މަޝްހޫރު ޓީވީ ސިލްސިލާ "ފްރެންޑްސް" ގެ ތަރި، މެތިއު ޕެރީ ބޭނުންކުރި އަމިއްލަ ތަކެތި ހެރިޓޭޖް އޮކްޝަންސް މެދުވެރިކޮށް ނީލަމެއްގައި ވިއްކާލަން ނިންމައިފިއެވެ. އަންނަ ޖޫން މަހުގެ 5 ވަނަ ދުވަހު ފަށާ މި ނީލަމުގައި ޕެރީގެ އަންނައުނާއި، ގޭތެރޭގައި ހިފާގެންގުޅުނު ސާމާނުގެ އިތުރުން އޭނާގެ ހަނދާނީ ގިނަ ތަކެތި ހިމެނޭ ކަމަށް ހޮލީވުޑް ހަބަރުތައް ބުނެއެވެ.
މި ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވާ އެންމެ ފާހަގަކޮށްލެވޭ ތަކެތީގެ ތެރޭގައި "ފްރެންޑްސް" ގެ 26 ސްކްރިޕްޓަކާއި، އެ ސިލްސިލާގެ ތަރިން ސޮއިކޮށްފައިވާ ޕައިލެޓް އެޕިސޯޑުގެ ސްކްރިޕްޓް ހިމެނެއެވެ. މީގެ އިތުރުން 1995 ވަނަ އަހަރު ޕެރީއަށް ލިބުނު ސްކްރީން އެކްޓާސް ގިލްޑް އެވޯޑާއި، މަޝްހޫރު ކުރެހުންތެރިޔާ ބޭންކްސީގެ ކުރެހުންތަކާއި، ބެޓްމޭންއާ ގުޅޭ ގިނަ ތަކެތިވެސް ނީލަމަށް ލާފައިވާކަމަށް ވެއެވެ. ނީލަމުގެ ކުރިން، މެއި 18 އިން 29 އަށް ބެވަލީ ހިލްސްގައި މި ތަކެތި އާންމުންނަށް ދައްކާލުމަށް ހަމަޖައްސާފައިވާކަމަށްވެސް ހަބަރުތައް ބުނެއެވެ.
މި ނީލަމުން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރަން ހަމަޖެހިފައިވަނީ މެތިއު ޕެރީ ފައުންޑޭޝަނަށް ކަމަށް ހަބަރުތައް ބުނެއެވެ. އެ ފައުންޑޭޝަނުގެ ސީއީއޯ ލީސާ ކާސްޓެލާ ކެލިއޯ ބުނި ގޮތުގައި، ޕެރީ ގަބޫލުކުރި ގޮތުގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނާ މެދު އަމަލުކުރަންވާނީ އޯގާތެރިކަމާއި ސައިންސްގެ އަލީގައެވެ. އަދި މި ނީލަމުގެ ސަބަބުން އެ ފައުންޑޭޝަނުން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބި، ފަރުވާ ހޯދާ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އޭނާ ފާހަގަކުރިވިއެވެ.
ހެރިޓޭޖް އޮކްޝަންސްގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ޖޯ މަޑަލީނާ ބުނީ، މި ނީލަމަކީ ޕެރީގެ ހަޔާތާ ގުޅިފައިވާ އަމިއްލަ ތަކެތި އެއްތަނަކުން ފެނިގެންދާނެ ފުރުސަތެއް ކަމަށެވެ. އަދި މިއީ އޭނާގެ ސަޕޯޓަރުންނަށް ޕެރީގެ ހަނދާންތަކާ ގުޅުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އުމުރުން 54 އަހަރުގައި ޕެރީ މަރުވީ ކެޓަމީން (ޑިޕްރެޝަންއަށް ނަގާ ބޭހެއް)ގެ ސަބަބުންނެވެ.
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް