ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބައިނަލްއަގުވާމީ މާލީ ބާޒާރުތަކުގެ އިންވެސްޓަރުންނާ ބައްދަލުކުރުމަށް ކުރިއަށްގެންދިޔަ "ނޮން-ޑީލް ރޯޑްޝޯ" ބައްދަލުވުންތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ބީއެމްއެލުން އެ ބައްދަލުވުންތައް ބާއްވާފައިވަނީ މިދިޔަ މަހުގެ 29 އިން ފެށިގެން މިއަދުގެ ނިޔަލަށެވެ. އެ ބައްދަލުވުންތައް ބާއްވާފައިވަނީ ސިންގަޕޫރު، ހޮންކޮންގް އަދި ލަންޑަނުގައެވެ.
ބީއެމްއެލުން މިއަދު ބުނީ "ނޮން-ޑީލް ރޯޑްޝޯ" އަކީ ބައިނަލްއަގުވާމީ ފަންޑުތަކުން ބޭންކަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމަށް ކުރަމުންދާ ސްޓެރެޓެޖިކް މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ މުހިންމު ހަރަކާތެއް ކަމަށެވެ. މިގޮތުން ހޯދުމަށް ނިންމާފައިވާ ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ ބޭންކުގެ ހިދުމަތްތައް ފުޅާކުރުމަށާއި، ފަތުރުވެރިކަމުގެ ދާއިރާއަށް ދެމުންދާ އެހީތެރިކަން އިތުރަށް ވަރުގަދަކުރަންކަމަށް ބީއެމްއެލުން ބުންޏެވެ.
މިދިޔަ އެޕްރީލް މަހުގެ ނިޔަލަށް ބޭންކުން ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނުގެ ޖުމްލަ އަދަދު 594 މިލިޔަން ޑޮލަރަށް އަރާފައިވާކަމަށް ބީއެމްއެލުން ބުންޏެވެ. މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށް އެކަނިވެސް 35 މިލިޔަން ޑޮލަރު ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކޮށްފައިވާކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލުން ބުނީ "ނޮން-ޑީލް ރޯޑްޝޯ" ބައްދަލުވުން ބާއްވާފައިވަނީ ބޭންކުގެ 43 އަހަރުވީ ތާރީހުގައިވެސް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދި ކާމިޔާބު އަހަރަކަށް ފަހުގައި ކަމަށެވެ.
ބޭންކުގެ ފައިދާގެ ނިސްބަތާއި، ފައިސާގެ ތަނަވަސްކަން (ލިކުއިޑިޓީ) އަދި ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ، ރެގިއުލޭޓަރީ މިންގަނޑުތަކަށްވުރެ މަތީގައި ދަމަހައްޓަމުން އަންނަކަންވެސް ބީއެމްއެލުން ފާހަގަކުރިއެވެ. އެއާއެކު ބޭރުގެ އެއްވެސް ދަރަންޏެއް ނެތި، ބޭންކު އޮތީ ވަރުގަދަ މާލީ ހާލަތެއްގައި، ބައިނަލްއަގުވާމީ މާކެޓްތަކަށް ވަނުމުގެ ފަހި ފުރުސަތުތަކާއެކުކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ދުނިޔޭގެ އިންވެސްޓަރުންނާއެކު ބޭއްވުނު ބައްދަލުވުންތަކުން ވަރަށް އުންމީދީ ނަތީޖާތަކެއް ފެނިގެން ގޮސްފައިވާކަމަށެވެ. ޝަރީފު ވިދާޅުވީ މިއީ ރާއްޖޭގެ އިގްތިސޯދުގެ ކުރިމަގަށާއި ބޭންކުގެ ހަރުދަނާ ހިންގުމަށް އިންވެސްޓަރުންގެ އިތުބާރު އޮތްކަން ހާމަވާ ކަމެއްކަމަށެވެ.
ބީއެމްއެލުން ބައިނަލްއަގުވާމީ މާލީ ބާޒާރުތަކަށް ވަނުމަކީ ބޭންކަށް ބޭނުންވާ ފަންޑު ހޯދައި، ވަސީލަތްތައް އިތުރުކޮށް، ފަތުރުވެރިކަން ފަދަ މުހިންމު ދާއިރާތަކަށް ދޭ އެހީތެރިކަން ފުޅާކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމަށް ޝަރީފު ވިދާޅުވިއެވެ.
ބޭންކުގެ އަމާޒަކީ ރިސްކް މެނޭޖްމަންޓުގެ ހަރުދަނާ އުސޫލުތަކާއެކު، ދެމެހެއްޓެނިވި ކުރިއެރުން ހޯދައި، ދިވެހި މާލީ ނިޒާމުގެ މައި ތަނބުގެ ގޮތުގައި ބޭންކުން އަދާކުރާ ދައުރު އިތުރަށް ވަރުގަދަކޮށް، ހިއްސާދާރުންނަށް އެންމެ ފައިދާހުރި ގޮތުގައި ބޭންކު ހިންގުންކަމަށް ބީއެމްއެލުން ބުންޏެވެ.
މުހައްމަދު އިޝާން
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް