ޗައިނާއިން އަންނަ މަހު ބޭރުކުރާ ތެލުގެ ޝިޕްމަންޓްތައް ގަންނަ އޭޝިއާ ޕެސިފިކް ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނާފައިވާކަމަށް "ރޮއިޓާސް"އިން ރިޕޯޓުކޮށްފިއެވެ.

ރޮއިޓާސްއިން މިއަދު އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން، ހޮންކޮންގް ފިޔަވައި އެހެން ސަރަހައްދުތަކަށް މެއި މަހުގެ ތެރޭގައި 500,000 މެޓްރިކް ޓަނުގެ ތެޔޮ (ޕެޓްރޯލް، ޑީސަލް އަދި ޖެޓް ފިއުލް) ބޭރުކުރުމަށް ޗައިނާ ސަރުކާރުން ވަނީ ހުއްދަ ދީފައެވެ.

ޗައިނާގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވަނީ، ޗައިނާއިން ބޭރުކުރާ އެ ތެޔޮ ލިބޭނެ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ، ބަންގްލަދޭޝް، ކެމްބޯޑިއާ، ލާއޯސް، މިޔަންމާ، ނިއު ޒީލެންޑް އަދި ސްރީލަންކާ ހިމެނޭ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ދިވެހި ސަރުކާރުގެ ރަސްމީ ބަހެއް ލިބިފައިނުވެއެވެ.

ރޮއިޓާސްގެ ރިޕޯޓުގައިވާ ގޮތުން، އެކްސްޕޯޓް ކުރުމަށް ހުއްދަ ދިން ތެލުގެ ބޮޑުބައި ހަވާލުކޮށްފައިވަނީ ޗައިނާގެ އެންމެ ބޮޑު އެއް ރިފައިނަރީ ކަމަށްވާ "ސިނޯޕެކް" އާއެވެ. މީގެ އިތުރުން "ޕެޓްރޯ ޗައިނާ" އަށް 150,000 ޓަނު އަދި "ސީއެންއޯއޯސީ" އަށް 40,000 ޓަނު ބޭރުކުރުމުގެ ހުއްދަ ވަނީ ދީފައެވެ.

އެ ޝިޕްމަންޓްތަކުގެ ތެރެއިން މަދުވެގެން 40 ޕަސަންޓަކީ ޑީސަލް އާއި ޖެޓް ފިއުލްކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.