ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ގެންގުޅޭ ނިޒާމުތައް ހަރުދަނާކޮށް، އެކަން ހަމަހަމަކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

ބީއެމްއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު ޝަރީފު ވަނީ އެ ކަންކަން ކުރިއަށްގެންދާނެ ގޮތް ތަފްސީލުކޮށް ހިއްސާކުރައްވައިފައެވެ.

ބީއެމްއެލުން ހުރިހާ ރައްޔިތުންނަށް ހަމަހަމަވާގޮތަށް ކަންކަން ކުރުމަށް ނިންމާފައިވާ ނިންމުންތައް:

  • ބީއެމްއެލް އާއި އިމިގްރޭޝަނާއެކު ގާއިމުކުރެވުނު ޑިޖިޓަލް އިންޓަގްރޭޝަނާއެކު، ރާއްޖެއިން ބޭރުގައި ޕީއޯއެސް އަދި އޭޓީއެމްތަކުގައި ބޭނުންކުރެވޭ ފޮރިން ސްޕެންޑް ލިމިޓް، ހަމައެކަނި ރާއްޖެއިން ބޭރުގައި ތިއްބަވާ އިރު އެކްޓިވްވާ ގޮތަށް ހަމަޖެއްސުން. މިހެންކަމުން ރާއްޖޭގައި ތިއްބަވާ ބޭފުޅުންގެ ކާޑު (ކާޑުގެ ވެރިފަރާތާ ނުލައި) ރާއްޖެއިން ބޭރަށް ގެންގޮސްގެން ބޭނުން ނުކުރެވޭގޮތް ހަމަޖެހިގެންދާނެ.

  • ރާއްޖެއިން ބޭރުގައި އަމިއްލަ ކާޑެއް ނެތް ކިޔަވާ ކުއްޖަކަށް ބެލެނިވެރިޔާގެ ކާޑު ބޭނުންކުރަން ދީފައިވާ ނަމަ، އެކުއްޖަކަށް ސްޓޫޑެންޓް ކާޑު، ކިޔަވާ ކުދިންނަށް ދެވިފައިވާ ހާއްސަ ލިމިޓާއެކު ދޫކުރުން. މި ކާޑު ދޫކުރެވެންދެން ބެލެނިވެރިޔާގެ ކާޑު ބޭނުން ކުރެވޭނެ. ސްޓޭޑެންޓް ކާޑު ދޫކުރުމަށް ތިން މަސްދުވަހުގެ މުއްދަތެއް ދެވޭނެ.

  • ވިޔަފާރީގެ ބޭނުމަށް ބައެއް ފަރާތްތަކުން ވަރަށް ގިނަ އަދަދަކަށް، އަމިއްލަ ބޭނުމަށް ދޫކުރެވިފައިވާ ރުފިޔާ ކާޑުތަކުން ބައެއް އޮންލައިން ވިޔަފާރި ސައިޓްތަކުން މުދާ ގަންނަން ބޭނުންކުރޭ. އެހެންކަމުން ބޭންކުން ވަރަށް ގިނަ އަދަދަކަށް ބޭރު ފައިސާ މިކަމަށް ވިއްކެނީ ނިސްބަތުން މަދު ފަރާތްތަކަށް. ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާ ގިނަ ރައްޔިތުންގެ ބޭނުންތަކަށް ވިއްކުމުގެ ބޭނުމުގައި، ކުރިން މި ދެންނެވި ފަދަ މަދު ސައިޓްތަކުން ވިޔަފާރި ކުރުމަށް ޖުމްލަ ބޭންކުން ވިއްކޭ އަދަދު ކޮންމެ ދުވަހަކަށް ކަޑައެޅޭ ބަޖެޓެއްގެ ތެރެއިން ވިއްކުން. އެހެނިހެން ބޭނުންތަކަށް ބޭނުންކުރެވޭ ސައިޓްތަކަށް މިވަގުތު ބަދަލު ނުގެނެސް މިހާރުވެސް ބޭނުން ކުރެވޭވަރުގައި ބެހެއްޓުން.

  • އީކޮމާސްގައި މަހަކު 30 ޓްރާންސެކްޝަނަށްވުރެ ގިނައިން ބޭނުންކުރަނީ ކަސްޓަމަރުންގެ ތިނެއް އިންސައްތައަށް ވުރެ މަދު އަދަދެއް. މިއީ ކުރިން ވެސް މުދާ ގަންނަ ސައިޓްތަކުގައި ބޭނުންކުރާ ފަރާތްތައް. އެހެންކަމުން އީކޮމާސްއަށް ކަނޑައެޅޭ ބަޖެޓް ވީހާވެސް ހަމަހަމަ ގޮތަކަށް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށް، ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ އަދަދު 30 އަށް ކަނޑައެޅުން.

  • ޑޮލަރު އެކައުންޓްތަކަށް ދޫކުރެވިފައިވާ ކާޑުތަކުން ވަކިން ކަނޑައެޅޭ ފޮރިން ސްޕެންޑް ލިމިޓަކާ ނުލައި ބޭނުންކުރެވޭނެ.

  • ގިނަ ކްރެޑިޓް ކާޑުތައް ގެންގުޅޭ ފަރާތްތަކަށް ހުރިހާ ކާޑުތަކުން ވެސް ބޭނުން ކުރެވެނީ އެ ކަސްޓަމަރަށް މަހަކަށް ކަނޑައެޅިފައިވާ ޖުމްލަ ލިމިޓެއް ކަމަށްވާތީވެ، އެއް ކްރެޑިޓް ކާޑަށްވުރެ ގިނަ ކާޑު ގެންގުޅުއްވާ ފަރާތްތަކަށް ހަމައެކަނި އެއް ކާޑަށް އަހަރީ ފީ ނެގުން. އިތުރު ކާޑުތަކަށް އަހަރީ ފީ ނުނަގާގޮތަށް ހަމަޖެއްސުން.

  • ޓީޓީތަކަށް ބޭރު ފައިސާ ވިއްކުން ބޭންކް ހުޅުވިފައި ހުންނަ ގަޑިއަށް ހަމަޖެއްސުން. ބޭރު ފައިސާ އެ ޓީޓީއަކަށް ހަމަޔަށް ހުރެގެން ފޮނުވާ ޓީޓީތައް ބަންދު ދުވަސްތައް ވެސް ހިމަނައިގެން ހުރިހާ ގަޑިއެއްގައި ފޮނުވޭނެ.

  • ޓީޓީތައް ސްޕްލިޓްކޮށްގެން ފޮނުވާ ފަރާތްތައް ފާހަގަކޮށް، އެ ފަރާތްތަކަށް ކަޑައެޅިފައިވާ ލިމިޓްގެ ތެރެއިން ބޭރު ފައިސާ ވިއްކުން.

ޝަރީފް ވިދާޅުވީ ބީއެމްއެލްގެ ދެބައިކުޅަ އެއްބައި ޑިޕޮސިޓަކީ ޑޮލަރުން ހުންނަ ޑިޕޮސިޓް ކަމަށެވެ.

"ޑިޕޮސިޓް ބޮޑަށް މި ހުންނަނީ ލައިބިލިޓީ ސައިޑުގައި. އަނެއް ސައިޑުގައި ބޮޑަށް މި ހުންނަނީ އެސެޓްސް ސައިޑުގައި ލޯނުތައް. އެހެންވީމަ ބީއެމްއެލުން ދޫކޮށްފައިވާ ލޯނުތައް ދެބައިކޮށްފައި އެއްބައި މި ހުންނަނީ ޑޮލަރުން ދޫކުރެވިފައި. ދެން މި ހުންނަނީ ނޮސްޓްރޯގައި، ކަރެސްޕޮންޑަންޓް ބޭންކުތަކުގައި އަޅުގަނޑުމެން ބަހައްޓާފައި ހުންނަ ފައިސާ. އެއީ ރާއްޖެއިން ބޭރަށް އަޅުުގަނޑުމެން ބޭރު ފައިސާގެ އަދަދަށް ބޭނުންކުރުމަށް،" ޝަރީފް ވިދާޅުވިއެވެ.

އެއީ ރާއްޖެއިން ބޭރަށް ފައިސާގެ މުއާމަތާތްތައް، ބޭރު ފައިސާގެ މުއާމަލާތްތައް ކުރުމަށް ބޭނުންވާ އަދަދަށް ބެހެއްޓޭ ފައިސާއާއި އަދި ޑޮލަރުން ނަގުދު ފައިސާ ކަމަށާއި ޑޮލަރު އޭޓީއެމްތަކަށާއި އެހެނިހެން ބޭނުންތަކަށް އެ ފައިސާ ބޭނުންކުރާ ކަމަށް ޝަރީފް ވިދާޅުވިއެވެ.