ޓްރީ ޓޮޕް ހޮސްޕިޓަލުން މާލޭ މއ. ޗަމްޕާ ވިލާގައި ހިންގާ ޓީޓީއެޗް ކްލިނިކުގައި އިންޓާނަލް މެޑިސިން ނުވަތަ އެތެރެހަށީގެ ބަލިތަކުގެ ފަރުވާގެ ހިދުމަތް ތައާރަފުކޮށްފިއެވެ.

އެ ހޮސްޕިޓަލުން ނެރުނު ނޫސް ބަޔާނުގައިވާ ގޮތުން މި ހިދުމަތް ފެށުމަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް، އުނދަގޫ އަދި ދިގު މުއްދަތަކަށް ފަރުވާ ހޯދަންޖެހޭ ބަލިތަކަށް ބޭނުންވާ ހާއްސަ ފަރުވާ ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އެ ހޮސްޕިޓަލުން ބުނި ގޮތުގައި އިންޓާނަލް މެޑިސިންގެ ޑޮކްޓަރުންނަކީ ބޮޑެތި މީހުންނަށް ދިމާވާ ސިއްހީ މައްސަލަތައް ދެނެގަނެ، އެކަންކަމުން ރައްކާތެރިވުމަށާއި އެކަށީގެންވާ ފަރުވާ ދިނުމަށް ހާއްސަ ތަމްރީނު ލިބިފައިވާ މާހިރުންނެވެ.

ޓްރީ ޓޮޕުން ހާމަކުރި ގޮތުގައި މާލޭ ކްލިނިކުން މިހާރު ލިބެން ހުންނާނެ ހިދުމަތްތަކުގެ ތެރޭގައި ލޭމައްޗަށް ދިއުމާއި ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަކުރުމަށް ދެވޭ ފަރުވާ އާއި، ނޭވާހީއްލުމާއި ސީއޯޕީޑީ ފަދަ ނޭވާލާ ނިޒާމުގެ ބަލިތަކާއި، ގޮހޮރާއި ފުރަމޭގެ ބަލިތަކުގެ ފަރުވާ ހިމެނެއެވެ. މީގެ އިތުރުން ބޮޑެތި މީހުންނަށް ދިމާވާ އެކި ބަލިތަކަށް ފަރުވާ ދިނުމާއި، އިތުރު ލަފާ ނުވަތަ ދެވަނަ ރައުޔެއް ހޯދުމުގެ ހިދުމަތް ވެސް މި ކްލިނިކުން ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މި ކްލިނިކުގައި ހިދުމަތް ދެއްވާ ތަޖުރިބާކާރު ޑޮކްޓަރުންގެ ތެރޭގައި ކޮންސަލްޓަންޓް އިންޓާނަލް މެޑިސިންގެ ދެ ޑޮކްޓަރުން ކަމަށްވާ ޑރ. މަހްމޫދު އައްބާސް އާއި ޑރ. އަމިތު ނަރަޔާނާ ޕިއްލައި ހިމެނިވަޑައިގަންނަވައެވެ. އަދި ސްޕެޝަލިސްޓް އިންޓާނަލް މެޑިސިންގެ ޑރ. މުހައްމަދު އަސަދު އުރު ރަހްމާން ޚާން ވެސް ހިމެނިވަޑައިގަންނަވައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ކޮންމެ އާދީއްތަ އަދި ބުދަ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 1:00 އަށް އެ ޑޮކްޓަރުން ބަލިމީހުން ބައްލަވާނެ ކަމަށެވެ. އިތުރު މައުލޫމާތު ހޯދުމަށް 3351610 އަށް ގުޅައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް އެ ހޮސްޕިޓަލާ ގުޅޭނެ ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ގައުމީ ފެންވަރުގައި ކުރިއަށްގެންދާ ވެކްސިން ޖެހުމުގެ ޕްރޮގްރާމްތަކަށް އެއްބާރުލުންދީ، ބަލިތަކުން ރައްކާތެރިވެފައިވާ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ނުހަނު އިސްކަންދޭ ހޮސްޕިޓަލެކެވެ. މިފަދަ ތައުލީމީ ސެޝަންތަކުގެ ސަބަބުން ސިއްހީ ހިދުމަތްތެރިންގެ މައުލޫމާތު އާވެ، މުސްތަގުބަލުގެ ޖީލުތަކަށް ރައްކާތެރި މުޖުތަމައެއް ގާއިމުކުރުމަށް ކުރާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ދެކެއެވެ.