ދިހަ ވަނަ އިންޑިއަން އޯޝަން ޑައިލޮގު (އައިއޯޑީ)ގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އިންޑިއާގެ ނިއުދިއްލީއަށް ފުރާވަޑައިގެންފިއެވެ.

ނަޝީދުގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ ނުވަ ވަނަ ދުުވަހު ކަމަށެވެ.

ރައީސް ނަޝީދުގެ އޮފީހުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ އެއީ ރާއްޖެއަށް އިންތިހާއަށް މުހިންމު މަޝްވަރާތަކެއް ހިންގޭނެ ޕްލެޓްފޯމެއް ކަަމަށާއި އެ މަސައްކަތް ނަޝީދު ބާރަށް ހިންގަވާނެ ކަމަށެވެ.

އައިއޯޑީގެ ޑަޔަލޮގުގެ ޝިއާރަކީ 'އިންޑިއަން އޯޝަން ރީޖަން އިން އަ ޓްރާންސްފޯމިން ވޯލްޑް' އެވެ. މިއީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި ނޫ އިގުތިސޯދާއި ޑިޒާސްޓާ ރިކްސް މެނޭޖުމަންޓާއި އިންވެސްޓްމަންޓާއި އިގުތިސޯދި ހަރަކާތްތެރިކަމާއި ސައިންސާއި ޓެކްނޮލޮޖީ އަދި އަންހެނުން ބާރުވެރިކުރުމުގެ ރޮގުން މަޝްވަރާ ހިންގާނެ ފޯރަމެކެވެ.

ޑިޒާސްޓާ ރިކްސް މެނޭޖުމަންޓް މަޝްރޫއުގައި ރައީސް ނަޝީދު ވާކަހަފުޅު ދައްކަވާނެއެވެ.