“އިޓް އެންޑްސް ވިތު އަސް” ފިލްމުގެ ތަރިން ކަމަށްވާ ބްލޭކް ލައިވްލީ އާއި ޖަސްޓިން ބަލްޑޯނީއާ ދެމެދު ހިނގަމުންދާ ގާނޫނީ މައްސަލަތަކުގެ ބޮޑު ބައެއް ހައްލުކޮށްފައިވީ ނަމަވެސް، ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލަ އަދިވެސް ކޯޓުގައި ކުރިއަށް އެބަދެއެވެ.

މި ހިނގާ މެއި މަހު ދެ ފަރާތުން އެއްބަސްވުމަކަށް އައިސްފައިވީ ނަމަވެސް، ލައިވްލީގެ ގާނޫނީ ޓީމުން އަންނަނީ ބަދަލު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މި މައްސަލަ ގުޅެނީ ބަލްޑޯނީގެ ފަރާތުން ލައިވްލީއާ ދެކޮޅަށް ހުށަހެޅި 400 މިލިއަން ޑޮލަރުގެ އަބުރުގެ ދައުވާއާ އެވެ. އެ ދައުވާ ވަނީ މިދިޔަ އަހަރު އެމެރިކާގެ ޑިސްޓްރިކްޓް ފަނޑިޔާރު ލުވިސް ޖޭ. ލައިމަން ބާތިލުކުރައްވައިފައެވެ. ލައިވްލީ މިހާރު މަސައްކަތްކުރަނީ ކެލިފޯނިއާ ސިވިލް ކޯޑުގެ 47.1 ވަނަ މާއްދާގެ ދަށުން ވަކީލުންގެ ފީއާއި ގެއްލުމުގެ ބަދަލު ހޯދުމަށެވެ. މިއީ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ރިޕޯޓުކުރާ ފަރާތްތަކާ ދެކޮޅަށް ހުށަހަޅާ އަބުރުގެ ދައުވާތަކުން ރައްކާތެރިކަން ދިނުމަށް ހަދާފައިވާ ގާނޫނެކެވެ.

ލައިވްލީގެ ވަކީލުން ކަމަށްވާ މައިކަލް ގޮޓްލީބް އަދި އެސްރާ ހަޑްސަން ނެރުނު ބަޔާނުގައި ވަނީ، މި އެއްބަސްވުމަކީ ލައިވްލީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. ގާނޫނީ ނިޒާމުގެ ނާޖާއިޒު ފައިދާ ނަގައިގެން ލައިވްލީގެ އަޑު ކަނޑުވާލަން މަސައްކަތްކުރި ކަމުގެ ޒިންމާ ބަލްޑޯނީ އާއި އެހެނިހެން ފަރާތްތަކުން އުފުލަން ޖެހޭނެ ކަމަށް އެ ވަކީލުން ވިދާޅުވެއެވެ.

އަނެއްކޮޅުން ބަލްޑޯނީގެ ވަކީލު ބްރަޔަން ފްރީޑްމަން ބުނި ކަމަށް މީޑިއާ ރިޕޯޓްތަކުގައި ވަނީ، މިއީ އޭނާގެ މުވައްކިލަށް ލިބުނު ފުރިހަމަ ކާމިޔާބީއެއް ކަމަށެވެ ސަބަބަކީ ލައިވްލީ ހުށަހެޅި 13 މައްސަލައިގެ ތެރެއިން 10 މައްސަލައެއް ކޯޓުން ކުރިން ބާތިލުކޮށްފައިވުމެވެ. އޭގެ ތެރޭގައި ޖިންސީ ފުރައްސާރައިގެ ހުރިހާ ތުހުމަތުތަކެއްވެސް ހިމެނެއެވެ.

2024 ވަނަ އަހަރު ނުކުތް މި ފިލްމުގެ މަސައްކަތުގެ ތެރޭގައި ޖިންސީ ފުރައްސާރައާއި ބިރުދެއްކުމުގެ އަމަލުތަކެއް ހިނގާފައިވާ ކަމަށް ބުނެ ފެށުނު މި މައްސަލައިގެ ސަބަބުން ދެ ތަރިންގެ މެދުގައި އޮތް ގުޅުމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. މިހާރު ކޯޓުގައި އޮތީ ވަކީލުންގެ ފީއާއި ގެއްލުމުގެ ބަދަލު ނަގައިދިނުމާ ގުޅޭ މައްސަލައެވެ.