ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުންގެ ލީޑާޝިޕާއި ޕްރޮފެޝަނަލް ހުނަރު ތަރައްގީކުރުމަށް ސިންގަޕޯ މެނޭޖްމަންޓް ޔުނިވާސިޓީ (އެސްއެމްޔޫ) އާއެކު ސްޓްރެޓެޖިކް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ މި އެއްބަސްވުމުގެ ދަށުން ބީއެމްއެލް އެކެޑަމީއާއި އެސްއެމްޔޫގެ ޕްރޮފެޝަނަލް ތަމްރީނަށް ހާއްސަ އެސްއެމްޔޫ އެކެޑަމީއާ ދެމެދު މިހާރު ވެސް އޮތް ގުޅުން އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ. މި ގުޅުމުގެ ތެރެއިން ބީއެމްއެލްގެ މުވައްޒަފުންނަށް ހާއްސަކޮށް ތައްޔާރުކުރެވޭ ތަމްރީނު ޕްރޮގްރާމްތައް ފަރުމާކުރުމާއި ހިންގުމުގައި އެސްއެމްޔޫ އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ބޭންކުން ބުންޏެވެ. އަދި މައުލޫމާތާއި ހުނަރު ބަދަލުކުރުމުގެ ތެރެއިން ބޭންކުގެ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރެވޭނެ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.
މި އެއްބަސްވުމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މި ޕާޓްނާޝިޕުން ރަނގަޅު ލީޑަރުން ބިނާކުރުމަށާއި ބޭންކުގެ ހުރިހާ ދާއިރާއެއްގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތް ހާމަވެގެންދާ ކަމަށެވެ.
"ދިވެހިރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން، އިގުތިސާދު ބައްޓަންކުރުމުގައި އަޅުގަނޑުމެން މުހިންމު ދައުރެއް އަދާކުރަން. ބީއެމްއެލް އެކެޑަމީ މެދުވެރިކޮށް، އަޅުގަނޑުމެން މި ބިނާކުރަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، ސްޓްރަކްޗާޑް ތައުލީމީ ޕްރޮގްރާމްތަކެއް. މިއާއެކު އަޅުގަނޑުމެންގެ އިގުތިސާދުގެ ލީޑަރުންގެ ގޮތުގައި މުސްތަގުބަލުގައި ތިބޭނެ ފަރާތްތައް ބާރުވެރިކުރެވިގެން މިދަނީ،" ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލުން ބުނިގޮތުގައި ވޭތުވެދިޔަ އަހަރު އެސްއެމްޔޫ އާއެކު ކުރިއަށްގެންދިޔަ ޕްރޮގްރާމްތަކުގައި ބީއެމްއެލްގެ 40 މުވައްޒަފަކު ވަނީ ލީޑާޝިޕް ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ނިންމައިފައެވެ. އެގޮތުން ސީނިއާ 20 މުވައްޒަފަކު އެސްއެމްޔޫ އިން ދޭ "އެގްޒެކެޓިވް ސެޓިފިކެޓް އިން ލީޑާޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް" ހާސިލުކޮށްފައިވާ އިރު، އިތުރު 20 މުވައްޒަފަކު ވަނީ ބީއެމްއެލް އެކެޑަމީ މެދުވެރިކޮށް "ސެޓިފިކެޓް އިން ލީޑާޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް" ހާސިލުކޮށްފައެވެ. މިފަދަ އިތުރު ތަމްރީނުތައް މިހާރު ވެސް ހިނގަމުންދާ ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލުން ދަނީ މުވައްޒަފުން ތަރައްގީކުރުމަށާއި މުޅި މުއައްސަސާގެ ގާބިލުކަން އިތުރުކުރުމަށް އިންވެސްޓްކުރަމުންނެވެ. މިއީ ބީއެމްއެލުން ގެންނަމުން އަންނަ ހެޔޮ ބަދަލުތަކަށާއި، ފެންވަރު ރަނގަޅު ބޭންކިން ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ލިބޭ ބޮޑު އެހީތެރިކަމެއް ކަމަށް އެ ބޭންކުން ގަބޫލުކުރެއެވެ. ބީއެމްއެލް އެކެޑަމީ މެދުވެރިކޮށް، އެ ބޭންކުން ދަނީ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން ފަންނީ ތަރައްގީގެ ޕްރޮގްރާމްތައް ހިންގަމުންނެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް