ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ޑޭޓާ ޕްރޮޓެކްޝަން ބިލެއް ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ ދައުރުގެ ތެރޭގައި ހުށަހަޅާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އުޝާމް ވިދާޅުވީ ބަންޑާރަ ނައިބުގެ އޮފީހުން ވަރަށް މުހިންމު ބިލްތަކެއްގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން މި މަޖިލިހުގެ މި ދައުރުގައި އެ ބިލްތައް ހުށަހަޅަން މަސައްކަތް ކުރަމުން އަންނަ ކަމަށް އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ، އޭގެ ތެރެއިން އެއް ބިލަކީ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ޑޭޓާ ޕްރޮޓެކްޝަން ބިލެކެވެ.
"މިއީ އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ގޮތުން ހާމަކަން ބޮޑު ޖަވާބުދާރީ ކުރުވަނިވި ގޮތެއްގައި އެ މައުލޫމާތު އެއްކުރުމާއި ޕްރޮސެސްކުރުމާއި ބޭނުންކުރުމުގެ ނިޒާމެއް ގާއިމުކޮށް ޒާތީ މައުލޫމާތު ނިސްބަތްވާ މީހުންގެ ހައްގުތަކާ މައުލޫމާތު އެއްކުރާ އަދި ޕްރޮސެސްކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅާ، އެ ފަރާތްތައް ރެގިއުލޭޓުކުރުމާ ބެހޭ އުސޫލުތައް ކަނޑައަޅާނެ ބިލެއް، ގާނޫނެއް،" އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ، އެ ބިލަކީ ބޭރުގެ އެކިއެކި ފަރާތްތަކުގެ އެހީގައި ފަރުމާ ކުރެވިފައިވާ ބިލެއް ކަމަށާއި އެ ބިލްގެ މަސައްކަތުގައި ދައުލަތުގެ ގިނަ އިދާރާތަކެއްގެ އެއްބާރުލުން ލިބުން ކަމަށެވެ.
އުޝާމް ވިދާޅުވީ، މަޖިލީހުގެ މި ދައުރުގެ ތެެރޭގައި ޖުމްލަ 12 ބިލެއް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި "މޯލްޑިވްސް 2.0" ގެ ދަށުން ޑިޖިޓައިޒޭޝަނާ ގުޅޭ ތިން ބިލެއް މިދައުރުގެ ތެރޭގައި ހުށަހަޅުއްވަން ތައްޔާރުވެފައިވާ ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.
މި އަހަރުގެ މަޖިލީހުގެ ދެވަނަ ދައުރު ނިމޭނީ މި މަހުގެ 15 ވަނަ ދުވަހުގައެވެ.
އަލީ ޔާމިން
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް