ކުރިޔަށް އޮތް ހަތަރު ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ލަފާކުރާތީ ރައްކާތެރިވުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން އިލްތިމާސްކޮށްފިއެވެ.
އެންޑީއެންއޭއިން މިއަދު ބުނީ މިހާރު ރާއްޖޭގެ އިތުރުދެކުނުން އުފެދިފައިވާ ކޮޅިގަނޑާއި ރާއްޖޭގެ އިރުއުތުރުން ލޯޕްރެޝާ ޓްރަފުގެ ސަބަބުން، މިއަދުން ފެށިގެން އަން ބުދަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަވަޔާއެކު ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހި، ވިއްސާރަވުމުގެ ފުރުސަތު އޮތް ކަމަށް މެޓް އޮފީހުން ލަފާކުރާ ކަމަށެވެ.
އެހެންކަމުން މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށެވެ. އެގޮތުން ގޯތިގެދޮރަށާއި މުދަލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށެވެ.
މޫސުންގޯސްވާނެ ކަމަށް ލަފާކުރާތީ ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް:
- ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ސަމާލުވެ، ގެއަށް ފެން ނުވަންނާނެހެން ކުރިޔާލާ ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން.
- ފެންބޮޑުވެ ގެެއްލުންލިބޭ ހިސާބުގައި ހުންނަ ކާބޯތަކެތި އަދި ހިފާގެންގުޅޭތަކެތި (ދޮންނަމެޝިން، އައިސްއަލަމާރި ފަދަ ތަކެތި ފެން ނުޖެހޭ ފަދަ އުސްތަނަކަށް ނުވަތަ ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން.
- ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެކަމަށް ލަފާކުރެވޭނަމަ ކުރިޔާލާ ވާ ފަދަ އެއްޗެއް ބޭނުންކޮށްގެން ހައްޔަރުކުރުން.
- ގަދަވައިގެ ސަބަބުން އެއްލާލާފާނެތަކެތި ރައްކާތެރިކުރުުން.
- ބޭނުންނުކުރާނަމަ، ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން.
- ކަނޑުދަތުރު ކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މޫސުމާއި ބެހޭ ފަހުގެ މައުލޫމާތު ކަމާއި ބެހޭ އިދާރާތަކުން ހޯދުން.
- ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާއީ ނިޒާމް ފުރިހަމަކަން ޔަގީންކުރުން.
- ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެތި ދަތިނުވާނެގޮތަށް ދުރާލާ ކަންކަން އިންތިޒާމުކުރުން.
މެޓް އޮފީހުން ވަނީ މިއަދުގެ 17:00 އާ ހަމަޔަށް ހއ. އަތޮޅުން އިން ޅ. އަތޮޅާހަމަޔަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާ އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރާތީ ހުދު ސަމާލުނެރެފައެވެ.
ފާތިމަތު ލިއުޝާ
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް