"އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓް" ޕްރިންޓް ކުރުމަށް ބޭނުންވާ ބައެއް ސާމާނު ނުގެނެވި ލަސްވެފައިވާތީ "އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓް" ދޫކުރުން މެދުކަނޑާލައިފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އީ-ޕާސްޕޯޓް ޕްރިންޓު ކުރުމަށް ބޭނުން ކުރާ "ޕާސްޕޯޓް ބުކްލެޓް"ގެ ސްޓޮކް ނުގެނެވި ލަސްވެފައިވާ ކަމަށެވެ. އެހެންވެ، މާދަމާއިން ފެށިގެން އޯޑިނަރީ ޕާސްޕޯޓަށް އެދި ހުށަހަޅާ މީހުންނަށް ދެން ދޫކުރާނީ "ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓް" ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެ ފިޔަވަޅަކީ އިލެކްޓްރޯނިކް ޕާސްޕޯޓުގެ ސްޓޮކް މެނޭޖްކުރުމުގެ ބޭނުމުގައި އެޅި ފިޔަވަޅެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ. ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓަކީވެސް އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އައިކާއޯ) ގެ މިންގަނޑުތަކާ އެއްގޮތަށް ތައްޔާރުކޮށްފައިވާ، ފަސް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރެވޭ މެޝިން ރީޑަބަލް ޕާސްޕޯޓެއްކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން އީ-ޕާސްޕޯޓު ދޫކުރަނީ 1،000 ރުފިޔާ އަށެވެ. ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓުގެ ފީއަކީ 600 ރުފިޔާ އެވެ.

ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ ކުރިން އިލެކްޓްރޯނިކް ޕާސްޕޯޓެއް ހަދަން ބޭނުން ވެއްޖެ ނަމަ، ކެންސެލޭޝަން ފީއަކާ ނުލައި އެކަން ކޮށްދޭނެކަމަށް އިމިގްރޭޝަނުން ބުންޏެވެ.