ގަލްފް ކޯޕަރޭޝަން ކައުންސިލް، ޖީސީސީގެ ގައުމުތަކުގެ އެންމެމަތީ ވެރިންގެ ސަމިޓެއް މިދިޔަ ހަފުތާގެ އަންގާރަދުވަހު ސައޫދީއަރަބިޔާގެ ޖިއްދާގައި ވަނީ ބާއްވައިފައެވެ. މިއީ އިރާނާއި އެމެރިކާގެ މެދުގައި ކުރެވުނު ހަގުރާމައިގެ ވިލާތައް ގަލްފުގައި ފެތުރުނު ފަހުން ޖީސީސީގެ ސަމިޓެއް ބޭއްވުނު ފުރަތަމަ ފަހަރެވެ. މިއީ ސައޫދީއަރަބިޔާ އިސްވެ އޮވެގެން ބޭއްވި ކުއްލި ސަމިޓެކެވެ. ކޮންސަލްޓޭޓިވް ސަމިޓެކެވެ. ބޭނުމަކީ ހަގުރާމައިގެ ކަންކަމާމެދު މަޝްވަރާކޮށް އެންމެން އެއްގަލަކަށް އަރައި އެކަތިގަނޑެއްގެ ގޮތުގައި ތިބުމަށް މަގުފަހިކުރުމެވެ. ހޮރުމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށްޓަކައި އެންމެން އެއްވިސްނުމެއްގައި ތިބެގެން މަސައްކަތް ކުރުމެވެ. މި ސަމިޓްގައި ސައޫދީއަރަބިޔާ، ކުވޭތު، ގަތަރު އަދި ބަހުރައިން ތަމްސީލު ކުރެެއްވީ އެގައުމުތަކުގެ އެންމެއިސް ވެރިންނެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން ފޮނުވީ ޚާރިޖީވަޒީރެވެ. އޮމާނުން އެކަކުވެސް ނުފޮނުވައެވެ. ބައިކޯޓު ކުރީއެވެ.
ޖީސީސީ ސަމިޓްގައި ޔޫއޭއީގެ ރައީސް ބައިވެރިނުވެ ޚާރިޖީވަޒީރު ފޮނުވުމާއި އޮމާނުން މި ސަމިޓް ބައިކޯޓުކުރި ކުރުމުން ދޭހަވެގެން ދިޔައީ ޖީސީސީ ބައިބައިވެފައިވާ މިންވަރެވެ. އެއްގަލަކަށް އަރައިގެން އެއްވިސްނުމުގައި މަސައްކަތް ކުރުމަށް ނުކުޅެދިފައިވާ މިންވަރެވެ. ޔޫއޭއީ ބޭނުންވީ އެމެރިކާޔާއި އިޒްރޭލާ ގުޅިގެން ޖީސީސީގެ އެންމެހައި ގައުމުތަކުންވެސް އީރާނަށް ހަމަލަދިނުމަށެވެ. އެކަން އެހެންނުވީ ސައޫދީއަރަބިޔާއާއި ގަތަރުން ދެކޮޅު ހެދުމުންނެވެ. ގަލްފުގެ އެހެން ގައުމުތަކުގެ ބައިވެރިވުމެެއްނެތި އީރާނާ ކުރިމަތިލެވޭހައި ހަކަތަ ޔޫއޭއީގެ ކިބައިގައި ނެތީމާ އެމީހުންވެސް އެކަން ނުކުރީއެވެ. ޖީސީސީގެ ގައުމުތަކުން އީރާނަށް ރައްދުނުދީ ތިބިތިބުމަށް މި ސަމިޓްގެ ތެރޭގައިވެސް އަދި އޭގެކުރިންވެސް ޔޫއޭއީން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. ޔޫއޭއީގެ ނަޒަރުގައި ގަލްފުގެ އެހެން ގައުމުތައް މާބޮޑަށްވެސް ފިނޑިވެފައި ކަންނެތީއެވެ. ކޮންމެއަކަސް ޔޫއޭއީ ފެންނަނީ އީރާނު ބަލިކުރެވެންދެން ހަގުރާމަކުރަން ބޭނުންވާ ގައުމެއްގެ ގޮތުގައެވެ.
ޔޫއޭއީއަކީ ދޭތެރެ ދޭތެރެއިން ސައޫދީއަރަބިޔާއާވެސް މައްސަލަޖެހޭ ގައުމެކެވެ. އެގޮތަށް ޚިލާފު އުފެދިފައި އޮންނަ ދުވަސްވަރެއްގައި ބާއްވާ ސަމިޓެއްނަމަ އެ ސަމިޓުގައި އެންމެ އިސްވެރިޔާ ބައިވެރިނުވެ ޚާރިޖީވަޒީރު ފޮނުވުމަކީ ޔޫއޭއީން އާއްމުގޮތެއްގައި ކުރާކަމެކެވެ. ޔޫއޭއީ މިހާރު އެއޮތީ އީރާނަށް އަސްކަރީ ރައްދެއް ނުދިން މައްސަލައިގައި ގަލްފުގެ ގައުމުތަކާމެދު ނުރުހިފައެވެ. ހިތްހަމަނުޖެހިފައެވެ. އެހެންވީމާ ޖިއްދާ ސަމިޓުގައި ޔޫއޭއީގެ ރައީސް ބައިވެރިނުވީއެވެ. އެކަމުގައި މާބޮޑު ހައިރާންކަމެއް ނެތެވެ. އެކަމަކު އޮމާނު ބައިވެރިނުވުމަކީ ވަރަށްބޮޑު ހައިރާން ކަމެކެވެ. ސަމިޓުގައި އޮމާން ބައިވެރިނުވީ ކީއްވެގެންކަމާމެދު އޮމާނަކުން އެއްޗެއް ނުބުނެއެވެ. އެކަމަކު ގަބޫލު ކުރެވެނީ މިކަމާ އީރާނާ ގުޅުމެއް އެބައޮތް ކަމުގައެވެ. އީރާނުގެ ޚާރިޖީވަޒީރު އައްބާސް އަރާގްޗީވަނީ މިހަފުތާގައި އޮމާނުގެ ވެރިރަށް މަސްކަތަށް ޒިޔާރަތެއް ކުރައްވައިފައެވެ. ކީއްވެގެން ކޮންކަމަކާމެދު ކުރެެއްވި ޒިޔާރަތެެއް ބާވައެވެ.
ހޮރުމުޒް ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކުން ޗަންދާއެއް ނަގައި އެއިން ބައެއް އޮމާނަށް ދިނުމާމެދު އޭނާ ވަނީ އޮމާނުގެ ވެރިންނާ މަޝްވަރާ ކުރައްވައިފައެވެ. އޮމާނަކީ ހަގުރާމަ ދާއިމީގޮތަކަށް ހުއްޓައިލުމަށް ސުލްހަނާމާއެއް ފައިދާކުރެވޭތޯ މެދުވެރިއެއްގެ ދައުރުވެސް އަދާކުރަމުންދާ ގައުމެކެވެ. މިކަންކަމަކީ ގަލްފުގެ އެހެން ގައުމުތަކުން ރުހޭ ކަމެއް ނޫނެވެ. އެހެންވީމާ ފަހަރުގައި މިސަމިޓަށް ސައޫދީއަރަބިޔާއިން އޮމާނަށް ދައުވަތު ނުދިނީކަމަށް ވެދާނެއެވެ. ދައުވަތު ލިބުނަސް އެހެންގައުމުތަކުގެ ފުރައްސާރަޔާ ކުރިމަތިލާން ބޭނުންނުވީމާ ސަމިޓުގައި ބައިވެރިނުވާން އަމިއްލަޔަށް ނިންމީ ކަމަށްވެސް ވެދާނެއެވެ. ކޮންމެގޮތެއްވިޔަސް އޮމާނަކީ ޔޫއޭއީއާ ވަރަށް ތަފާތު ގައުމެކެވެ. ވަކިއަތަކަށް ނުޖެހި ސަރަހައްދީ މަސްލަހަތަށް ރިއާޔަތްކުރުން ބޮޑު ގައުމެކެވެ. ޔޫއޭއީއަކީ ކަނދުރާއަކަށް މޫނަކަށް ނުބަލައި ނިންމުންތައް ނިންމާ ގައުމެކެވެ. އެހެންވީމާ ދެ ގައުމުގެ ސިޔާސަތުން އެފަރަގު ވަރަށް ބޮޑަށް ފެންނާނެއެވެ. ފެނެއެވެ.
ގަލްފުގެ އެހެން ގައުމުތަކާއި އީރާނާމެދު ހިތްހަމަނުޖެހުން އޮތްވަރު ދެއްކުމަށް ޔޫއޭއީން ވަނީ މިހަފުތާގައި ވަރަށް އާދަޔާޚިލާފު އެހެން ކަމެއްވެސް ކޮށްފައެވެ. އެކަމަކީ އޯޕެކުން ވަކިވުމެވެ. އޯޕެކަކީ ތެޔޮއުފައްދައި އެކްސްޕޯޓްކުރާ ގައުމުތައް ހިމެނޭ ޖަމިއްޔާއެވެ. މި ޖަމިއްޔާގައި ޔޫއޭއީ ހިމެނޭގޮތުން ބާރަ މެންބަރުން ތިބެއެވެ. ޔޫއޭއީން ވަނީ ކުރިއަށްއޮތް މެއިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އޯޕެކުން ވަކިވާނެކަން އަންގައި އިއުލާނުކޮށްފައެވެ. އޯޕެކުގައި ތިބެގެން އެހެން ގައުމުތަކުގެ މަސްލަހަތު ހިމާޔަތްކޮށްދޭން ތިމަންނާމެން ވަރަށް ބޮޑެތި ގުރުބާނީތަކެއް ވެއްޖައީމޭ، އެކަމަކު އެހެން ގައުމުތަކުން އެވަރު ނުދަނެޔޭ، ބަލައެއްނުގަނެޔޭ ބުނެފައެވެ. ކޮންމެއަކަސް މި ބުނުމުން ދޭހަވަނީ މިއީ ބަދަލުހިފުމުގެ ގޮތުން ކުރިކަމެއް ކަމެވެ. ކޮންބައެއްގެ ކިބައިން ބާވައެވެ. އީރާނު ކަމަށް ވެދާނެއެވެ. އީރާނަކީ އޯޕެކްގެ މުއައްސިސެކެވެ. އޯޕެކް ވުޖޫދުކުރުމަށް އިސްވި ފަސް ގައުމުގެ ތެރެއިން ގައުމެކެވެ.
ހަގުރާމައިގެ ތެރޭގައި އީރާނުންވަނީ ޖީސީސީގެ ހަމަ ހުރިހާ ގައުމަކަށްވެސް ހަމަލާތަކެއް ދީފައެވެ. އެއްވެސް ގައުމެއް އިސްތިސްނާ ކުރުމެއް ނެތިއެވެ. އެތަންތަނުގައި އެމެރިކާ ސިފައިން ގާއިމުކޮށްފައިވާ މަރުކަޒުތަކަށެވެ. އެމެރިކާގެ މަސްލަހަތު އޮންނަ ތަންތަނަށެވެ. އޭގެތެރޭގައި ހަކަތައިގެ މަރުކަޒުތައްވެސް ހިމެނެއެވެ. އެތަންތަނަށް ހަމަލަދީފައިވަނީ އެމެރިކާއިން އީރާނުގެ ހަކަތައިގެ މަރުކަޒުތަކަށް ހަމަލަދިނުމުން އެކަމުގެ ރައްދުގައެވެ. އެމެރިކާއިން އީރާނަށް ދޭ ހަމަލަތައް ފޮނުވައިލުމުގައި މިދެންނެވި ގައުމުތަކުގެ އެއްގަމާއި ވަޔާއި ކަނޑުގެ ސަރަހައްދު ބޭނުންކުރާތީއެވެ. އެމެރިކާޔާއި އީރާނުގެ ހަގުރާމަޔަށް ވަގުތީ މެދުކެނޑުމެއް ގެނައުމުގެ އެއްބަސްވުމަށް އެޕްރީލް އަށެއްގައި އަމަލްކުރަން ފެށިފަހުން ގަލްފުގެ ގައުމުތަކަށް އަމާޒުވާ ހަމަލާތަކަށްވެސް ނިމުމެއް ވަނީ އަައިސްފައެވެ. އެކަމަކު އަލުން ހަގުރާމަ ފެށިދާނޭ ކަމުގެ ބިރު އަދިވެސް ފިލައިނުދެއެވެ. އެމެރިކާޔާއި އީރާނުގެ މެދުގައި ދާއިމީ އެއްބަސްވުމެއް ގާއިމު ނުކުރެވޭތީއެވެ. މަޝްވަރާތަކުން ނަތީޖާއެއް ނުނެރެވޭތީއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ