މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު 30 ޕަސެންޓަށްވުރެ އިތުރުވެއްޖެއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން އާންމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބު ރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މުދަލު ޒަކާތުގެ ގޮތުގައި ޖުމުލަ 45,329,118.85 (45.3 މިލިއަން) ރުފިޔާ ލިބިފައިވެއެވެ.
މިއީ ފާއިތިވު އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 34,854,157.67 (34.8 މިލިއަން) ރުފިޔާއާ އަޅައިބަލާއިރު 30.1 އިންސައްތައިގެ ކުރިއެރުމެކެވެ.
ވޭތުވެދިޔަ ތިން އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މުދަލު ޒަކާތުގެ ގޮތުގައި ލިބޭ މިންވަރު ދަނީ އެއްވަރެއްގައި އިތުރުވަމުން ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ. އެގޮތުން 2024 ވަނަ އަހަރު 23.56 މިލިއަން ރުފިޔާ ލިބިފައި ވާއިރު، މިދިޔަ އަހަރު އެ އަދަދު ވަނީ 34.85 މިލިއަން ރުފިޔާއަށް އަރައިފައެވެ.
މި ކުއާޓަރުގެ ތިން މަހަށް ވަކިން ބަލައިލާ އިރު، ކޮންމެ މަހަކު ވެސް މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު ދަނީ އިތުރުވަމުން ކަމަށްވެސް ޒަކާތުހައުސްއިން ބުނެއެވެ. އެގޮތުން އެންމެ ގިނައިން ޒަކާތް ލިބިފައިވަނީ މާޗް މަހުގައެވެ.
ޒަކާތު ހައުސްއިން އާންމުކުރި ރިޕޯޓުގައި، އިޖުތިމާއީ އަދި ދީނީ ކަންކަމަށް ޒަކާތު ފަންޑުން ފައިސާ ހޭދަކުރެވުނު ގޮތުގެ ތަފްސީލު ވެސް ވަނީ ހިމަނައިފައެވެ.
އެގޮތުން ބޭސްފަރުވާގެ އެހީއާއި، އަސާސީ ބޭނުންތަކާއި، ރަމަޟާން މަހުގެ އެހީއާއި، ގުރްއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްތަކާއި، ތައުލީމީ އެހީގެ އިތުރުން އިޖުތިމާއީ ތަރައްގީގެ މަޝްރޫއުތަކަށް ޖުމުލަ 13,379,720.58 (13.3 މިލިއަން) ރުފިޔާ ހޭދަކޮށްފައިވެއެވެ.
އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައިވާ ފަރާތްތަކަށެވެ. އެއީ ގާތްގަނޑަކަށް 6.69 މިލިއަން ރުފިޔާއެވެ. ފީސަބީލިﷲ ބަޔަށް 5.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، ޒަކާތު އާމިލުންނަށް 815,000 ރުފިޔާ، އަދި އިބްނުއްސަބީލް ބަޔަށް 363,000 ރުފިޔާ ހޭދަކޮށްފައިވެއެވެ.
ޒަކާތުގެ ފައިސާ ދެމެހެއްޓެނިވި ގޮތެއްގައި އިތުރުކުރުމަށްޓަކައި، ޖުމުލަ 41,078,781.90 (41 މިލިއަން) ރުފިޔާ އިންވެސްޓުކޮށްފައިވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ "ދާރުއްސަލާމް" އާއި "ދާރުލްއަރުގަމް" ވަގުފު އިމާރާތްތައް ތަރައްގީކުރުމުގެ މަޝްރޫއުތަކެވެ.
މުދަލު ޒަކާތުގެ އާމްދަނީއަށް ލިބުނު މި ބޮޑު ކުރިއެރުމަކީ އާންމުންގެ ހޭލުންތެރިކަމާއި ދީނީ ވާޖިބު އަދާކުރުމަށް އޮތް ޝައުގުވެރިކަން ހާމަކޮށްދޭ ކަމެއް ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ. އަދި މިއީ ރާއްޖޭގެ އިޖުތިމާއީ ދުޅަހެޔޮކަމާއި މުޖުތަމައު ތަރައްގީކުރުމުގައި ޒަކާތުގެ މުހިންމު ދައުރު އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށްވެސް ޒަކާތު ހައުސްއިން ބުންޏެވެ.
ފާތިމަތު ލިއުޝާ
ޒަކާތު ފަންޑު
ޒަކާތު ފަންޑު
ޒަކާތު ފަންޑު
ޒަކާތު ފަންޑު