ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ހިއްސާގެ ބާޒާރަށް ނުކުންނަން މަސައްކަތް ފަށާފައިވާ ކަމަށް ވިޔަފާރީގެ ހަބަރުތައް ގެނެސްދޭ މަޝްހޫރު ނޫސް، ބްލޫމްބާގުން ރިޕޯޓްކޮށްފިއެވެ.
އެ ނޫހުން ރިޕޯޓްކުރި ގޮތުގައި ބީއެމްއެލްއިން އެ މަސައްކަތް ފެށީ މެދުއިރުމަތީގައި މިހާރުކުރިއަށްދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ މައި ސިނާއަތްކަމަށްވާ ޓޫރިޒަމަށް އޭގެ ގެއްލުން ލިބޭތީ އެކަމުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީ ހޯދުމަށެވެ.
ބީއެމްއެލްގެ ޑިރެކްޓަރް ފޯ ފައިނޭޝަލް ސްޓްރެޓެޖީ އެންޑް ޕްލޭނިން އަބްދުﷲ ހަސަންއާ ހަވާލާދީ އެ ނޫހުގައި ބުނީ، އޭޝިއާ އާއި މެދުއިރުމައްޗާއި ޔޫރަަޕްގެ ފަންޑް މެނޭޖަރުންނާ އެކު ބީއެމްއެލް އިން ބައްދަލުވުންތައް ބާއްވަމުން އަންނީ ސަރުކާރުން ދޭ ގެރެންޓީއާއެކު ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަކަށް ޝައުގުވެރިކަން ހުރި ގޮތެއް ބަލުމަށެވެ.
ސުކޫކު ވިއްކުމުގައި ބީއެމްއެލަށް އެހީތެރިކަން ފޯރުކޮށްދެނީ، ދުބާއީގައި މަރުކަޒުކޮށްފައިވާ މަޝްރިގް ބޭންކް ޕީއެސްސީ އިންނެވެ.
މެދުއިރުމަތީގެ ހަނގުރާމައާއެކު ގިނަ ބުކިންތަކެއް ކެންސަލްވެ، ދަތުރުފަތުރަށް ހުރި ގޮންޖެހުންތަކާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ މަދުވެފައެވެ. ބައެއް ރިސޯޓުތަކުން މުވައްޒަފުން ނޯ ފޭއަށް ފޮނުވާއިރު، ހަރަދު ކުޑަކުރުމުގެ އެހެން ފިޔަވަޅުތައްވެސް ވަނީ އަޅަން ފަށައިފައެވެ.
ބީއެމްއެލުން ބުނެފައިވާ ގޮތުގައޮ ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ ލޯނު ކުރިއަށްވުރެ ލުއި ގޮތަކަށް އެ ބޭންކުން މިހާރު އަންނަނީ ފޯރުކޮށްދެމުންނެވެ. އެއީ އެ ސިނާއަތަށް މި ދަނޑިވަޅުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމި ނިންމުމެއް ކަމުގައި އެ ބޭންކުން ބުނެފައިވެއެވެ.
އަލީ ޔާމިން
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް