ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް، ސިއްހީ ދާއިރާގައިގެ ތަޖުރިބާކާރު އާމިނަތު ޝިރުނާ މިއަދު އައްޔަނުކޮށްފިއެވެ.
އެ މަގާމަށް ޝިރުނާ އައްޔަނުކޮށްފައި މިވަނީ، މި ސަރުކާރުގެ އެންސްޕާގެ ސީއީއޯގެ މަގާމުގައި ފުރަތަމަ ހުންނެވި ހީނާ ވަލީދު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިން، މިނިސްޓާ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖްގެ މަގާމަށް އައްޔަނުކުރެއްވުމާ ގުޅިގެންނެވެ.
ހީނާ ވަލީދު ވަޒީރުކަމުގެ ހުވާކުރެއްވީ މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހެވެ.
އެހެންކަމުން، އެ ދުވަހުން ފެށިގެން އެންސްޕާގެ އެންމެ އިސްވެރިޔާގެ މަގާމު އޮތީ ހުސްކޮށެވެ.
ޝިރުނީ އަކީ ކުރިން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ދަމަނަވެށީގެ އިތުރުން ބްލަޑް ބޭންކުގެ ކަންކަން ބެލެހެއްޓެވުމުގެ ޒިންމާއާ ހަވާލުވެވަޑައިގެން ހުންނެވި ފަރާތެވެ. އެންސްޕާގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޝިރުނާ ހުންނެވީ މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައެވެ.
ޝިރުނާއަކީ ނަރުހެއްގެ ގޮތުގައިވެސް 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވި ފަރާތެކެވެ. ތައުލީމީ ގޮތުން، ޝިރުނާ ވަނީ ހެލްތު ދާއިރާއިން ދެ މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ.
ފާތިމަތު ލިއުޝާ
އެންސްޕާ
އެންސްޕާ
އެންސްޕާ