މަޝްހޫރު ފިލްމު “އެވަޓަރ” ގައި ހިމެނޭ މައިގަނޑު ކެރެކްޓަރެއް ކަމަށްވާ “ނޭޓިރީ” ފަރުމާކުރުމުގައި ހުއްދަނެތި މޫނުގެ ސިފަތައް ބޭނުންކުރިކަމަށް ބުނެ، އެމެރިކާގެ ބަތަލާ ކިއޮރިއަންކާ ކިލްޗަރ، ޑައިރެކްޓަރު ޖޭމްސް ކެމެރަން އާއި ވޯލްޓް ޑިޒްނީ ކުންފުންޏާ ދެކޮޅަށް ދައުވާކޮށްފިއެވެ. ކެލިފޯނިއާގެ ފެޑެރަލް ކޯޓަށް މިދިޔަ އަންގާރަ ދުވަހު ހުށަހެޅި މި މައްސަލައިގައި ކިލްޗަރ ބުނެފައިވަނީ، އޭނާގެ އުމުރުން 14 އަހަރުގައި ކުޅުނު ފިލްމު “ދަ ނިއު ވޯލްޑް” ގެ އިޝްތިހާރެއްގައިވާ އޭނާގެ މޫނުގެ ސިފަތައް، ކެމެރަންގެ ޓީމުން ކޮޕީކޮށްފައިވާ ކަމަށެވެ.

ދައުވާގައި ފާހަގަކޮށްފައިވާ ގޮތުގައި، އެއްވެސް ހުއްދައެއް ނެތި، އޭނާގެ ބަޔޯމެޓްރިކް އައިޑެންޓިޓީއާއި ސަގާފީ ތަރިކައިގެ ބޭނުން ހިފައިގެން ކެމެރަން ވަނީ ބިލިއަން ޑޮލަރުގެ ފައިދާއެއް ހޯދާފައެވެ. ކިލްޗަރގެ ވަކީލުން ބުނިގޮތުގައި، މިއީ ހަމައެކަނި ހިޔާލު ހޯދުން ނޫން ކަމަށާއި، މިއީ އުމުރުން 14 އަހަރުގެ ކުއްޖެއްގެ މޫނުގެ ސިފަތައް ވަގަށް ނެގުން ކަމަށެވެ. މިކަމުގެ ސަބަބުން ކެލިފޯނިއާގެ ޕަބްލިސިޓީ ގާނޫނުތަކާ ހިލާފުވެފައިވާކަމަށް ވެސް ވަނީ ބުނެފައެވެ.

ގާނޫނީ މާހިރުން ބުނާ ގޮތުގައި، މި މައްސަލައަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޑިޖިޓަލް ޓެކްނޮލޮޖީގެ ޒަމާނުގައި، މީހުންގެ ސިފަތައް ބޭނުންކުރުމުގެ ހައްގުތަކާ ގުޅޭގޮތުން ހޮލީވުޑަށް ކުރިމަތިވާނެ ވަރަށް ބޮޑު އިމްތިހާނެކެވެ. ހާއްސަކޮށް ކުޑަކުއްޖެއްގެ ސިފަތައް ޑިޖިޓަލްކޮށް ބަދަލުކޮށްގެން ވިޔަފާރީގެ ބޭނުމަށް ބޭނުންކުރުމަކީ ކުރިމަގުގައި ފިލްމު އިންޑަސްޓްރީގައި ބޮޑެތި ބަދަލުތަކެއް ގެންނާން ޖެހޭނެ ކަމެއްކަމަށް މާހިރުން ދެކެއެވެ.

މި މައްސަލައާ ގުޅިގެން ޖޭމްސް ކެމެރަން އަދި ޑިޒްނީން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، 2010 ވަނަ އަހަރު ކެމެރަން ވަނީ ނޭޓިރީގެ ކެރެކްޓަރ ކުރެހުމަށްފަހު، އެއީ ކިލްޗަރގެ ރީތިކަމުން އިންސްޕަޔަރވެގެން ކުރެހި ކުރެހުމެއްކަމަށް ބުނެ އޭނާއަށް ހަދިޔާކޮށްފައެވެ. މި މައްސަލައިގެ ސަބަބުން ކުރިމަގުގައި ފިލްމު އުފައްދާ ފަރާތްތަކުން ޑިޖިޓަލް ކެރެކްޓަރުން އުފެއްދުމުގައި އަމަލުކުރާނެ ގޮތްތަކާމެދު އާ ގަވާއިދުތަކެއް އެކުލަވައިލުން އެކަށީގެންވާ ކަމަށް ހަބަރުތައް ބުނެއެވެ.