ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ އީކޮމާސް އަދި އޮންލައިން ރީޓެއިލް ސައިޓްތަކުން މުއާމަލާތްކުރެވޭ ގޮތަށް ގެނައި ބަދަލުތަކާއެކު، ދަރިވަރުންނަށް ހާއްސަ ސްޓޫޑެންޓް ކާޑު ހެދުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދީފިއެވެ.

ބީއެމްއެލުން މިއަދު ބުނީ އެފަދަ ބަދަލެއް ގެންނަން ޖެހުނީ މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެ، ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ މިންވަރު ދަށްވުމާ ގުޅިގެން ކަމަށެވެ.

ބޭންކަށް ލިބޭ ޑޮލަރަށްވުރެ އިތުރަށް، އޮންލައިން މުއާމަލާތްތައް ފުރިހަމަކުރުމަށް ބޮޑު އަދަދަކުން ޑޮލަރު ވިއްކަން ޖެހުމަކީ މި ފިޔަވަޅު އަޅަންޖެހުނު މައިގަނޑު ސަބަބުކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ދިވެހި ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން ކުރާ މުއާމަލާތްތަކަށް ބޭންކުން މިހާރުވެސް ދުވާލަކު 1.33 މިލިއަން ޑޮލަރު ވިއްކަމުންދެއެވެ. ޑޮލަރު ލިބުމުގެ ދަތިކަން ހުރުމާއެކު، ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގެ ނިޒާމު މިހާރު ވަނީ އިތުރަށް ހަރުދަނާކޮށްފައިކަމަށް ބީއެމްއެލުން ބުންޏެވެ.

އެ ބަދަލާއެކު، އޮންލައިން ސައިޓްތަކުން ވިޔަފާރިކުރުމަށް ކޮންމެ ދުވަހަކަށް ވަކި ބަޖެޓެއް މިހާރު ވަނީ ކަނޑައަޅާފައެވެ. އެ ބަޖެޓް ހަމަވުމުން އެ ދުވަހަކު ބައެއް ރީޓެއިލް ސައިޓްތަކުން ވިޔަފާރިއެއް ނުކުރެވޭނެއެވެ.

ނަމަވެސް އެހެނިހެން ސައިޓްތަކުން ހިދުމަތް ހޯދުމުގައި އެއްވެސް ދައްޗެއް ނުވާނެ ކަމަށާއި، ބަޖެޓް ހަމަވުމުން ބީއެމްއެލް އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ނޮޓިފިކޭޝަން ފޮނުވާނެކަމަށް ބީއެމްއެލުން ބުންޏެވެ.

ޑޮލަރު އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތައް ބޭނުންކުރާ ފަރާތްތަކަށް އެއްވެސް ލިމިޓަކާ ނުލައި ކުރިއެކޭވެސް އެއްފަދައިން މުއާމަލާތްތައް ކުރިއަށް ގެންދެވޭނެކަމަށްވެސް ބީއެމްއެލުން ބުންޏެވެ.