މަރުގެ އަދަބު ތަންފީޒުކުރުމަށް ހާއްސަ ގާނޫނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނީ މަޖިލީހުގެ ދެވަނަ ދައުރުގެ ތެރޭގައި ކަމަށާއި އެ ބިލުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ސަރުކާރުން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށާއި އެކަމަށް ހާއްސަ ގާނޫނެއް ހެދުމުގެ މަސައްކަތް އޭޖީ އޮފީހުން ކުރަމުން އަންނަ ކަމަށާއި މަޖިލީހުގެ މި ދައުރުގެ ތެރޭގައި އެ ބިލް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ނިމޭނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި އޭޖީ އުޝާމް ވިދާޅުވީ، މި ދައުރުގެ ތެރޭގައި މަޖިލީހަށް އެ ބިލް ދެން ހުށަނޭޅޭނެ ކަމަށާއި ނަމަވެސް މަޖިލީހުގެ ދެން އަންނަ ދައުރަކަށް އެ ބިލް ހުށަހެޅޭނެ ކަމަށެވެ.

"ދެ ވަނަ ދައުރު ޖޫން އެކެއްގައި ފެށޭނެ. އެހެންކަމުން އަޅުގަނޑުމެން އުންމީދު ކުރަނީ ދެވަނަ ދައުރުގެ ފެށި މާ ގިނަ ދުވަހެއް ނުވަނީސް އެ ބިލް ހުށަހެޅޭނެ ކަމަށް" އޭޖީ ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ، އެ ބިލް ޑްރާފްޓުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ދީނީ ގޮތުން އެ ބިލްގައި ހިމަނަން ޖެހޭ ކަންކަން ހިމެނުން ކަމަށެވެ.

އުޝާމް އިތުރަށް ވިދާޅުވީ، މަރުގެ ހުކުމް މި ސަރުކާރުން ތަންފީޒުކުރާނެ ކަމަށާއި އެއީ "ޗޮއިސް" އެއް ނޫން ކަމަށެވެ.