ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިމިގްރޭޝަނާ ދެމެދު އަލަށް ގާއިމުކުރި ޑިޖިޓަލް އިންޓަގްރޭޝަންގެ ތެރެއިން ކަސްޓަމަރުންގެ ދަތުރުފަތުރާ ގުޅޭ އެއްވެސް ޒާތީ މައުލޫމާތެއް ބޭންކަށް ނުލިބޭނެކަމަށް ބީއެމްއެލުން ބުނެފިއެވެ.

ބީއެމްއެލުން މިއަދު ބުނީ ކަސްޓަމަރުން ދަތުރުކުރާ ތަންތަނުގެ ތަފްސީލު ބޭންކާ ހިއްސާކުރާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

ބޭންކުން އެކަން ސާފުކޮށްދީފައި މިވަނީ، ރާއްޖޭގައި ހުންނަ މީހެއްގެ ބޭންކް ކާޑު ރާއްޖޭން ބޭރުގައި ބޭނުން ނުކުރެވޭ ގޮތަށް އޮންނަ އޮތުމަކީ އިމިގްރޭޝަނުން މައުލޫމާތު ހިއްސާކުރާތީ ވާގޮތެއް ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން ބޭންކަށް އަމާޒުވެފައިވާތީއެވެ.

ބީއެމްއެލުން ބުނީ އެ ނިޒާމަކީ ފުރިހަމައަށް އޮޓޮމޭޓް ކުރެވިފައިވާ، ކަސްޓަމަރުންގެ ސިއްރުތައް ހިފެހެއްޓޭ ގޮތަށް ފަރުމާކޮށްފައިވާ "އޮތޮރައިޒޭޝަން" މަރުހަލާއެއް ކަމަށެވެ. އެއީ ކާޑަކުން މުއާމަލާތެއް ކުރާއިރު އެ ކާޑުގެ ސައްހަކަން ބަލާލުމާ އެއްފަދަކަމެއްކަަމަށް ބީއެމްއެލުން ބުންޏެވެ.

."އެހެން އިދާރަތަކާ ހިލާފަށް ބޭންކް އޮފް މޯލްޑިވްސް އަށް ކަސްޓަމަރުންގެ ކާޑު ބޭނުންކުރުމާ ގުޅޭ ވަރަށް ގިނަ މައުލޫމާތުތައް އަބަދުވެސް ލިބޭ. މިގޮތުން މުއާމަލާތެއް ހިނގާ ވަގުތާއި އެ މުއާމަލާތެއް ހިނގި ތަނާއި ކަސްޓަމަރަކު ފައިސާ ހަރަދުކުރާ ގޮތާއި އާންމުކޮށް ވިޔަފާރިކުރާ ތަންތަނާއި ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކާޑުތައް ބޭނުންކުރާ ގޮތް އެނގޭނެ،" ބީއެމްއެލުން ބުންޏެވެ.

ނަމަވެސް، ޒިންމާދާރު ބޭންކެއްގެ ހައިސިއްޔަތުން އެ މައުލޫމާތުތައް ރައްކާތެރިކުރުމުގައި އެންމެ މަތީ ދަރަޖައިގެ ސަމާލުކަންދޭނެކަމުގެ ޔަގީންކަން ދޭކަމަށް ބީއެމްއެލުން ބުންޏެވެ.

ކަސްޓަމަރުންގެ ސިއްރުތައް ހިފެހެއްޓުމަކީ ހަމައެކަނި ކަނޑައެޅިފައިވާ އުސޫލެއް ނޫން ކަމަށާއި، އެއީ ބޭންކުގެ މަސައްކަތްތަކުގައި އެންމެ އިސްކަންދޭ އެއް އަސާސްކަމަށް ބީއެމްއެލްއިން ބުންޏެވެ.