އެމެރިކާގެ އަމަލުތައް ހުންނަގޮތުން ހޮރުމުޒް ހަނގުރާމަ ފެށިދާނެ ކަމަށް އިރާނުން ބުނެފިއެެވެ.

އިރާނުގެ މިލިޓަރީ އޮފިޝަލަކާ ހަވާލާދީ އެ ގައުމުގެ ތަސްނިމް ނޫހުން ވަނީ މެދުއިރުމައްޗަށް ހަމަޖެހުން އަންނަމުން ދަނިކޮށް އެމެރިކާއިން މިވަނީ އަލުން ހަލަބޮލި ކުރަން ފަށާފައިކަމަށް ބުނެފައެވެ. އެފަދައިން އަމަލު ކުރާނަމަ ހޮރުމުޒްގައި ހަނގުރާމަ ފެށިދާނެކަމަށެވެ.

އިރާނުން ވަނީ ހޮރުމުޒް ކަނޑުއޮޅީގައި އެމެރިކާއިން ހަމަނުޖެހުން ހިންގަން ފަށާފައިވާކަމަށާއި އިރާނުގެ އުޅަނދުތައް ފަހަތަށް ޖެއްސުމަށް އެމެރިކާ މިލިޓަރީން މަސައްކަތް ކުރަމުންދާކަމަށް ވެސް ބުނެފައެވެ.

އެމެރިކާގެ މިލިޓަރީ އާއި އިރާނުގެ މިލިޓަރީއާ ދެމެދު އިއްޔެ ވަނީ ހޮރުމުޒް ކަނޑުއޮޅީގައި ހަމަލާތަކެއް ބަދަލުކޮށްފައެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ އިރާނަށް ނިސްބަތްވާ ދެ ބޯޓަކަށް ހަމަލާ ދީފައިވާކަމަށާއި އެ ހަމަލާއަކީ އެމެރިކާއިން އަޅާފައިވާ ފިޔަވަޅާ ދެކޮޅަށް ދަތުރުކުރުމުން ދިން ހަމަލާއެއް ކަމަށް ބުނެފައެވެ.

އިރާނާއި އެެމެރިކާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކާ ގާތަށް ޖެހިފައިވާއިރު ދެ ގައުމުން ވެސް އަންނަނީ ހުށަހެޅުންތަކެއް ހުށަހަޅައި ގޮތް ނިންމުމަށް މަޝްވަރާކުރަމުންނެވެ.