މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިއްކާ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފައިވާކަމަށް ޓޫރިޒަމް އެންޑް ސިވިލް އެވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އެމެރިކާއާއި އިޒްރޭލް އިސްވެ އޮވެ އިރާނަށް ދިން ވައިގެ ހަމަލާތަކުގެ މިހާރު ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކާއި އެހެން ކަންކަން ހައްލުކުރުމަށާއި، ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ ރާއްޖޭގައި ޖެޓް ފިއުލްގެ އަގު އުފުލިފައި އޮތުމަކީ އޭވިއޭޝަން ދާއިރާގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް މީގެކުރިން މީޑިއާތަކުންވެސް ފާހަގަކޮށްފައިވާކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ އެންމެ ފަހުން ޖެޓް ފިއުލް ލީޓަރެއްގެ އަގު ހުރީ 1.99 ޑޮލަރަށް ކަމަށެވެ. ނަމަވެސް ސަރުކާރުން އެމްއޭސީއެލްއާ އެކު ކުރި މަސައްކަތުން، މިދިޔަ ހުކުރު ދުވަހުން ފެށިގެން ވަނީ އަގަށް ހެޔޮ ބަދަލެއް ގެނެސްފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ސަރުކާރުން ވަރަށް ބޮޑަށް އެމްއޭސީއެލްއާ އެކީގައި މަސައްކަތް ކުރައްވައިގެން ޕާ ލީޓަރަކުން 24 ސެންޓް ތިރި ކުރެވިފައިވަނީ." އަމީން ވިދާޅުވިއެވެ.

އެ ބަދަލާއެކު މިހާރު ޖެޓް ފިއުލް ލީޓަރެއް ވިއްކާ އަގަކީ 1.75 ޑޮލަރުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.