ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދިޔަ 23 ވަނަ ގައުމީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަންވެސް ކްލަބް މެޓްރިކްސްއިން ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުރިއަށްދިޔަ ގައުމީ ނެޓްބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން މެޓްރިކްސް ހޯދީ ފައިނަލު ކުޅުދުއްފުށީ ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރުސީ) ބަލިކޮށްގެންނެވެ.

މެޓްރިކްސްއިން ފައިނަލުގައި 34-74 ޕޮއިންޓުން މެޗުން މޮޅުވި އިރު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ، މުބާރާތުގެވެސް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި "ކުއީން އޮފް ދި ސީރީޒް"، މެޓްރިކްސްގެ އައިމިނަތު ފިރުޝާއެވެ.

މިފަހަރު ގައުމީ ނެޓްބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރީ މެޓްރިކްސްއާއި ކޭވައިއާރްސީގެ އިތުރުން ކްލަބް ގްރީން ސްޓްރީޓްސް އަދި އެމްވީ ނެޓާސްއެވެ.

ގައުމީ މުބާރާތް ދެ ޑިވިޝަނަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައިވާ އިރު، ދެވަނަ ޑިވިޝަނުގެ ތަށި ސްޕޯޓްސް ކްލަބް ޝައިނިން ސްޓާއިން ހޯދީ ފައިނަލުގައި އެން ސްޕޯޓްސް އެކަޑަމީ ބަލިކުރުމަށް ފަހުއެވެ. ފައިނަލް މެޗުގައި ޝައިނިން ސްޓާ މޮޅުވީ 45-33 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއާއި ޑިިވިޝަނުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ޝަައިނިން ސްޓާގެ މަރިޔަމް ލައިޝާ ޝަރީފެވެ.

ނެޓްބޯޅަ އިތުރަށް ފުޅާކުރުމަަށް އެސޯސިއޭޝަނުން ވަނީ މިއަހަރު ލީގުވެސް ތައާރަފް ކޮށްދައެވެ. ފުރަތަމަ ލީގު ޗެމްޕިއަންކަން މެޓްރިކްސްއިން ހޯދީ ލީގުގައި ކުޅުނު ފަސް މެޗުންވެސް މޮޅުވެގެންނެވެ.