މި އަހަރުގެ ފުރަތަމަ ކުއާޓާގައި 113.5 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވާ ކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއައިބީން އާންމުކުރި ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓާގައި ޓެކުހަށް ކެނޑުމަށް ފަހު އެ ބޭންކަށް 151.3 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވެއެވެ. ނަމަވެސް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ޓެހުކަށް ކެނޑުމަށް ފަހު ލިބިފައިވަނީ 125.5 މިލިއަން ރުފިޔާއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެ ބޭންކަށް އާމްދަނީގެ ގޮތުގައި 268.8 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ނަމަވެސް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 249.3 މިލިއަން ރުފިޔާއެވެ.

އެމްއައިބީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ބޭންކަށް ޑިޕޮސިޓްގެ ގޮތުގައި 15.40 ބިލިއަންް ރުފިޔާ ލިބިފައިވާއިރު، މިއީ، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ޑިޕޮސިޓްކުރި 13.64 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 12 ޕަސަންޓުގެ ކުރިއެރުމެކެވެ.

އެމްއައިބޫން ބުނީ އެ ބޭންކަށް ކަސްޓަމަރުން ފައިސާ ޑިޕޮސިޓްކުރާ މިންވަރު އިތުރުވެގެންދިޔުމަކީ ބޭންކަށް ކުރާ އިތުބާރާއި ޔަގީންކަން ބޮޑުވަމުންދާކަން ހާމަވާ ކަމެއް ކަމަށެވެ.