ތަނާލްގެ ކެބިންއަށް ހާރޫން ދިޔައީ، ތަނާލްގެ އެދުމުގެ މަތިން މެންދުރު އޮތް މީޓިންގްއަށް ތައްޔާރުކުރި ޕްރެޒެންޓޭޝަން ބަލައިލުމަށެވެ. ކެބިންގެ ދޮރުގައި ޓަކިދެމުން ހާރޫން އެތެރެއަށް ވަނެވެ. މަސައްކަތަށް ގެއްލިގައި އިންވަރުން ހާރޫން ވަންކަމެއް ވެސް ތަނާލްއަށް ރޭކާނުލިއެވެ. ތަނާލްގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިވަނީ ކޮމްޕިއުޓަރުގެ ސްކްރީނަޝެވެ. މޭޒުމަތީ އޭނަ ސްކެޗްކުރަން ގެންގުޅުނު އައިޕެޑާއި އެޕަލް ޕެންސިލް އޮތެވެ. އެއާ ޖެހިގެން ނޯޓު ފޮތެކެވެ.

ތަނާލްއަށް ބަލަން ހުރި ހާރޫންގެ ތުންފަތަށް ވެރިވީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. ފާއިތުވި ދުވަސްތަކުގައި ތަނާލްގެ މިޒާޖަށް އައިސްފައިވި ބަދަލުތަކާ މެދު ހާރޫނާއި ސުމައްޔާ ވެސް ތިބީ ހިތްހަމަޖެހިފައެވެ. އެކްސިޑެންޓް ކުރިން ހީހީފައި އެންމެނާ ސަމާސާކޮށް އުޅުނު ތަނާލްގެ މިޒާޖު ފަނޑުކޮށް ވިޔަސް ފެންނަން ފަށައިފިއެވެ. އެއީ ހެޔޮ ފާލެއްކަމުގައި ދެކެވުނެވެ. އަދިވެސް ފުން ހިތާމައާއި މާޔޫސްކަމުގެ ކުލަވަރު ދޭތެރެއަކުން ތަނާލްގެ ދެލޮލުން ފާޅުވެއެވެ. މޫނުމިލައިގެން ގޮސް ހިތާމައިގެ ތަސްވީރަކަށް ބަދަލުވެއެވެ. އެހެނަސް، އެއުދާސްކަމާއި ކުރިމަތިލުމަށް ތަނާލް ކުރަމުން ދިޔަ ހިތްވަރަށް ސާބަސް ދޭހާ ވެއެވެ.

''ދަރިފުޅާ...'' ތަނާލްއަށް ހާރޫން ގޮވާލިއެވެ. ތަނާލްގެ ހިލަމެއް ނުވުމުން ދެފަރާތަށް ބޯހޫރާލެވުނެވެ. އޭރުވެސް ތުންފަތުގައިވި ހިނިތުންވުމަށް ބަދަލެއް ނައެވެ. ކެބިންގެ ދޮރު ލައްޕަމުން ހާރޫން ގޮސް ހުއްޓުނީ ތަނާލްގެ މޭޒު ކުރިމައްޗަށެވެ. ކުރިމަތީ ހުރި ގޮނޑީގައި އިށީންނަމުން ބޯއަރިކޮށް ކޮމްޕިއުޓަރުގެ ސްކްރީނަށް ނަޒަރެއް ދިނެވެ. ހާރޫންގެ ހިލަމެއް ތަނާލްއަށް ވީ ދެނެވެ.

''ބައްޕަ!...'' ތަނާލްއަށް ބުނެވުނެވެ. ކުރަމުން ދިޔަ މަސައްކަތް މަޑުޖައްސާލައި އޭނަގެ ސަމާލުކަން ބައްޕަގެ މޫނަށް ހުއްޓާލެވުނެވެ. ޕްރެޒެންޓޭޝަން ދިމި ކުދިކުދި ބަދަލުތައް ގެނައުން ފިޔަވާ އިތުރުކަމެއް ނެތެވެ.

''އައި ލައިކް ދިސް ޗޭންޖެސް...'' ތަނާލްގެ މަސައްކަތަށް ހާރޫން ތައުރީފުކޮށްލިއެވެ. މިއަދު އޮތް މީޓިންގައި ބޮޑަށް އަލިއަޅުވާލަނީ ހޮޓެލްގެ ލޮބީ އެވެ. ގެސްޓުންނަށް ހިތްފަސޭހަ މަންޒިލަކަށް ލޮބީ ހެދުމަށް ތަނާލް ގެނެސްފައި ހުރި ބަދަލުތައް ހާރޫނަށް ކަމުދިޔައެވެ. ފާރުތަކުގެ ކުލައާއި، ސޯފާތަކުގެ ޑިޒައިނުން ފެށިގެން ގޮސް ކުޑަދޮރުގެ ފަރުދާތަކާއި، ފާރުގައި ހަރުކުރެވޭނެ އާރޓާއި، ރިސެޕްޝަން ޑެސްކަށް ގެނެވޭނެ ބަދަލުތައް ފާހަގަކުރެވުނެވެ. އެބަދަލުތަކުން ލޮބީއަކީ ޖާގައިގެން ގޮތުން ތަނަވަސް ތަނެއްކަމަށް ދައްކައެވެ.

''އަޅުގަނޑުވީމަ ފާޑުކިޔަން ބައްޕަ ޖެހިލުންވާހެން ހީވަނީ...'' ސަމާސާ ރާގަކަށް ތަނާލް ބުންޏެވެ. ބައްޕަގެ ތައުރީފުން ތަނާލްއަށް ހަމަޖެހުން ގެނެސްދިނެވެ. އޭނަ ގެންނަން ގަސްދުކުރި ބަދަލުތަކާ މެދު ޒަރާރް ދެކޭނެ ގޮތަކާ މެދު ތަނާލްގެ ކެތްތެރިކަން ކުޑަވިއެވެ. ޒަރާރްގެ ފަރާތުން އަމާޒުވެދާނެ ސުވާލުތަކަށް ވެސް ތައްޔާރުވެވުނެވެ. އެހާ ބޮޑަށް މަސައްކަތުގެ ތެރެއަށް ގެއްލިފައި ހުރެވުނީ ވެސް އެހެންވެގެންނެވެ.

''ދަރިފުޅުގެ މަސައްކަތަށް ފާޑުކިޔުމުގެ ޖާގައެއް ދަރިފުޅު ދުވަހަކު ނުދޭނެކަމުގެ ޔަޤީންކަން ބައްޕައަށް އެބައޮތް...'' ހާރޫން އެދުނީ ޕްރެޒެންޓޭޝަން ހުށަހަޅައި ދިނުމަށެވެ. އެއާއެކު ތަނާލް އަވަސްވެގަތެވެ. ކުރިއަށް ދިޔަ އިރުގައި ކުދިކުދި ކަންތަކުގައި ހަރޫން ޚިޔާލު ބަދަލުކުރިއެވެ. ނޯޓު ފޮތުގައި އެޚިޔާލުތައް ތަނާލް ލިޔުނެވެ.

*****

މީޓިންގް ހަމަޖެހުނު ގަޑީގެ ފަނަރަ މިނެޓް ކުރިން ތަނާލް ދިޔައެވެ. އާދައިގެ މަތިން މިފަހަރު ވެސް މީޓިންގް އޮތީ ސަރުވާ އިންޑަސްޓްރީސް ގައެވެ. މީޓިންގް ހޯލަށް ތަނާލް ވަން އިރުގައި އޭނަގެ އިންތިޒާރުގައި ޒަރާރް އިނެވެ. ކޮންފަރެންސް މޭޒުގެ މެދަށް ވާހެން އިށީނދެގެން އިން ޒަރާރް ފެނުމުން ތަނާލްގެ ހަރަކާތްތައް މަޑު ޖެހިލިއެވެ. ދޮރު ހުޅުވުނު އަޑަށް އަތުގައި އޮތް ފޯނާއި ނަޒަރު ވަކިކޮށްލަމުން ޒަރާރް އިސްއުފުލައިލީ އެދަނޑިވަޅުގައެވެ. ތަނާލް ފެނުމާއެކު ޒަރާރްގެ ތުންފަތް ދެމިލީ ހިނިތުންވުމަކުންނެވެ. ހީވީ އޭނަގެ އިންތިޒާރަށް ނިމުމެއް އައި ހެންނެވެ.

''އައި ލައިކް ޓު ބީ އާރލީ، އެންޑް އައި ތިންކް ދަ ސޭމް ގޯސް ފޯރ ޔޫ...'' ގޮނޑިން ތެދުވަމުން ޒަރާރް ބުންޏެވެ. ތަނާލްގެ މޫނުން ފެނުނު ކުލަވަރުތައް ޒަރާރްއަށް ފާހަގަކުރެވުނީއެވެ.

ޒަރާރްގެ އަޑުގައިވި އެކުވެރިކަމުގެ ރާގުން ތަނާލްގެ ހިއްސުތަކުގެ މައްޗަށް ވެރިވާން އުޅުނު ނުތަނަވަސްކަމާއި ދުރުވާން ފަސޭހަވިއެވެ. ރައްދުގައި ތަނާލްއަށް ހިނިތުންވެވުނެވެ.

ޒަރާރް އިޝާރާތްކޮށްލީ އޭނައާއި ކުރިމައްޗަށް ވާހެން ހުރި ގޮނޑި އަށެވެ. ތަނާލް ގޮސް އިށީނެވެ. މީޓިންގްއަށް ގެނައި ލިޔެކިޔުންތަކާއި ލެޕްޓޮޕް ދަބަހުން ނަގައި ކުރިމަތީ އަތުރާލިއެވެ. އެންމެފަހުން ނެގީ އޭނަގެ ނޯޓް ޕެޑެވެ. މީޓިންގް ރޫމްގެ ދޮރު ހުޅުވުނީ އެދަނޑިވަޅުގައެވެ. އިތުރު މީހަކު މީޓިންގް ރޫމަށް އައުމުން ތަނާލްއަށް ހައިރާންކަމާއެކު ބަލައިލެވުނެވެ. ދިލްފާގެ ތަޢާރަފެއް ޒަރާރް ދިނުމާއެކު، ދިލްފާއާއި ހިނިތުންވުމެއް ބަދަލުކޮށްލަން ތަނާލް މަސައްކަތްކުރިއެވެ. އޭނަ އުއްމީދުކޮށްގެން ހުރީ މީޓިންގައި ބައިވެރިވާނީ ހަމައެކަނި ޒަރާރް ކަމަށެވެ. އިތުރު މީހަކު ބައިވެރިވާނެކަމެއް އެނގިފައެއް ނެތެވެ. ހާސްވާ ގޮތްވީ އެހެންވެގެންނެވެ.

''ކޮފީއެއް ބޭނުންތޯ؟...'' ދިލްފާ އެހިއެވެ. އޭނަ ބޭނުންވީ ތަނާލްއަށް އެއްޗެއް ގެނެސްދޭށެވެ.

މަނާވެގަތުމުގެ ގޮތުން ތަނާލް ދެފަރާތަށް ބޯހޫރާލިއެވެ. އޭނަގެ އަތްފައި ފިނިވާން ފެށީ ކުއްލިޔަކަށެވެ. ވަށައިގެންވި ހަތަރު ފާރު އައިސް އޭނަ ފިއްތާލަން އުޅޭ ފަދަ އިހުސާސެއް ކުރެވުނެވެ. އެވަގުތު އަމިއްލަ ނަފުސަށް އަޑުލެވުނެވެ. މި ހާސްކަމުގެ އިހުސާސްތަކާ އޭނައަށް ދުރުނުވެވެނީ ކީއްވެގެން ހެއްޔެވެ؟ ހުރިހާ ކަމެއް ރަނގަޅަށް ގޮސްފައި ޓަސްލާފައި މިފަދަ ބަދަލެއް އަންނަންވީ ކީއްވެގެން ހެއްޔެވެ؟ ހިއްސުތަކުގެ މައްޗަށް ވެރިވެގެންނަ ނާއުއްމީދުތައް ދެނެގަނެވިދާނެ ހެއްޔެވެ؟ ހެނދުނުއްސުރެން އޭނަ ދިޔައީ މީޓިންގްއަށް ތައްޔާރުވަމުންނެވެ. އޭނަގެ މަސައްކަތައް ބައްޕަގެ ފަރާތުން ލިބުނު ތައުރީފުން އަމިއްލަ ނަފުސުގެ އަޒުމު ވަރުގަދަ ވިއެވެ. ހަމައެއާއެކު ޒަރާރްއަށް ކުރެވޭ އިތުބާރުގެ ސަބަބުން އެބައްދަލުވުމަށް އިންތިޒާރު ވެސް ކުރެވުނެވެ.

''ދިލްފާ، މިއަދު މީޓިންގަ ބައިވެރިވާނީ ހަމައެކަނި އަހަންނާ ތަނާލް... އިތުރުކަމެއް ބޭނުންވަންޔާ އަންގާލާނަން...'' ތަނާލްއަށް ބަލަން އިން ޒަރާރްއަށް ތަނާލްގެ ހާސްކަން ދޭހަކުރެވުނެވެ. ހިނިތުންވުންގެއްލި އެއްވެސް މީހަކާ ހަތަރުކަޅި ހަމަކުރަން އުނދަގޫވެފައި އިން މަންޒަރު ވެސް މެއެވެ. ތަނާލްއަށް އައި ބަދަލުތަކާއި ޒަރާރްއަށް ގުޅުވާލެވުނީ ދިލްފާއާއެވެ. ދިލްފާ އައުމުގެ ކުރިން ތަނާލްގެ މިޒާޖުން އެބަދަލުތައް ފެނިފައިނުވާތީއެވެ. އެއާއެކު ޒަރާރް އަވަސްވެގަތީ މީޓިންގް ރޫމުން ދިލްފާ ފޮނުވާލާށެވެ. ތަނާލްއަށް ހަމަޖެހުން ގެނެސްދޭނެ މާހައުލެއް ގާއިމްކުރާށެވެ.

އިތުރު އެއްޗެއް ބުނުމެއް ނެތި ދިލްފާ ނިކުތެވެ. ދިލްފާ ނިކުތް މަންޒަރު ބަލަން އިނދެފައި، މޭޒު މަތީ ހުރި ފެންފުޅި ކަނޑާލަމުން ތަނާލްގެ އަތަށް ޒަރާރް ދިއްކޮށްލިއެވެ. ތަނާލްއާއި ވާހަކަދެއްކުމުގެ ބަދަލުގައި ޒަރާރް ޚިޔާރުކުރީ ހިމޭންކަމެވެ. އެހިމޭންކަމުގެ ތެރެއިން ވެސް ތަނާލްގެ ގާތުގައި އޭނަ ހުރިކަން އަމަލުތަކުން ބުނެދިނެވެ.

''ތެންކިއު...'' ފެންފުޅި ހޯދަމުން ތަނާލް ބުންޏެވެ. ކޯވަރެއް ބޯލަމުން ފުންނޭވާއެއް ދޫކޮށްލެވުނެވެ. އަތުގައިވި ތުރުތުރުލުން ޒަރާރްއަށް ފެންނާނެތީ ތަނާލް މާޔޫސް ވިއެވެ. އޭނައާ މެދު ޒަރާރް ދެކޭނީ ކިހިނެއް ހެއްޔެވެ؟ އޭނަގެ މަސައްކަތާ މެދު ސުވާލު އުފައްދަފާނެ ހެއްޔެވެ؟ ބައްޕައާ ހަމައަށް ޝަކުވާ ގެންގޮސްފާނެ ހެއްޔެވެ؟ އެހާ ބޮޑު ޕްރޮޖެކްޓެއް ހަވާލުވުމުގެ ޤާބިލިއްޔަތުކަން އޭނަގެ ނެތްކަމަށް ބުނެ ނުރުހުން ފާޅުކޮށްފާނެ ހެއްޔެވެ؟ ޒަރާރް އަކީ މިވަގުތު ޕްރޮޖެކްޓާ ހަވާލުވެ ހުރި އޭނަގެ ބޮސް އެވެ.

ފެންފުޅި މޭޒުމަތީ ބަހައްޓަމުން، ތަނާލްއަށް އިސްޖަހާލެވުނެވެ. ސިކުނޑީގައި ފުނިޖެހެން ފެށި ސުވާލުތަކުން އޭނަގެ ހިތްވަރު މުޅިންހެން އެލުނެވެ. ނައްސި ޚިޔާލުތައް ގިނަވާން ފެށީ ސިކުނޑި ބުރަހެލިކޮށްލަމުންނެވެ. އެޚިޔާލުތަކުގެ މައްޗަށް އޭނަގެ އެއްވެސް އިހުތިޔާރެއް ނުވެއެވެ. މިއީ ޒަރާރް ހުއްޓާ އޭނައަށް ޕެނިކް އެޓޭކެއް ޖެހުނު ދެވަނަ ފަހަރެވެ. އޭނަގެ ނަފުސާނީ ދުޅަހެޔޮކަމާ މެދު ޒަރާރް ދެކޭނީ ކިހިނެއް ހެއްޔެވެ؟

''ތަނާލް...'' ޒަރާރް ގޮވާލީ މަޑުމައިތިރިކަމާއެކުގައެވެ. ''ކިހިނެއްވާނެ އެހެންތަނަކަށް މީޓިންގް ބަދަލުކޮށްލިއްޔާ؟...''

ކަންފަތުގައި ގުގުމަމުންދާ އޭނަގެ ހިތުގެ ތެޅުމުގެ ސަބަބުން ޒަރާރްގެ އަޑު ތަނާލްއަށް ފަހުމުކުރެވޭ ގޮތެއް ނުވިއެވެ. އިސްއުފުލައި ޒަރާރްގެ މޫނަށް ތަނާލް ބަލައިލިއެވެ. އޭނައަށް ފެނުނީ މުޅިން އެހެން ޝުއޫރެކެވެ. އޭނަގެ ހާލަތާ މެދު ނުރުހުމުގެ ބަދަލުގައި ތަނާލްއަށް ފެނުނީ އޯގާތެރިކަމެވެ. އޭނަގެ ހުނަރާއި ޤާބިލިއްޔަތުކަމާ މެދު ސުވާލު އުފައްދާކަމުގެ ލިސާނެއްގެ މިންވަރު ވެސް އެދެލޮލުން ފާޅެއްނުވެއެވެ. އެއާ ޚިލާފަށް އޭނައަށް އެހީވުމަށް ޒަރާރް ބޭނުންވެފައި ހުރި މިންވަރު އަންދާޒާކޮށްލެވުނެވެ. ހަމަ އެރޭ ފަދައިންނެވެ.

ޒަރާރް އަނެއްކާ ވެސް އިޝާރާތްކޮށްލީ ފެންފުޅި އަށެވެ. ތަނާލް ފުޅި ނެގި އިރު، އަތުގައިވި ތުރުތުރުލުމަށް ނިމުން އައިސްފިއެވެ. އެވަގުތު ޒަރާރް ފުން ނޭވާއެއް ދޫކޮށްލި މަންޒަރު ތަނާލްއަށް ފެނުނެވެ. ހިމޭންކަމުގެ ދުލުން ޒަރާރް ބުނަން އުޅުނު އެއްޗެއް ތަނާލްއަށް ފަހުމުކުރެވުނެވެ. ޒަރާރް ފަދައިން ތަނާލް ވެސް ފުން ނޭވާއެއް ދޫކޮށްލިއެވެ. ލަސްލަހުން ނޭވާގެ ހިނގުން ގުނަން ފެށިއެވެ. ލޯމަރާލަމުންނެވެ.

ފަސްވަރަކަށް މިނެޓް ފަހެވެ. މާހައުލުން އިވޭ ހަމައެކަނި އަޑަކީ އޭސީގެ ޒޫން އަޑެވެ. އެފިނިކަމުން މޫނުގައި ހިއްލާފައިވި ދާތިކިތަކަށް ނިމުމެއް ގެނައެވެ. ދިގު ނޭވާއަކާއެކު ތަނާލް ލޯހުޅުވާލިއެވެ. އެއާއެކު ޒަރާރްއާއި ހަތަރުކަޅިހަމަވެއްޖެއެވެ. ޒަރާރްގެ ތުންފަތަށް ވެރިވި ހިނިތވުންވުން އެދެލޮލުން ރަމްޒުކޮށްދިނެވެ. ތަނާލްއަށް ބަލަން އިނދެވުނީއެވެ. ޒަރާރްއާ މެދު ހިތުގައިވި ސުވާލުތައްވީ އިތުރެވެ.

''މިހާރު އެގާރަގަޑި ބައިވާން އުޅެނީ، ކިހިނެއްވާނެ ތަންކޮޅެއް އަވަހަށް މިއަދު ލަންޗް ނެގިއްޔާ؟...'' އަތުކުރީ އޮތް ގަޑިއަށް ބަލަމުން ޒަރާރް ބުންޏެވެ. އެއަށްފަހު އޭނަގެ ސަމާލުވެލީ ތަނާލް އަށެވެ. ޒަރާގް ތުންފަތުގައިވި ހިނިތުންވުމަށް ކުޑަމީސް ބަދަލެއް ނާދެއެވެ.

''ރަ...ރަނގަޅުވާނެ...'' ތަނާލް ބުންޏެވެ. ފެން ބޯލުމުން ހިކިފައިވި އަރުތެރެއަށް ލުޔެއް ލިބުނެވެ.

''ފެންފުޅި އެއްކޮށް ހުސްކޮށްނުލައްޗޭ، ކެއުމަށް ޖާގަ ބަހައްޓަން ވާނެއެއްނު...'' ސަމާސާ ރާގަކަށް ޒަރާރް ބުންޏެވެ.

ތަނާލްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ގެނެސްދިނުމުގައި ޒަރާރް ކާމިޔާބު ހޯދިއެވެ.

''އެހެންވީމާ މީޓިންގް މި ބަދަލުކޮށްލީ ލަންޗަށް...'' ގޮނޑިން ތެދުވަމުން ޒަރާރް ބުންޏެވެ. ''ތަނާލްއަށް ކަމުދަނީ ކޮންކަހަލަ ކާއެއްޗިއްސެއްތަ؟، އިޓާލިއަން؟، ތައި؟، ޗައިނީސް؟...''

ޒަރާރްގެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގިފައި ތަނާލް އިނެވެ. މީރު ކާއެއްޗެއްގެ މަތިން ހަނދާންނުކުރާތާ ވީ ދުވަހެއް ނޭނގެއެވެ. އެކްސިޑެންޓަށް ފަހުގައި އޭނަ ރެސްޓޯރެންޓަކަށް ނުދެއެވެ. އެއީ ހިދާންއާއެކު ވަގުތު ހޭދަކޮށްލުމަށް އޭނަ ލޯބި ކުރި ކަމެކެވެ. ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަސް ހާއްސަކޮށްފައި އޮންނަނީ ދެމަފިރިންގެ ޑޭޓަށެވެ. އެކަމާ ގުޅިގެން މުޅި ހަފްތާގައި ދެމަފިރިންގެ ދެމެދުގައި މަޝްވަރާ ކުރެވޭނެއެވެ. އެހަނދާންތަކާއެކު ތަނާލްގެ ހިތުގެ ހިމަނާރުތަކުގައި ދުވެލީ ތޫނު ރިހުމެކެވެ. ކަރުނައިގެ އަސަރު ލޮލުން ފާޅުވުމާއެކު އަވަސްއަވަހަށް އެސްފިޔަތައް ތަޅުވާލެވުނެވެ.

''ތަނާލް؟...'' ތަނާލްގެ ހިމޭންކަމުން އުނދަގޫވެ ޒަރާރްއަށް ގޮވާލެވުނެވެ. އެއަޑަށް ތަނާލްގެ ނަޒަރު ޒަރާރްގެ މޫނަށް ހުއްޓުނެވެ. ކަންބޮޑުވުން އެދެލޮލުން ތަނާލް ދުށްޓެވެ.

''އައިމް ފައިން...'' ތަނާލް ބުންޏެވެ. ބަހުގެ ޔަޤީންކަން އޭނަ ބޮޑަށް ދޭން ބޭނުންވީ އަމިއްލަ ނަފުސަށެވެ.

''ސޯ... ލަންޗް؟...'' އެއްބުމަ އަރުވަމުން ޒަރާރް އެހި އެވެ.

''ޒަރާރް ބޭނުން ކޮންމެ ތަނަކަށް ދިޔަޔަސް ރަނގަޅުވާނެ...'' ޒަރާރްގެ ސުވާލަށް ޖަވާބުދޭން އުނދަގޫވުމުން ތަނާލް ބުންޏެވެ.

''އައި ސީ، އެކަމަކު އަހަންނަށް މާލޭގެ ގިނަ ތަންތަނެއް ނޭނގޭނެ، މިކޮޅަށް އައިތާ މަހެއް ވާނީ...'' ޒަރާރް ބުންޏެވެ. އޭނަ މަސައްކަތްކުރީ އެދެމެދަށް ވެރިވި ނުތަނަވަސްކަމަށް ނިމުމެއް ގެންނާށެވެ. އޭނަގެ ސުވާލުން ތަނާލްގެ ދެލޮލުން ފާޅުވި ގިލަންވެރިކަމުގެ އުދާސްތައް ޒަރާރްއަށް ފާހަގަކުރެވުނެވެ. އެކަމާ ގުޅިގެން ސުވާލުނުކުރީ އެއީ ތަނާލްއަށް ފަސޭހަ މައުޟޫޢުއަކަށް ނުވާނެތީއެވެ.

''އެހެންވީމާ ގޫގުލްކޮށްލަން ޖެހޭނީ... މައި ފޭވްރިޓް އިޒް ސައުތް އީސްޓް އޭޝިއަން ކުޒީންސް، އިންކޭސް ޔޫ ޑިޑިންޓް ނޯ، އައި ގްރިއު އަޕް އިން މެލޭ...'' އެކުވެރިކަން އެދެމެދުގައި ޤާއިމުކުރުމުގެ މަޤުސަދުގައި ޒަރާރް ވާހަކަދެއްކިއެވެ.

''އެހެންތަ؟، އަހަރެން ޑިގްރީ ހެދީ މެލޭއިން...'' ޒަރާރްގެ ވާހަކައަށް އެއްޗެއް ނުބުނެ ހުންނަން އުނދަގޫވުމުން ތަނާލްއަށް ބުނެވުނެވެ. ޒަރާރްގެ އެކުވެރިކަން ބޮލާލާޖަހަން އޭނަގެ ޒަމީރު ދެކޮޅުހެދިއެވެ.

ފޯނާ ކުޅެން ހުރެފައި ރެސްޓޯރެންޓެއްގެ ނަން ޒަރާރް ބުންޏެވެ. އޭގެ އިރުކޮޅެއްފަހުން ޚިޔާލު ބަދަލުކޮށްލަން އުޅުނެވެ. އެވަގުތު އިސްވެ ތަނާލް ވާހަކަދެއްކިއެވެ.

''ޓިކްޓޮކުން ދެކުނިން ރިވިއުއެއް، ހީވަނީ ރަނގަޅުވާނެހެން...'' ތަނާލް ބުންޏެވެ.

''ފޭސްބުކް ރިވިއުސްތައް ވެސް ރަނގަޅު، އެކަމަކު ހުޅުމާލޭގަ ހުރި ތަނެއް......'' ޒަރާރްއަށް އޭނަގެ ބުމަ ކައިރިކޮށްލެވުނެވެ. ކަމަކާ މެދު ޒަރާރް ފުންކޮށް ވިސްނާނަމަ އަބަދު ވެސް އޭނައަށް ބުމަ ކައިރިކޮށްލެވެއެވެ.

''އެންޑް؟...'' ޒަރާރްގެ ޖުމްލަ ފުރިހަމަނުވުމުން ތަނާލްއަށް އަހާލެވުނެވެ. ޒަރާރް ނުބުނެ ދޫކޮށްލި ޖުމްލަ ތަނާލްއަށް ފަހުމުވާން އިރުކޮޅެއް ނެގިއެވެ.

''ހުޅުމާލެ ދާން ޖެހުނަސް ރަނގަޅުވާނެ...'' ތަނާލް ބުންޏެވެ. ތަނާލްގެ މޫނަށް ބަލަން ހުރެފައި ޒަރާރް ބޯޖަހާލިއެވެ. ކުރީގެ ހިނިތުންވުން އެތުންފަތަށް ވެރިވެ ފިރިހެންވަންތަ މޫނަށް ދިރުން ގެނެސްދިނެވެ.

މީޓިންގް ރޫމުން ނިކުންނަމުން ބްރޭކަށް ދާ ވާހަކަ މެސެޖެއްގެ ޒަރިއްޔާއިން ދިލްފާއަށް ޒަރާރް އެންގިއެވެ. ލިފްޓްގައި ތަނާލްއާއެކު އެކަނިވުމުން ސިއްރުސިއްރުން ތަނާލްގެ މޫނަށް ޒަރާރް ބަލައިލިއެވެ. އޭރު ތަނާލް ބަލަން ހުރީ ލިފްޓްގެ ސްކްރީނަށެވެ. އެހެންކަމުން ތަނާލްގެ މޫނަށް ސަމާލުވެ ބަލައިލުމުގެ ނަސީބު ޒަރާރްއަށް ލިބުނެވެ. އެހާ ގާތުން ތަނާލްގެ މޫނު ފެނުމުން ތަނާލްގެ ރީތިކަން ޒަރާރްގެ ހަނދާނުގައި ބިންވަޅު ނެގުނެވެ. ފަރުވާތެރިކަމާއެކު ތަނާލްގެ މޫނަށް ޒަރާރްއަށް ބަލައިލެވުނު އެއީ ފުރަތަމަ ފަހަރެވެ. ދެޒުވާނުންގެ ފުރަތަމަ ބައްދަލުވުމުން ހާލަތު އެކަމަށް ފުރުސަތު ނުދިނީއެވެ. ދެވަނަ ބައްދަލުވުމުން ވެސް އެހާ ބޮޑަށް ތަނާލްއަށް ބަލައިލަން ޒަރާރް ފަސްޖެހުނެވެ. އެދެމެދުގައި ވާހަކަ ދެކެވިފައި ނުވާތީ އެވެ. ނަމަވެސް މިފަހަރު އޭނަގެ ހިތުގެ ގޮވުމަށް ޒަރާރްއަށް އިޖާބަދެވުނެވެ. ތަނާލްގެ ފަރި އަދާތަކުން ޖިސްމަށް ކުރުވި އަސަރާ މެދު ވިސްނާނުލެވެނީސް ލިފްޓްގެ ދޮރު ހުޅުވިއްޖެއެވެ. އެއާއެކު ޒަރާރްއަށް މަޖުބޫރުވީ އެޚިޔާލުތައް މޭގެ ފުނުގައި ވަންހަނާކޮށްލާށެވެ. އެކަމުގެ ހިލަން ތަނާލްއަށްވާން ބޭނުމެއްނުވިއެވެ. ތަނާލްއަށް އޭނަގެ ފަރާތުން ހާސްކަމެއް ލިބުމަށް ނޭދޭތީއެވެ.

*****

މޫސުން ރަނގަޅު ދުވަސްކޮޅަކަށް ވުމުން މެންދުރަށް ދޮންކުރަމުން އައި އިރުގެ ހޫނުކަން އިންތިހާއަށް ގަދަ އެވެ. އޭގެ ސަބަބުން ފަޒާގައިވަނީ އުދާސްކަމެވެ. ރޯޅިތައް ހިނދި ވިލާތައް ވެސް މަދު ދުވެހެވެ.

ތަނާލްއާއި ޒަރާރް އިށީނދެގެން ތިބީ ރެސްޓޯރެންޓްގެ އޯޕެން އޭރިޔާގައި ހުރި މޭޒެއްގެ ދޮށުގައެވެ. ކަނަކަށް ވާހެން ހުރި މޭޒު ކައިރީގައި އެހެން އެއްވެސް ބަޔަކު ނެތެވެ. އޯޑަރުކުރި ބުއިންތައް އައުމުން ފިނިފިނި ބުއިންތަކުގެ އެހީގައި އިހުސާސްކުރެވެމުންދާ ހޫނަށް ނިމުމެއް ގެނެސްދިނެވެ. ވެއިޓަރަށް ޒަރާރް އަންގާފައި އޮތީ އޭނަގެ އިޝާރާތަށް ފަހު ކާއެއްޗިސް ގެނެސްދިނުމަށެވެ. އެއީ މީޓިންގް ނިމެންދެކަށެވެ.

ތަނާލް ލެޕްޓޮޕް ހުޅުވާލުމާއެކު، ތަނާލްގެ ގާތަށް ޒަރާރް ޖެހިލިއެވެ. ގެނައި ހަރަކާތުން މޭޒުމަތީ އޮތް ތަނާލްގެ އަތުގައި ޒަރާރްގެ އަތުގެ އިނގިލިތައް ބީހުނެވެ. ޒަރާރްއަށް ވަގުތުން ބަލައިލެވުނީ ތަނާލްގެ މޫނަށެވެ. ތަނާލް އިނީ ގަނޑުވެފައެވެ.

''ސޮރީ...'' ނުރުހުމުގެ އަސަރު އެމޫނުން ފެނޭތޯ ބަލަމުން ޒަރާރް މަޢާފަށް އެދުނެވެ. ބޮޑުކަމަކަށް ހެދުމެއް ނެތި ތަނާލް ސަމާލުވެލީ ލެޕްޓޮޕަށެވެ. ރެސްޓޯރެންޓްގައި މީހުން މަދު ވަގުތަކަށް ވުމުން އުނދަގުލަކާއި ނުލައި ތަނާލްއަށް ޕްރެޒެންޓޭޝަން ކުރިއަށް ގެންދެވުނެވެ. އެއާއެކު ޒަރާރްގެ ސަމާލުކަން އޭނަ އަނބުރާލީ ތަނާލްގެ މަސައްކަތަށެވެ. ހޮޓެލްގެ ލޮބީއަށް ތަނާލް ގެންނަން ހުށަހެޅި ބަދަލުތަކަށް ޒަރާރް މަރުޚަބާ ކިޔެވެ. ހަމަޖެހުމުގެ ނޭވާއަކާއެކު، ތަނާލްގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ކުޅެލިއެވެ.

މީޓިންގް ނިމުމާއެކު ކާއެއްޗިސް ގެނެވުނެވެ. ދެޒުވާނުންގެ ދެމެދުގައި މަޑުމަޑުން ވާހަކަދެކެވެން ފެށުނެވެ. މޫސުމާ ގުޅިގެންނެވެ. ކިޔަވަން އުޅުނު އިރުގެ ދުވަސްތަކެވެ. އިންޓީރިޔާ ޑިޒައިނިންގްއަށް ތަނާލްގެ ޝައުޤުވެރިކަން ލިބުނު ގޮތާ ގުޅިގެން ވެސް ޒަރާރް ސުވާލުކުރިއެވެ. އޭނަގެ ކޮންމެ ސުވާލަކުން ތަނާލްގެ މިޒާޖު ދަސްކުރަން ބޭނުންވެފައިވާ މިންވަރު ހާމަކޮށްދިނެވެ. ހިތުގައި އުފެދުނު ޝައުޤުވެރިކަމާ އޭނައަށް ދުރެއް ނުވެވުނެވެ. ތަނާލް ފެނުނު ފުރަތަމަ ރެޔެކޭ އެއްފަދައިންނެވެ.

''ޔޫ ނޯ، ޔޫ ކޭން އާސްކް މީ...'' އަތުގައި އޮތް އުލާއި ސަމުސަލުން ތަށީގައި ހުރި ބަތްކޮޅު ހާވަން އިން ތަނާލްއަށް ޒަރާރް ބުންޏެވެ. ތަނާލް އެއްޗެއް އޮޅުން ފިލުވަން ބޭނުންވެފައިވާކަން ޒަރާރް ދެނެގަތެވެ.

ޒަރާރްގެ ޖުމްލައިން ތަނާލްއަށް އިސްއުފުލާލެވުނެވެ. އިރުގެ އަލި ޒަރާގް ދެލޮލަށް އުޅުމުން ކަޅީގެ ކުލައަށް ބަދަލުއަންނަހެން ހީވެއެވެ. ބައެއްފަހަރު ގަދަ މުށި ކުލައެކެވެ. އަނެއްބައިފަހަރު ފެހިކުލައެވެ. އަޖައިބެއްފަދަ ރީތި ދެލޮލެކެވެ. ދަމާބާރެއްވާކަން ގައިމެވެ. ތަނާލްއަށް ވަގުތުން ޒަރާރްއާއި ނަޒަރުވަކިކޮށްލެވުނެވެ.

''އަހަންނަށް އިނގޭ ތަނާލް އަހަން ބޭނުންވެފަ ހުރިކަން...'' ޒަރާރް ތަކުރާރުކޮށްލި އެވެ.

އެހާފަސޭހައިން އޭނަގެ ހިތުގައިވި ޝުޢޫރުތައް ޒަރާރް ހޯދައިގަތުމުން، ބުނާނެ އެއްޗެއް ނޭނގިފައި ތަނާލްއަށް އިނދެވުނެވެ. އޭނަ އޮޅުންފިލުވަން ބޭނުންވަނީ އެންމެ ކަމެކެވެ. ޕެނިކް އެޓޭކެއް ޖެހުމުން ޒަރާރް އެހާ ފަސޭހައިން ނަގައިގަންނަނީ ކިހިނެއް ކަމެވެ. އެކަމުގެ ފަހަތުގައި ސަބަބެއްވާކަން ގައިމެވެ. އޭނަ ފަސްޖެހެނީ އެސުވާލު ޒާތީ ދިރިއުޅުމާ ގުޅިފައިވާތީ އެވެ.

(ނުނިމޭ)