އޮފީހުގެ ފުރަތަމަ ދުވަހަށްވުމުން، ޒަރާރް ބޭނުންވީ ހުރިހާ ޑިޕާޓްމެންޓެއްގެ އިސްވެރިންނާ ބައްދަލުކުރާށެވެ. މީޓިންގްއެއް ބޭއްވުމުގް ބަދަލުގައި ކޮންމެ ޑިޕާޓްމެންޓަކަށް ވަކިވަކިން ދިޔައީ، އެޑިޕާޓްމެންޓެއްގައި މަސައްކަތްކުރާ މުވައްޒަފުންނާއި ބައްދަލުކޮށްލައި އަމިއްލަ ތަޢާރަފެއް ދިނުމަށެވެ. އަލީގެ އިރުޝާދުގެ ދަށުން ޒަރާރް ބޭނުންވީ ކިތަންމެ މަތީ މަޤާމެއްގައި ހުރިކަމުގައި ވިޔަސް، އެއްވެސް ހުރަހަކާއި ނުލައި އޭނަގެ ގާތަށް އާދެވޭނެކަން ސާބިތުކޮށްދޭށެވެ. އޭނައަކީ ބޮޑާ އަދި ކިބުރުވެރި މީހެއްގެ ގޮތުގައި މުވައްޒަފުން ދެކޭކަށް ޒަރާރް ބޭނުމެއް ނުވިއެވެ.

ޑިޕާޓްމެންޓްތަކަށް ގޮސް، މަސައްކަތުގެ މާހައުލުގެ ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު، އޭނަގެ އޮފީސް ހުންނަ ބަޔަށް ދިއުމަށް ޒަރާރް ލިފްޓަށް އެރިއެވެ. އޮފީސް ހުންނަނީ ފަސްވަނަ ފަންގިފިލާގައެވެ. ލިފްޓް މައްޗަށް ދާން ފެށުމުން، ލިފްޓުގެ ފާރަށް ލެނގިލެވުނެވެ. ލިފްޓްގެ ސްކްރީނަށް ބަލަން ހުރިކަމުގައި ވިޔަސް، އޭނަގެ ޚިޔާލުތަކުގައި ވަނީ މުޅިން އެހެން ކަމެކެވެ.

ޒަރާރްގެ އޮފީސް ހުންނަނީ މަސްރޫރާ އެއް ފަންގިފިލާއެއްގައެވެ. ޖެހިގެންނެވެ. އެއީ ކުންފުނީގެ އެންމެ އިސްވެރިންނަށް ހާއްސަކުރެވިފައި ހުންނަ ފަންގިފިލާއެވެ. އެހެންކަމުން ދެބަފައިން އެކަކުއަނެކަކާ ދިމާ ނުވާނެ ގޮތެއް ނެތެވެ. ފިލައިގެން އުޅެވޭކަށް ވެސް ނެތެވެ. އޭރުން އޮފީސް ތެރޭގައި ވާހަކަދެކެވެން ފަށާފާނެއެވެ. ކާފަގެ ކަންފަތާ ހަމައަށް ގޮސްފިނަމަ މަސްރަހު އިތުރަށް ގޯސްވުން ނޫންކަމެއް ނުވާނެއެވެ. ޢާއިލާ ތެރޭގައި ޒުވާބެއް ހިނގުމުގެ ޖާގަ ދެވޭކަށް ނެތެވެ. މާމަގެ ހާސްކަމަށް ނިމުމެއް ގެނައުމުގައި އޭނަ ނާކާމިޔާބުވެދާނެތީ ޒަރާރްއަށް ވިސްނެނީ އެކަމާއެވެ. އޭނައަށް ކާމިޔާބު ލިބިދާނެ ހެއްޔެވެ؟ ބައްޕަގެ ފަރާތުން އޭނަ އެދޭ ފަދަ ޖަވާބެއް ލިބޭނެ ހެއްޔެވެ؟ ރުހުމާއެކު އޭނައަށް ބަލައިލާނެ ހެއްޔެވެ؟

ޒަރާރްއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. ބޮނޑުވާ އިނގިލި ނިއްކުރީގައި ހިންގާލެވުނީ ފަނޑު ރިހުމެއް ބޮލުގައި އުފެދެން ފެށީމައެވެ. އެވަގުތު ޒަރާރްގެ ހަނދާނަށް އައީ މީގެ ދުވަސްތަކެއް ކުރިން ޕާޓިއޯގައި އިންދާ ބައްޕަ އެތަނަށް އައި ދުވަހުގެ މަންޒަރުތަކެވެ. އެދުވަހުގެ މަންޒަރުތައް ސިކުނޑީގައި ތަކުރާރު ކުރެވުނު އަދަދެއް ނޭނގެއެވެ. އެބައްދަލުވުމުގެ ފަހަތުގައިވާ ސަބަބު ދޭހަކުރަން އުނދަގޫވެފައިވާތީއެވެ. އެދުވަހު ބައްޕަގެ މޫނުން ފެނުނު ޝުއޫރުތަކުގެ މާނަ ނަގަން އޭނަގެ ސިކުނޑިވަނީ ނުކުޅެދިފައެވެ. މަންމައާ މެދު ކަންތައް ކުރެވުނު ގޮތުން ބައްޕަ ލަދުގަނެ ދެރަވެފައި ހުންނަހެން ޒަރާރްއަށް ހީވާތާ ދުވަސްކޮޅެކެވެ. އޭނައާއި ވާހަކަދައްކަން ބައްޕަ ފަސްޖެހެނީ އެކަމުގެ ސަބަބުން ހެއްޔެވެ؟ ހިތުގައި ފުނިޖެހެމުންދާ ސުވާލުތަކުގެ ޖަވާބު ހޯދަން އޭނަގެ ޒަމީރު ބާރުއެޅިއެވެ. ހައްލެއް ލިބޭނީ އިސްނަގައިގެންނެވެ. އެހެން ނޫންނަމަ އެއްތަނެއްގައި ތާށިވެފައި ހުރުން ނޫންކަމެއް ނުވާނެއެވެ. ލިފްޓް ހުޅުވުނީ އެޚިޔާލުތަކުގައި ވަނިކޮށެވެ.

ޒަރާރް ލިފްޓުން ނިކުތެވެ. ލިފްޓުން ނިކުމެވެނީ ފުޅާ ސަރައްކާލިއަކަށެވެ. ޒަރާރް ފެނުމާއެކު، ލިފްޓްގެ ކުރިމައްޗަށް ވާހެން ހުރި މުށިކުލައިގެ ދިގު މޭޒު ދޮށުގައި އިން ސެކްރެޓަރީ އިހްތިރާމް އަދާކުރުމުގެ ގޮތުން ތެދުވިއެވެ.

''ސާރގެ އެދުމުގެ މަތިން ޖޮބް ނޯޓިސް ޕަބްލިޝްކޮށްލާފަ އިންނާނީ...'' ޒަރާރްއާއި ނަޒަރު ބައްދަލުވުމުން ޔުމްނާ ބުންޏެވެ. އޭނައަކީ މަސްރޫރްގެ ސެކްރެޓަރީއެވެ. ވަގުތީ ގޮތުން ޒަރާރްގެ ސެކްރެޓެރީއަކަށް ވެސް ހުރީ އޭނައެވެ. އެމަޤާމަށް މީހަކު ނެގެންދެކަށެވެ.

''ޒަރާރް...'' ޒަރާރް ލުއި ހިނިތުންވުންވުމަކާއެކު ޔުމްނާއަށް ހަނދާންކޮށްދިނެވެ. އޭނަ އޮފީހަށް އައުމާއެކު އެންމެ ފުރަތަމަ ވެސް ބައްދަލުކުރީ ޔުމްނާ އެވެ. މަސައްކަތަށް ޔުމްނާ ބަހައްޓާ ސަމާލުކަން އެކުގައި ހޭދަކުރެވުނު މަދު ވަގުތުކޮޅުގެ ތެރޭގައި ޒަރާރްއަށް އޮތީ ފާހަގަ ވެފައެވެ.

''ކޮފީއެއް ބޭނުންތޯ؟...'' ކެބިންއާއި ދިމާއަށް ޒަރާރް ހިނގައިގަމުތުން ޔުމްނާ ސުވާލުކޮށްލިއެވެ. އެއާއެކު ނޫނެކޭ ބުނުމުގެ ގޮތުން ޒަރާރް ބޯ ހޫރާލިއެވެ. ފަޓުލޫނުގެ ޖީބަށް އަތް ޖަހާލަމުން ޒަރާރް ހުއްޓުނީ އޭނަގެ ކެބިންއަށް ވަދެވެން ހުރި ދޮރު ކުރިމައްޗަށެވެ. ދޮރު ހުޅުވުމުގެ ކުރިން ސަރައްކާލީގެ އެންމެ ފަހަތަށް ވާހެން ހުރި ފުސް ބިއްލޫރީގެ ބޮޑު ދޮރަށް ޒަރާރް ބަލައިލިއެވެ. އެވަގުތު ސިކުނޑީގައި ދައުރުވީ ކުރީގެ ޚިޔާލުތަކެވެ. އެއް އޮފީހެއްގައި، އެއް ފަންގިފިލާއެއްގައި މަސައްކަތްކުރާއިރު ބައްޕައާއި ދުރުދުރުން އުޅެވޭކަށް ނެތެވެ. މަޤާމުގެ ގޮތުން އެއީ މުސްތަހީލުކަމަކަށް ވާނެއެވެ.

''މީޓިންގްއެއްގަ މިވަގުތު އުޅުއްވަނީ... ނުވަގަޑި ބަޔަށް މީޓިންގް ނިމޭނެ...'' ޒަރާރް ސިހުނީ ޔުމްނާގެ އަޑަށެވެ. ފަސްއެނބުރި ޔުމްނާއަށް ބެލުމުގެ ބަދަލުގައި ޒަރާރްގެ ނަޒަރު ހުއްޓުނީ އަތުކުރީ އޮތް ގަޑިއަށެވެ. ފަނަރަވަރަކަށް މިނެޓް އޮތުމުން، ޔުމްނާއަށް ޝުކުރު އަދާކުރަމުން ޒަރާރް ވަނީ އޭނަގެ ކެބިން އަށެވެ. އެއީ ޖާގައިގެ ގޮތުން ތަނަވަސް ކެބިންއެކެވެ. ބްލެކްވުޑްގެ ބޮޑު މޭޒެއް ކެބިންގެ މެދަށް ވާހެން ބަހައްޓާފައި ހުރިއިރު މޭޒު ފަހަތުގައި ވަނީ ބިއްލޫރިން ފަރުމާކުރެވިފައިވާ ފާރެކެވެ. ބްލައިންޑްތައް ކަހާލާފައިވުމުން މާލޭގެ މަލަމަތި ފެނެއެވެ. ވިއްސާރަ ވިލާތަކުން ބައްދާލާފައި އޮތް އުދަރެސް އޮތީ ހާމައަށެވެ. ކެބިންގެ އަރިމަތީގައި ގަދަ މުށިކުލައަށް ދާ ސޯފާއެކެވެ. ސޯފާ ކުރިމަތީ ކަޅާއި ހުދުގެ މާބްލްސް މޭޒެކެވެ. ފާރުތަކުގައި ލާފައިވަނީ ކަޅާއި ހުދުކުލައެވެ. އަގުބޮޑެތި ކުރެހުންތައް ވެސް ފާރުގައި ހަރުކޮށްފައި ހުއްޓެވެ. ކެބިންއަށް ދިރުން ގެނެސްދިނުމަށްޓަކައި ގަސްތަކެއް ބަހައްޓާފައިވިއެވެ.

ކަޅުކުލައިގެ ލެދާރ ގޮނޑީގައި ޒަރާރް އިށީނެވެ. ގޮނޑިއަށް ހަށިގަނޑު ދޫކޮށްލަމުން ސީލިންގަށް ނަޒަރު ހުއްޓާލެވުނެވެ. މީޓިންގް ނިމުނުހާ އަވަހަކަށް ބައްޕައާއި ބައްދަލުކުރަން ޒަރާރް އަޒުމުކަނޑައެޅިއެވެ. އެކަނިވުމުން ތަފާތު އެކި ދިމަދިމާއަށް ފިކުރުތަކުގެ މިސްރާބުދާން ފެށިއެވެ. އެގޮތުގެ މަތީން ފާއިތުވީ ކިހާ އިރެއްކަމެއް ނޭނގެއެވެ. ކެބިންގެ ދޮރުގައި ޓަކިދިން އަޑު ޒަރާރްއަށް އިވުނެވެ. އެއާއެކު އޭނައަށް ބަލައިލެވުނެވެ. އެއްޗެއް ނުބުނެވެނީސް ކެބިންގެ ދޮރު ހުޅުވާލާފައި ވަނީ ބައްޕަ އެވެ.

ޒަރާރް އަވަސްއަވަހަށް ގޮނޑިން ތެދުވިއެވެ. ބައްޕަ ފެނުމުން އޭނަގެ މެޔަށް ފިނިވެލިއެވެ. ބުނާނެ އެއްޗެއް ނޭނގި ބަލަން ހުރެވުނެވެ. ހަމަ ބުއްދި ލިބުމާއެކު، އަވަސްއަވަހަށް ސޯފާއަށް އިޝާރާތްކޮށްލެވުނެވެ.

''ފުރަތަމަ ދުވަސް ކިހިނެއްވަނީ؟...'' ސޯފާގައި އިށީންނަމުން މަސްރޫރު ސުވާލުކޮށްލިއެވެ. ސޯފާ ކައިރިއަށް ހުއްޓުނު ޒަރާރްއަށް ހުރެވުނީ ފެންނަމުންދާ މަންޒަރުތައް ޤަބޫލުކުރަން އުނދަގޫވެފައެވެ. ފަހަރެއްގައި ވެސް އޭނަގެ ކެބިންއަށް ބައްޕަ އައިސްދާނެ ކަމަކަށް ޒަރާރް އުއްމީދެއް ނުކުރެއެވެ. ސިހުމުގެ އަސަރު ފިލައިގެން ނުދިޔައީ އެހެންވެގެންނެވެ. އިސްވެ އޭނައާއި ބައްޕަ ވާހަކަދެއްކުމުން އަބުއިވެފައި ހުރެވުނީ އެހެންވެގެންނެވެ.

''ރަނގަޅު...'' ސޯފާގައި އިށީންނަމުން ޒަރާރް ބުންޏެވެ. ދެބަފައިންގެ ދެމެދުގައި ފުޅާމިން ނޭނގޭ ހުސް ޖާގައެއް އޮތެވެ. ބީރައްޓެހިކަން ފިލައިގެން ނުދެއެވެ.

''ޒަރާރް، ބައްޕަ...'' މަސްރޫރު ބުނަން އުޅުނެވެ. އޭނަ އެނބުރުނީ ޒަރާރްއާއި ދިމާއަށެވެ. ދެން އެދެމެދަށް ވެރިވީ ހަމަހިމޭންކަމެވެ.

ހިމޭންކަމުގެ ސުކޫތު ދިގުލައިގެން ދިއުމާއެކު މިފަހަރު ވެސް ބައްޕަގެ ފަރާތުން ކުރިއެރުމެއް ނުލިބޭނެކަމަށް ޒަރާރްއަށް ހީކުރެވުނެވެ. އެއާއެކު އޭނަ މާޔޫސް ވިއެވެ. މިނުތަނަވަސްކަމަށް ނިމުމެއް އަންނާނެ ހެއްޔެވެ؟ ހަޤީޤަތުގައި ބައްޕަ އައުމުން ޒަރާރް އުފާވިއެވެ. ބައްޕަގެ ފަރާތުން އިޝާރާތެއް ލިބިދާނެތީ އުފާވެރިކަމުގެ އޮޔެވަރު މޭގައި އުފެދުނެވެ. ނަމަވެސް ފާއިތުވާން ފެށި ކޮންމެ ސިކުންތަކާއެކު، އުއްމީދުގެ ހުޅުކޮޅު ފަނޑުވާން ފެށިއެވެ. އެނުތަވަސްކަމުގެ ތެރޭގައި ވަނިކޮށް އަނެއްކާ ވެސް ބައްޕަ ވާހަކަދައްކަން ފެށިއެވެ. ހަމަޖެހުމުގެ ނޭވާއެއް ޒަރާރްއަށް ދޫކޮށްލެވުނީ ދެނެވެ.

މަސްރޫރު ދެއްކީ ޒަރާރްއާއި ހަވާލުކުރުމަށް އޭނަ ނިންމި ޕްރޮޖެކްޓްތަކުގެ ވާހަކައެވެ. ކުންފުނީގެ މާހައުލަށް ހޭނުމުން އިތުރު ޒިންމާތަކާއި މަސްޢޫލިއްޔަތުތައް ހަވާލުކުރެވޭނެކަން ވެސް ބުނެދިނެވެ. އެއްފަހަރާ ހުރިހާ ޒިންމާއެއް އުފުލުމުގެ ބަދަލުގައި، މަސްރޫރު ބޭނުންވީ ލަސްލަހުން އޭނަގެ އިރުޝާދުގެ ދަށުން ޒަރާރްއަށް ކަންތައްތައް ދަސްކޮށްދޭށެވެ. ފަހު ނޭވާވަޅަށް އެޅިފައިވި ދެބަފައިންގެ ގުޅުން އާރާސްތުކުރަން އޭނައަށް ފެނުނު ހަމައެކަނި ގޮތަކީ އެއެވެ. ޒަރާރް ގާތަށް އޭނަ އައީ އެމަޤުސަދުގައެވެ. އޭނަގެ ބަހަށް ޝަކުވާއަކާނުލައި ޒަރާރް ބޯލެނބުމުން ހަމަޖެހުން ލިބުނެވެ. ދައްޔާން ނަމަ އޭނައާއި ދެބަސްވީހެވެ.

''ދެން އެންމެ އަވަހަށް ފެށޭނީ ހުޅުމާލޭގައި ހުޅުވަން އުޅޭ ބުޓީކް ހޮޓެލްގެ ޕްރެޖެކްޓް، މިއަދު އޮންނާނެ ހާއްސަ މީޓިންގްއެއް، އެމީޓިންގައި ޕްރޮޖެކްޓާ ހަވާލުވެ ތިބި ހުރިހާ ކުންފުންޏެއްގެ އިސްވެރިންނާ ބައްދަލުވާނެ...'' މަސްރޫރު ބުންޏެވެ. އޭނަ ގެނައި ފައިލު ޒަރާރްގެ އަތަށް މަސްރޫރު ދިއްކޮށްލިއެވެ.

ފައިލުގައި ހިފުމުގެ ކުރިން ބައްޕަގެ މޫނަށް ޒަރާރް ބަލައިލިއެވެ. ޒަރާރް ނިންމީ އެއީ އިމްތިހާނެއް ކަމަށެވެ. ސީ.އީ.އޯގެ މަޤާމުގައި ކުރިއަށް ދިއުމަށް އޭނަގެ ޤާބިލިއްޔަތުކަން ހުރި މިންވަރު ބަލަން ބައްޕަ ބޭނުންވަނީ ކަމަށެވެ. އެހެންކަމަށް ވާނަމަ އެޕްރޮޖެކްޓާ އޭނަ ހަވާލުވާނީ މުޅިން އައު އަޒުމަކާއެކުގައެވެ.

''އައި ވޯންޓް ޑިސްއެޕޮއިންޓް ޔޫ...'' ފައިލު ބަލަމުން ޒަރާރް ބުންޏެވެ.

''ޒަރާރް...'' މަސްރޫރަށް ގޮވާލެވުނެވެ. ޒަރާރްގެ ޖުމްލައިން އޭނަ ކަންބޮޑުވިއެވެ. ފަހަރެއްގައި ވެސް ޒަރާރްއާ މެދު އޭނަ ސުވާލުއުފައްދަނީއެއް ނޫނެވެ. މަސްރޫރް އަވަސްވެގަތީ ޒަރާރްއަށް އެކަން ބުނެދޭށެވެ.

''ބައްޕައަށް އިނގޭ ޒަރާރް މި ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ކުރިއަށް ގެންދާނެކަން...'' މަސްރޫރު ބުންޏެވެ. ހިތުގައި ފޮރުވިފައިވި ހުރިހާ ވާހަކައެއް ދުލާ ހަމައަށް ގެންނަން މަސްރޫރަށް ފަސޭހައެއް ނުވިއެވެ. ނަމަވެސް ޒަރާރްއާ މެދު ފަހުރުވެރިވާކަން ކޮންމެވެސް ގޮތަކުން ބުނެދިވިއްޖެކަމަށް މަސްރޫރު އުއްމީދުކުރިއެވެ. ހަމައެއާއެކު އެއީ ފެށުމެއް ކަމުގައި އޭނަ ޤަބޫލުކުރިއެވެ. ހިތުގެ އިހުސާސްތަކާ ކުރިމަތިލާން ނިންމި ނިންމުމުގެ މަތީގައި ސާބިތުވެ ހުންނަން މަސްރޫރު ބޭނުމެވެ. ޒަރާރްގެ މަޢާފް އޭނައަށް ލިބޭނީ އޭރުންނެވެ. ކުށްވެރިކަމުގެ އިހުސާސްތަކާ ދުރުވާން އޭނަގެ ނަފުސު ތެޅިފޮލެނީއެވެ. ހަމަނޭވާލާން ދަތިވެފައިވާތާ އަހަރުތަކެއް ވެއްޖެއެވެ.

*****

މީޓިންގެ ވަގުތު ނުތަންވަޅުވުމުން ތަނާލްގެ މެޔަށް ފިނިވާން ފެށިއެވެ. އެބަދަލު އޭނައަށް އައިސްފައިވަނީ ޒަރާރްއާއި ކުރިމަތިލާންޖެހޭނެތީއެވެ. އެރޭގެ ބައްދަލުވުން މަތިން ޒަރާރް ހަނދާން ހުންނާނެ ބާވައޭ ވެސް ހިތާ ސުވާލުކޮށްލެވުނެވެ. އޭނަ ފެނުމުން އެނގޭނެ ހެއްޔެވެ؟ އޭނަ ހުރި ހާލަތާ ގުޅުވައިގެން ޒަރާރް ސުވާލެއްކޮށްފިނަމަ ތެދުތެދަށް ޖަވާބު ދެވޭނެ ހެއްޔެވެ؟ ތަނާލް ފިކުރުބޮޑުވާން ފެށީ ބައްޕަގެ ކުރިމަތީ ޒަރާރް އޮޅުފިލުވަން އުޅެފާނެތީއެވެ.

ސުވާލުތައް ސިކުނޑީގައި ފުނިޖެހިފައި ވަނިކޮށް، މީޓިންގް ހަމަޖެހުނު ގަޑިއަށް ބައްޕައާއެކު ތަނާލް ދިޔައެވެ. މީޓިންގް އޮތީ ސަރުވާ އިންޑަސްޓްރީސްގެ އޮފީސް އިމާރާތުގައެވެ. ތަނާލްމެން ދިއުމާއެކު ލޮބީގައި ހުރި ޒުވާން އުމުރުފުރާގެ އަންހެންކުއްޖާ އިރުޝާދުދިނީ ތިންވަނަ ފަންގިފިލާގައި ހުންނަ މީޓިންގް ހޯލަށް ދިއުމަށެވެ. ޝުކުރު އަދާކުރަމުން ބައްޕަގެ ފަހަތުން ތަނާލް ލިފްޓަށް އެރިއެވެ. ކޮނޑުގައި އަޅުވާފައި އޮތް އަތް ދަބަހުގެ ދިގު ވާގަނޑުގާއި ކުޅެލެވީ ހިތްނުތަނަވަސްވުމުންނެވެ.

ލިފްޓްގެ ދޮރު ހުޅުވުމާއެކު ފުރަތަމަ ފޭބީ ތަނާލް އެވެ. އޭނަގެ ފިޔަވަޅުތައް މަޑުޖެހިލީ އެހެން ލިފްޓަކުން ފޭބި ޒަރާރް ފެނުމުންނެވެ. އަތުގައި އޮތް ފޯނާއި ޒަރާރް ނަޒަރުވަކިކޮށްލީ އެއްދަނޑިވަޅެއްގައިކަމުން، ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވިއެވެ. ޒަރާރްގެ ދެލޮލަށް ވެރިވިގެން އައި ޝުޢޫރުތައް ތަނާލްއަށް ނަގައިގަނެވުނެވެ. އެއާއެކު ތަނާލްގެ ހަށިގަނޑަށް އާދަޔާ ޚިލާފު ފިނިކަމެއް އިހުސާސްކުރެވުނެވެ. ޒަރާރްގެ ދެލޮލުން ހެކިދިނީ އެރޭގެ ހާދިސާ ޒަރާރްގެ ހަނދާނުން ނުފިލާކަމެވެ. ނަމަވެސް އެކަމާއި ގުޅިގެން ޒަރާރް ސުވާލެއް ނުކުރި އެވެ. އެބައްދަލުވުން ދެމި އޮތީ ސިއްރެއްގެ ގޮތުގައެވެ. އެތުންފަތަށް ވެރިވި މާނަފުން ހިނިތުންވުމުން އެކަމަށް ހެކިދިނެވެ. އުސްމިން ނޭނގޭ ބިޔަރާޅުތައް އުފަދަމުން ދިޔަ ސިކުނޑީގެ ހަލަބޮލިކަމަށް ޒަރާރްގެ އެހިނިތުންވުމުން ނިމުމެއް ގެނައުމުން ތަނާލް ހައިރާންވި އެވެ.

''މަސްރޫރު...'' ބައްޕަގެ އަޑަށް ވަށައިގެންވި މާހައުލަށް ތަނާލް ސަމާލުވެލިއެވެ. ޒަރާރްގެ ފަހަތުން ހުއްޓުނު މީހާ ތަނާލްއަށް ފެނުނީ ދެނެވެ. ޒަރާރްއާއި އެއްގޮތް ސިފަތަކެއް ހުރުމުން އެއީ ކާކުކަން ފަސޭހަކަމާއެކު ނަގައިގަނެވުނެވެ.

''ހާރޫން...'' ރައްދުގައި މަސްރޫރު ބުންޏެވެ.

''މީ އަޅުގަނޑުގެ ދަރިފުޅު ތަނާލް...'' މަސްރޫރަށް ތަނާލް ތަޢާރަފްކޮށްދެމުން ހާރޫން ބުންޏެވެ. މީޓިންގްއަށް ގެނެވުނު ބަދަލުތައް މަސްރޫރާ ހާރޫން އޮތީ މަޝްވަރާކޮށްފައެވެ. ފަހު ވަގުތު ބަދަލުތަކެއް ގެންނަން ޖެހުމުން މަސްރޫރު ހިތްހަމަނުޖެހުނަސް، ޚުދު އޭނަ ވެސް ބަދަލުތަކެއް ގެނައުމަށް ނިންމުމުން، އިތުރަށް އެކަމާ ގުޅިގެން އެއްޗެއް ބުނެފައެއް ނެތެވެ.

މަސްރޫރާއި ސަލާންކޮށްލުމަށް ތަނާލް އަތްތިލަ ދިއްކޮށްލިއެވެ. ތަނާލްގެ އަތުގައި ހިފަމުން މަސްރޫރު ވެސް ޒަރާރްގެ ތަޢާރަފެއް ދިނެވެ. އެއާއެކު ތަނާލް އިތުރަށް ފިނިވެއްޖެއެވެ. ޒަރާރްއާއި ސަލާންކުރަން ޖެހޭނެތީއެވެ. އެޚިޔާލާއެކު ހިތުގެ ތެޅުން އަވަސްވާންފެށި އެވެ.

ތަނާލްއަށް ވުރެ ކުރިން ސަލާމަށް އަތްތިލަ ދިއްކުރީ ޒަރާރް އެވެ. ފުޅާ ހިނިތުންވުމަކާއެކުގަ އެވެ. ޒަރާރްގެ އަތްތިލައަށް ތަނާލް ބަލައިލި އެވެ. ވަގުތު ދިގުލައިގެން ގޮސް ސުވާލު އުފެދިދާނެތީ ޒަރާރްގެ އަތުގައި ތަނާލް ހިފި އެވެ. ފަޅި ސިކުންތުކޮޅަކަށް ދެމިގެން ދިޔަ ވަގުތުކޮޅެކެވެ. ތަނާލްގެ އަތުން ފުރަތަމަ ދޫކޮށްލީ ޒަރާރް އެވެ. ތަނާލްގެ އިޒުނައާ ނުލައި އިތުރަށް އެއަތުގައި ހިފަހައްޓައިގެން ހުންނަން ބޭނުންނުވާ ކަހަލަ އެވެ. ތަނާލްއަށް ފާހަގަ ކުރެވުނެވެ.

*****

މީޓިންގް ފެށުމާއެކު ތަނާލްގެ ނަޒަރު ޒަރާރްގެ މޫނަށް ހުއްޓުނެވެ. ޒަރާރްއަށް ތަނާލް ބަލަމުން ދިޔައީ ހައްލުކުރަން ބޭނުންވެފައިވާ އަރަތެއް ފަދައިންނެވެ. ޒަރާރްއާއި ވާހަކަދައްކާލަން އޭނަ ބޭނުމެވެ. ޝުކުރުއަދާކުރުމަށްޓަކައެވެ. އެފުރުސަތު ހޯދާނެ ގޮތަކާ މެދު ވިސްނާލެވުނެވެ.

ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައިވަނިކޮށް މީޓިންގް ވެސް ނިމިއްޖެއެވެ. އެއީ ޕްރޮޖްކެޓްގެ އެކިއެކި ދާއިރާތައް ކޮންޓްރެކްޓް އުސޫލުން ހަވާލުކުރެވުނު ކުންފުނިތަކާ ދެމެދު ކުރެވުނު މަޝްވަރާތަކެކެވެ. ދީފައި އޮތް މުހުލަތުގެ ތެރޭގައި ކާމިޔާބުކަމާއެކު މަސައްކަތް ނިންމުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

މީޓިންގް ނިމުމުން އިތުރަށް މަޑުކުރެވޭނެ ގޮތެއް ނުވިއެވެ. އެހެންކަމުން ބައްޕަގެ ފަހަތުން މީޓިންގް ރޫމުން ނިކުންނަން ތަނާލް ހިނގައިގަތެވެ. ދަނޑިވަޅުގެ ގޮތުން ޒަރާރްއާއި ވާހަކަދެއްކުން އެއީ އެންމެ މުނާސަބު ވަގުތަށް ނުވާތީއެވެ. ހަވާލުވި ޕްރޮޖެކްޓްގެ ގޮތުން ޒަރާރްއާއި އެކިފަހަރު މަތިން ބައްދަލުކުރަން ޖެހޭނެ އެވެ. އެއިން މީޓިންގްއެއްގެ ތެރޭގައި ޒަރާރްއާއި ވާހަކަދައްކަން ތަނާލް ނިންމި އެވެ. އެކުގައި މަސައްކަތްކުރާނަމަ ރަނގަޅު ގުޅުމެއް ދަމަހައްޓަން ޖެހޭނެ އެވެ.

ތަނާލް ނިކުންނަން ދެން ބަލަހައްޓައިގެން ޒަރާރް އިނެވެ. ތަނާލްއާއި ދެވަނަ ފަހަރަށް ބައްދަލުވެދާނެ ކަމަށް އޭނަ ހިޔެއް ނުކުރެ އެވެ. ތަނާލް ފެނުމުން ލިބުނު ހައިރާންކަމުގެ އަސަރު ފިލާނުދިޔައީ އެހެންވެގެންނެވެ. އެއަންހެންކުއްޖާއާ މެދު ސުވާލު އުފެދިފައި ވަނިކޮށް އެންމެފަހުން ނަން ވެސް އެނގުނީތާ އެވެ.

''ތަނާލް...'' ޒަރާރްއަށް ހިތުގެ ދުލުން ކިޔާލެވުނެވެ. އޭނަގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ''ނައިސް ނޭމް...''

*****

ހަވީރެވެ. ޖާބިރާއި ސަރުވާ ތިބީ ގޭގެ ޕާޓިއޯގައެވެ. ހަވީރު ސަޔަށް އިންސާފުކުރުމަށެވެ. ބޯކޮށްވެހެމުންދާ ވާރެއަށް ހުއްޓުމެއް ނާދެއެވެ. މެންދުރު އަތަށް އެޅިފަހުން ވާރޭ ތުނިކޮށްލިޔަސް، ޢަޞްރަށް ފަހު އަނެއްކާ ވެހެން ފެށީއެވެ. އޭގެ ސަބަބުން ފަޒާގައި ހިފާލާފައި އޮތީ އާދަޔާ ހިލާފު ތެތްފިނިކަމެކެވެ.

''ކޮބާތަ ޒަރާރް، މިއަންނަނީއޭ ބުނި ކުއްޖާ ބަހަބަރު...'' ސަރުވާއަށް ބުނެވުނެވެ.

އޮފީސް ނިންމާފައި ގެއަށް އާދެވުމާއެކު ކާފައާއި މާމައާ ބައްދަލުކޮށްލަމުން ޒަރާރް ދިޔައީ އޭނަގެ ކޮޓަރިއަށެވެ. ފެންވަރާ ތާޒާ ވެލުމަށެވެ. އޭރުއްސުރެން ސަރުވާ އެއިންނަނީ ޒަރާރްގެ އިންތިޒާރުގައެވެ. ފުރަތަމަ ދުވަސް ދިޔަ ގޮތެއް އޮޅުންފިލުވުމަށެވެ. އަޒީލާގެ ނުފޫޒާ ދުރުން ޒަރާރްއާއި ބައްދަލުވުމުން މަސްރޫރު ކަންތައްކުރި ގޮތެއް ބެލުމަށެވެ.

''އެއޮތް އައީ...... ދަރިފުޅު ނައިސްގެން މާމަ އުޅެނީ...'' ލުއި ހިނިތުންވުމަކާއެކު ޖާބިރު ވާހަކަދެއްކީ ޕާޓިއޯއަށް ނިކުތް ޒަރާރްއާއެވެ.

ނޫކުލައިގެ ޕޯލޯ ޓީޝާޓަކާއި ކްރީމް ކުލައިގެ ޗީނޯ ޕޭންޓެއްގައި ހުރި ޒަރާރް ފެންނަނީ ވަރަށް ސްމާޓްކޮށެވެ. ތެތްކަން އެކުލެވިގެންވި އިސްތަށިގަނޑުގައި އަތްތިލަ ހިންގާލަމުން ބައެއް އިސްތަށިތައް ނިއްކުރިމައްޗަށް ވެއްޓުނެވެ.

ޒަރާރްއަށް ސަރުވާ އިޝާރާތްކޮށްލީ އޭނަގެ ގާތުގައި އިށީނުމަށެވެ. ސޯފާގައި އިށީންނަމުން ޒަރާރް ބަލައިލީ ހަވީރު ސަޔަށް ގެނެސްފައި ހުރި އެއްޗިއްސަށެވެ. ވަތުތަށްޓަކަށް ޑެނިޝް ޕޭސްޓްރީ ކޮޅެއް ލަމުން ސޯފާގައި ހަމަޖެހިލިއެވެ. އެއަށްފަހު އޭނަ ބަލައިލީ މާމަ އަށެވެ. މާމަގެ މޫނަށް ދިން ފުރަތަމަ ނަޒަރާއެކު، މާމަގެ ހިތުގައި ފޮރުވިފައިވި ސުވާލުތައް ޒަރާރް ނަގައިގަތެވެ. އޭނަގެ ތުންފަތަށް ވެރިވީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. މިއަދު ހެނދުނު ބައްޕައާ ދެކެވުނު ވާހަކަތަކަށް ފަހު، ޒަރާރްގެ ސިކުނޑީގެ ވާންކަމަށް ލުޔެއް ލިބިއްޖެއެވެ.

ޒަރާރް ކިޔައިދިނެވެ. އަޑުއަހަން އިން ސަރުވާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ޖާބިރުގެ މޫނުން ވެސް އެފަދަ ޝުއޫރުތަކެއް ފާޅުވިއެވެ. ނަމަވެސް މަސްރޫރަށް އެހާ ފަސޭހައިން މަޢާފްކުރުމުގެ ޚިޔާލެއް ޖާބިރުގެ ނެތެވެ. އަޒީލާ ދެކެ އަންނަ ރުޅިއެއްގެ ސަބަބުންނެވެ. ސަރުވާ އޭނަ ގާތު އާދޭސްނުކުރިނަމަ ޖާބިރު ހުރީ މަސްރޫރާ އޮތް ގުޅުން ކަނޑާލާށެވެ. އެހެނަސް ލޯބިވާ އަނބިމީހާ ކުރި އާދޭސްތަކުން ޖާބިރަށް މަޖުބޫރުވީ މަސްރޫރު ދެކެ އަންނަ ރުޅިގަނޑު މަތަ ކުރާށެވެ. ޅީދަރިފުޅުގެ ގޮތުގައި އަޒީލާ ޤަބޫލުކުރާށެވެ. އަޒީލާ ދެކެ ކިތަންމެ ވަރަކަށް ނަފުރަތު ކުރިޔަސް، ދައްޔާންދެކެ ޖާބިރު ލޯބި ވެއެވެ. ކާފަ ދަރިއެއްކަމުގައި ބަލައެވެ. އޭނައަށް ކަމުނުދަނީ ދައްޔާނަށް އަޒީލާ ދީފައި ހުރި ތަރުބިއްޔަތެވެ. ފާޅުގައި އެކަމަށް ޖާބިރު ފާޑުކިޔައެވެ.

ސިއްރިޔާތުގައި ޖާބިރުމެންގެ ވާހަކަތައް އަޑުއަހަން ހުރި އަޒީލާގެ މޫނުން ފެންނަނީ ރުޅިވެރިކަމެވެ. ޕާޓިއޯއަށް ނިކުންނަ ދޮރުގެ ފަރުދާތައް ކައިރީ، ސަރުވާމެނަށް ނުފެންނަހެން ފިލާ ހުރީ ދެކެވޭ ވާހަކަތައް އަޑު އަހާށެވެ. އޭނައާއި ދައްޔާނުގެ ސަލާމަތާއި ރައްކާތެރިކަން ހޯދަން ޖެހިފައިވަނީ އަމިއްލަށެވެ. އެހެންކަމުން އޭނަ ފާރަލަމުން އެދަނީ ރަނގަޅު ދަނޑިވަޅެއް ފެނޭތޯއެވެ.

ރުޅި ކޮންޓްރޯލް ނުވެދާނެކަމުގެ ބިރާއެކު އަޒީލާ އަވަސްވެގަތީ އެތަނުން ދާށެވެ. ފުސް މޫނު ހަދައިގެން ހުރެ އަޒީލާ މިސްރާބުޖެހީ ދައްޔާންގެ ކޮޓަރިއަށެވެ. ދޮރުގައި ޓަކިދެމުން މަޑުކުރުމެއްނެތި އެތެރެއަށް ވަންއިރު ދިރޭ ފުރާނައެއްގެ ހިލަމެއް ނުވިއެވެ.

''ދާން؟...'' އަޒީލާ ގޮވިއެވެ. ކޮޓަރީގެ ބޮކިތައް ދިއްލައި މުޅިތަން އަލިކޮށްލިއެވެ. ފާޚަނާ ވެސް ހުޅުވައި ބަލައިލެވުނެވެ.

''މިހާރު ކޮންތަނަކަށް ދިޔައީ، ކިހާ ދެރަ ކަމެއްތަ ދެން!...'' ދަތްކުނޑިވިކަމުން އަޒީލާ މަސައްކަތްކުރީ ދައްޔާނަށް ގުޅާށެވެ. ރިންގު ދިގުލާން ފެށުމުން އޭނައަށް ބުމަގޮށްޖަހާލެވުނެވެ.

''ވަރެއްގެ ދަރިއެއް މަށަށް ލިބިފަ މިހިރީ...'' އަޒީލާއަށް ބުނެވުނެވެ. ''އަހަރެން އެކަނިތަ ހާސްވާންޖެހެނީ؟... އެހާ ވަރަށް ވިސްނައިގެން އުޅޭށޭ ބުނީމަ ވެސް ފަރުވާކުޑަކޮށްލައިގެން އުޅެނީ، އެއްޗެއް ބުނީމާ ގޯސް ވާނީ އަހަރެން... ދިޔަތަނެއް އެނގެނީއެއް ނޫން، މިއަދު އޮފީހަކަށް ނުދޭ............ އެންމެން ޒަރާރްއަށް ހުޝާމަދުކުރާތަން ބަލަން އަހަރެން ނުހުންނާން، ގޮތެއް ހޯދަން އެބަޖެހޭ...''

ސިކުނޑިއަށް ބާރުލަމުން އަޒީލާ ވިސްނިއެވެ. އެއާއެކު މޮޅު ޚިޔާލެއް ލިބުނެވެ. ރުޅިއާއި ނަފުރަތާއެކު ޒަރާރްއާ ކުރިމަތިލުމުގެ ބަދަލުގައި އުކުޅުތައް ބަދަލުކޮށްލަން އެބަޖެހެއެވެ. މަސްރޫރަށް ޝައްކެއް ނުވާނީ އޭރުންނެވެ.

''އާނ، އެހެން ހަދާނީ... ހުރިހާ ގުޅުމެއް ރަނގަޅުކުރަން ޒަރާރް ބޭނުމެއްނޫންތަ؟، އެހެންވީމަ އެފުރުސަތު އަހަރެން އޭނައަށް ދޭނަން، އެކަމަކު އަހަރެންގެ ބޭނުންތައް އޭނަގެ ފުށުން ހާސިލްކުރާނީ، ދަންޔާނަށް ޖާބިރުގެ ރުހުން ލިބޭނީ އޭރުން...'' މަކަރުވެރިކަމުގެ ހިނިތުންވުމެއް އަޒީލާގެ ތުންފަތުގައި ދުވެލިއެވެ. ދައްޔާންގެ ކޮޓަރިން ނިކުންނަން އަޒީލާ ހިނގައިގަތެވެ. ހީލަތްތެރިކަމުގެ ވިދުން އޭނަގެ ދެލޮލުން ފާޅުވެއެވެ.

*****

ދެ ހަފްތާ ފާއިތުވެގެން ދިޔައީ ބުރަކަމާއެކުގައެވެ. ހަމަ ނޭވާލުމަށް ވެސް ޒަރާރްއަށް ވަގުތެއް ނުވިއެވެ. ފުރަތަމަ ކަމަކަށް ކުރަންޖެހުނީ ސެކްރެޓަރީގެ މަޤާމަކަށް ކެންޑިޑޭޓަކު ހޮވުމުގެ މަސައްކަތެވެ. އެޗް.އާރުގެ އެހީއާއެކު ކުރެވުނު އިންޓަވިއުތަކުން، މަޤާމަށް ޒަރާރް ނެގީ އެންމެ ގިނަ ތަޖުރިބާ ހުރި ކެންޑިޑޭޓެވެ. ބުރުސޫރައާއި ރީތި ކަމަށް ބެލުމެއް ނެތިއެވެ. އިންޓަވިއުގައި ގިނަ އަންހެންކުދިން އުޅުނީ ޒަރާރްގެ ސަމާލުކަން ހޯދާށެވެ. އަޑު ތުއިކޮށްލާ ނޫނީ ދެމާނަ އެކުލެވިގެންވާ ޖުމްލަތައް ބުނެލާނެއެވެ. އެކަމާ ޒަރާރް ފޫހިވިއެވެ. އެހެންނޫނަސް އޭނަ ޝައުޤުވެރިވާނެ ސިފަތަކެއްގެ ކުއްޖަކާ ދިމާ ނުވިއެވެ.

ހެނދުނު ޒަރާރް އޮފީހަށް އައިއިރު ޔުމްނާ އިނީ ޒަރާރްގެ ސެކްރެޓަރީގެ މަޤާމާ ހަވާލުވި ދިލްފާއަށް ތަމްރީނުތަކެއް ދިނުމަށެވެ. ދިލްފާއަކީ އުމުރުން ތިރީހުގެ އަހަރުތައް ގުނަމުންދާ އެކަނިވެރި މައެކެވެ. ފިރިމީހާ ވަރިކުރުމުން ވަޒީފާގެ މާހައުލަށް ނިކުތީ ދަރިފުޅުގެ ހައްޤުގައެވެ. އޭނަގެ ތަޖުރިބާތަކަށް ބަލައި ވަޒީފާ ލިބުމުން ޒަރާރްއަށް ޝުކުރުވެރިވެވުނެވެ. އިންޓަވިއުއަށް އައި ޒުވާން އަންހެންކުދިން ފެނިފައިވުމުންނެވެ.

ދުވަހުގެ ސަލާން ބަދަލުކުރަމުން ޒަރާރް އޭނަގެ ކެބިންއަށް ވަނެވެ. އޭގެ ކުޑަ އިރުކޮޅެއްފަހުން ދޮރުގައި ޓަކިދެމުން ވަނީ ދިލްފާއެވެ. ޒަރާރްއާއި ހިނިތުންވުމެއް ބަދަލުކުރަމުން އޭނަގެ އަތުގައި އޮތް ފައިލު ދިއްކޮށްލިއެވެ. އެއަށްފަހު ޒަރާރްގެ ކަލަންޑަރު އަޕްޑޭޓް ކުރި ވާހަކަ ބުންޏެވެ. ފައިލުގައި ހިފަމުން ޒަރާރް ޝުކުރު އަދާކޮށްލިއެވެ. އެއަށްފަހު އޭނަ ސަމާލުވެލީ މަސައްކަތަށެވެ. ލެޕްޓޮޕުން ކަލަންޑަރު ހުޅުވާލުމާއެކު ޒަރާރްގެ ލޮލުގައި ފުރަތަމަ ވެސް އަޅައިގަތީ ހެނދުނު އެގާރައަށް ތާވަލުކުރެވުނު މީޓިންގްއެވެ. އޭނަގެ ތުންފަތުގައި ދުވެލީ ރީތި ހިނިތުންވުމެކެވެ.

(ނުނިމޭ)