ދުނިޔޭގެ ވެކްސިން ހަފްތާ ފާހަގަކުރުމުގެ ގޮތުން، ވެކްސިންގެ މުހިންމުކަމާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ކޮންޓިނިއުއިން މެޑިކަލް އެޑިއުކޭޝަން (ސީއެމްއީ) ސެޝަނެއް ބާއްވައިފިއެވެ.
އެ ހޮސްޕިޓަލުން ނެރުނު ބަޔާނުގައިވާ ގޮތުން މި ހަފްތާގައި ކުރިއަށްގެންދިޔަ އެ ސެޝަންގެ މައިގަނޑު މަގުސަދަކީ ފަރުދީ އަދި މުޖުތަމައުގެ ދުޅަހެޔޮކަމަށް ވެކްސިން އަދާކުރާ މުހިންމު ދައުރަށް އަލިއަޅުވާލުމެވެ. ސެޝަންގައި މައުލޫމާތު ދެއްވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ސީނިއާ ކޮންސަލްޓަންޓް ޕީޑިއަޓްރީޝަން ޑރ. އަހުމަދު ފައިސަލެވެ.
އެ ބަޔާނުގައިވާ ގޮތުން ޑރ. ފައިސަލްގެ ޕްރެޒެންޓޭޝަންގައި ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ފުރާނައަށް ނުރައްކާވާ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިންގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މުޖުތަމައުގެ ބޮޑު އިންސައްތައެއް ވެކްސިން ފުރިހަމަކޮށް ހާޑް އިމިއުނިޓީ ހާސިލުކުރުމުގެ ބޭނުންތެރިކަމަށް ބާރުއެޅުއްވިއެވެ. އޭގެ އިތުރުން ވެކްސިން ޖެހުމަށް ފަސްޖެހޭ މައްސަލައާއި، އާންމުންގެ މެދުގައި އިތުބާރު އުފެއްދުމާއި، ވެކްސިންގެ ހިދުމަތްތައް ފުޅާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް ޑރ. ފައިސަލް ވާހަކަދެއްކެވިއެވެ.
އެ ސެޝަންގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް ޕީޑިއަޓްރީޝަން ޑރ. އެލެސަންޑްރާ މާޓިނޯވެސް ވަނީ މައުލޫމާތު ހިއްސާކުރައްވައިފައެވެ. އެ ހޮސްޕިޓަލުން ބުނީ ޑރ. މާޓިނޯގެ ވާހަކައިގައި ކުޑަކުދިންނަށް ދޭންޖެހޭ ވެކްސިންތައް ގަޑިއަށް ދިނުމާއި، ބެލެނިވެރިން ހޭލުންތެރިކުރުވުމުގައި ސިއްހީ ހިދުމަތްތެރިންގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން ވާހަކަދެއްކެވި ކަމަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ގައުމީ ފެންވަރުގައި ކުރިއަށްގެންދާ ވެކްސިން ޖެހުމުގެ ޕްރޮގްރާމްތަކަށް އެއްބާރުލުންދީ، ބަލިތަކުން ރައްކާތެރިވެފައިވާ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ނުހަނު އިސްކަންދޭ ހޮސްޕިޓަލެކެވެ. މިފަދަ ތައުލީމީ ސެޝަންތަކުގެ ސަބަބުން ސިއްހީ ހިދުމަތްތެރިންގެ މައުލޫމާތު އައުވެ، މުސްތަގުބަލުގެ ޖީލުތަކަށް ރައްކާތެރި މުޖުތަމައެއް ގާއިމުކުރުމަށް ކުރާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް 3351610 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން އެދެއެވެ.
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް