއްދިނުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ބުނީ، އެ ސަރަޙައްދުގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި، އެކި ބޭނުންތަކުގައި އެ ގއުމުތަކަށް ދަތުރުކުރާ ދިވެހިން، އެމީހުންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.
މީގެ އިތުރުން، ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުތުމަށާއި ދިރިއުޅޭ ގައުމުގެ ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.
އެ ބަޔާނުގައި ބުނީ މެދުއިރުމަތީގައި ގާއިމުކޮށްފައިވާ ރާއްޖޭގެ އެމްބަސީތައް މެދުވެރިކޮށް އެ ސަރަހައްދުގައި ތިބި ދިވެހިންގެ ހާލަތު ވަރަށް ގާތުން ދިވެހި ސަރުކާރުން ބަލަމުން އަންނަ ކަމަށެވެ.
އެގޮތުން ގަތަރު، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަދި ސައޫދީ އަރަބިއްޔާގައި ހުންނަ ދިވެހި އެމްބަސީތަކުން ދިވެހިންނަށް ބޭނުންވާ ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
"އެހެންކަމުން، އެ ސަރަޙައްދުގައި ތިބި އެންމެހާ ދިވެހިން ވީހާވެސް އަވަހަކަށް އެމީހަކާ އެންމެ ކައިރީގައި ހުރި އެމްބަސީއެއްގައި ރަޖިސްޓަރީވުމަށް އެދެން" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
މެދުއިރުމަތީގެ ހާލަތުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖެއަށް ބޭނުންވާ ތެޔޮ އެތެރެކުރުމުގައި ދިމާވެދާނެ ދަތިތައް ޙައްލުކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތަށާއި، ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމަށް އަތުވެދާނެ ބަދަލުތައް މޮނިޓާކޮށް، ރާއްޖޭގެ އިގްތިސޯދީ ހަމަޖެހުން ދެމެހެއްޓުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ މުއައްސަސާތަކާއެކު މަޝްވަރާކުރަމުން އަންނަ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އަލީ ޔާމިން
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ