ހުޅުމާލޭގައި ހަދާ އިންޑޯ ފުޓްސަލް އަދި އިންޑޯ ނެޓްބޯލް ކޮމްޕްލެކްސްގެ ތަފްސީލީ މައުލޫމާތުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ހިއްސާކުރައްވައިފިއެވެ.

ސަންގު ޓީވީން އިންތިޒާމުކޮށްގެން ރޭ ބޭއްވި ޒުވާނުންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ފުޓްސަލް އަދި ނެޓްބޯޅަ ކޮމްޕްލެކްސް އަކީ ވެސް ބިން ހަވާލުކުރެވި، އެއްބަސްވުމުގައި ސޮއިކުރެވި އަދި ފައިސާ ވެސް ހަމަޖެހިފައިވާ މަޝްރޫއުތަކެއް ކަމަށެވެ.

"މިހާރު ހިނގާ ހަނގުރާމައާ ގުޅިގެން އަޅުގަނޑުމެން ހަރަދު ކުޑަކުރުމުގެ ތެރެއިން ވެސް ސްޓަކް ނުވާނެ ފައިނޭންސް މިއީ. ގެރެންޓީކޮށް ފްލޯ ފައިނޭންސް ހަމަޖެހިފައި ހުރި ޕްރޮޖެކްޓުތައް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންޑޯ ފުޓްސަލް ކޮމްޕްލެކްސްގެ އެންމެ ތިރީގައި ހިމެނޭނީ އިންޓަނޭޝަނަލް މުބާރާތައްތައް ކުޅެވޭ ފުޓްސަލް ސްޓޭޑިއަމެއް ކަމަށާއި އޭގެ މައްޗަށް ހިމެނޭ ދެ ފަންގިފިލާގައި ތަމްރީނުތަކަށް ހާއްސަ ފުޓްސަލް ޕްރެކްޓިސް ޕިޗްތައް ހިމެނޭނެ ކަމަށެވެ. އޭގެ އިތުރުން ކްލާސްރޫމްތަކާއި ލޮކަރުތަކާއި ފަސްޓް އެއިޑް އަދި ކެފެޓީރިއާއެއް ހިމެނޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ނެޓްބޯޅަ ކޮމްޕްލެކްސް ވެސް ހަމަ އެ ކޮންސެޕްޓުގައި ހެދިގެންދާނެ ކަމަށާއި އެގޮތުން އެންމެ ތިރީގައި ހިމެނޭނީ އިންޓަނޭޝަނަލް ނެޓްބޯލް މުބާރާތްތައް ބޭއްވޭ ސްޓޭޑިއަމެއް ކަމަށެވެ. މަތީ ދެ ފަންގިފިލާގައި ހަތަރު ނެޓްބޯލް ކޯޓާއި ޓްރެއިނިން ފެސިލިޓީސް އާއި ހުރިހާ ކަމެއް ހިމެނިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ ދެ ކޮމްޕްލެކްސްގެ މަސައްކަތް ވެސް މިއަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހު ތައިލެންޑުގައި ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ހުރިހާ މެޗެއް ކާމިޔާބުކޮށްގެން ރާއްޖެއިން ޗެމްޕިއަންކަން ހޯދާފައިވާ އިރު، ކުޅުންތެރިން އަބަދުވެސް އެންމެ ބޮޑަށް ފާހަގަކުރާ އެއް ކަންބޮޑުވުމަކަށް ވެފައިވަނީ އިންޑޯ ފުޓްސަލް ދަނޑުތަކެއް ރާއްޖޭގައި ނެތުމުގެ ކަންބޮޑުވުމެވެ.