ހައިދަރްއާބާދު ކައިރީގައި ހިނގި ނުރައްކާތެރި މަގުމަތީގެ އެކްސިޑެންޓެއްގައި، އިންޑިއާގެ މަޝްހޫރު އެކްޓަރު ޕްރަބާސް ކުޅޭ އާ ފިލްމު "ފައުޒީ" ގެ ޓީމު މެންބަރަކު މަރުވެ، އިތުރު ފަސް މީހަކަށް އަނިޔާވުމާ ގުޅިގެން ފިލްމުގެ ޝޫޓިން މެދުކަނޑާލައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ފިލްމުގެ ކްރޫން ރާމޯޖީ ފިލްމު ސިޓީއަށް ދަތުރުކުރަމުން ދަނިކޮށެވެ. ރިޕޯޓުތައް ބުނާ ގޮތުގައި، ހައިދަރްއާބާދުގެ ބޭރުގައި އޮންނަ ޕޫރްމެޓް ސަރަހައްދުން ދުއްވާފައި ދިޔަ އުޅަނދު ކޮންޓްރޯލުން ނެއްޓި، މަގުމެދުގައި ހުރި ސިމެންތި ޑިވައިޑަރުތަކެއްގައި ވަނީ ޖެހިފައެވެ. ޗައުޓުއްޕަލް ޕޮލިސް ސްޓޭޝަންގެ އިހުތިސާސް ހިނގާ ސަރަހައްދުގައި ހިމެނޭ ތޫޕްރަންޕެޓް ބްރިޖު ކައިރީގައި ހިނގި މި އެކްސިޑެންޓުގައި އެކަކު ވަގުތުން މަރުވެފައިވާއިރު، އަނިޔާވި ފަސް މީހުންނަށް ކައިރީގައި ހުރި ހޮސްޕިޓަލެއްގައި އަންނަނީ ފަރުވާދެމުންނެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ފިލްމު އުފައްދާ ފަރާތުން ވަނީ ޝޫޓިން ވަގުތީގޮތުން މެދުކަނޑާލާފައެވެ. މިއީ މަރުވި ކްރޫ މެންބަރަށް އިހުތިރާމު އަދާކުރުމުގެ ގޮތުންނާއި، ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަކުރުމަށް ނިންމި ނިންމުމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމު އުފައްދާ މައިތްރީ މޫވީ މޭކާސްގެ ސީއީއޯ ޗެރީއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފިލްމުގެ 80 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ބާކީ އޮތީ ޕްރަބާސް ހިމެނޭ އެކްޝަން ތިން މަންޒަރެއްގެ ޝޫޓިން އެވެ.
މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ތަހުގީގު ފަށާފައިވާއިރު، އަނިޔާވި މީހުންނާއި މަރުވި މީހާގެ ވަނަވަރު އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ޝޫޓިން މެދުކަނޑާލި ނަމަވެސް، މިއަހަރުގެ އޮކްޓޫބަރު މަހު ފިލްމު ނެރެން ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށްގެންދިއުމަށް ފިލްމުގެ ޓީމުން އަމާޒު ހިފާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް