އަންހެނެއްގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ލީކު ކުރި މައްސަލައާ ގުޅިގެން ބަންދުކުރި ދެ މީހުން ދޫކޮށްލި އަމުރު ހައިކޯޓުން ބާތިލް ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށް، ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ތަކުރާރުކޮށް ބަންދުކޮށްފައި ބެހެއްޓުމަށްފަހު، ދޫކޮށްލީ އދ. މަހިބަދޫ ބަހާރުގެ ޒުބައިރު އަލީ އާއި ދަފްތަރު ނަމްބަރު 14751 ނާސިފް އަލީއެވެ.

މީއީ އަންހެނެއްގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ މީސްމީޑިއާގައި ލީކް ކުރާނެ ކަމަށް އެ އަންހެން މީހާ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ފިރިހެން މީހާ ބިރުދައްކައި އިންޒާރު ދީފައިވަނިކޮށް 2024 ވަނަ އަހަރުގެ އެޕްރީލް މަހުުގެ 12 ވަނަ ދުވަހު އެ އަންހެން މީހާ ގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ޓެލެގްރާމްގައި ހިންގާ "ދި ލީކްސް" ނަމަކަށްކިޔާ ޗެނަލެއްގައި ޕޯސްޓް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

އެ މައްސަލައިގައި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި ތަހުގީގަށް ލިބެން ހުރި ހެކި ގަރީނާ ނައްތާލުމުގެ ފުރުސަތު އޮތް ކަމަށް ބެލެވޭތީ، ކޯޓު އަމުރެއްގެ ދަށުން 10 އޯގަސްޓް 2024 ގައި ޒުބައިރު އަލީ ހައްޔަރު ކުރިއެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް އެކަށީގެންވާ މިންވަރަށް ހެކި ލިބިފައިވާތީ، ގާނޫނު އަސާސީ އާއި ކަމާބެހޭ ގާނޫނުތަކަށް ރިއާޔަތްކޮށް، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާގެ ބަންދުގެ މުއްދަތު ހަ ފަހަރެއްގެ މަތިން އިތުރު ކުރުމަށްފަހު، ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް 14 އޮކްޓޫބަރު 2024 ގައި ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ.

މި މައްސަލައިގައި ނާސިފް އަލީ ހައްޔަރު ކުރީ "ދި ލީކްސް" ޗެނަލަށް ވަނުމުގެ އެކްސެސް ހޯދުމަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ހިއްސާކޮށްފައިވާ ބޭންކް އެކައުންޓް ނަންބަރަކީ އޭނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށްވެފައި، މި މައްސަލައިގައި އޭނާ ދޫކޮށްލާފައި ހުރެއްޖެނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ އާއި ހެކި ނައްތާލަފާނެ ކަމަށް ފެންނާތީއެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައިވާތީ، ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ރިއާޔަތްކޮށް، ހެކިންނަށް ނުފޫޒު ފޯރުވަފާނެ ކަމުގެ އިހުތިމާލު އޮތް ކަމަށް ބަޔާންކޮށް، ހަ ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތުވެސް އިތުރުކޮށް، އެ މައްސަލައިގައި ހުކުމް ކުރެވެންދެން ނުވަތަ ބަންދާ މެދު އިތުރުގޮތެއް ކަނޑަ އަޅަންދެން އޭނާ ބަންދުކުރަން އަމުރުކުރިއެވެ.

ނަމަވެސް އެ ދެ ފަރާތުން އެދިގެން މި ދެ އަމުރު މުރާޖައާ ކުރުމަށްފަހު ޝަރުތު ތަކަކާއެކު އެ ދެމީހުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން އަމުރު ކުރިއެވެ.

އެ ކަމާ ގުޅިގެން އެ މައްސަލަ ދައުލަތުން ހައިކޯޓަށް ހުށަހެޅިއެވެ.

މި އަމުރުގެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން އިއްޔެ ހުކުމް ކުރީ އެ ދެ މީހުން ދޫކޮށްލަން ކުރި އަމުރު ބާތިލް ކަމަށެވެ. އަދި ޒުބައިރު އަލީ އާއި ނާސިފް އަލީގެ ބަންދާ މެދު އަލުން ގޮތެއް ކަނަޑައަޅަން ކުރިމިނަލް ކޯޓަށް އަލުން ހުށަހަޅައިފި ނަމަ ފަސް ދުވަހުގެ ތެރޭގައި އެ މީހުންގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ވެސް ކުރިމިނަލް ކޯޓަށް ވަނީ އަންގައިފައެވެ.